Article Image

އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް ޒުވާނުން ހަދަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ

ޝެއަރ ކުރުމަށް

އަދުގެ ޒުވާނުން، ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށް ޓަކައި މި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް، އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް އެޒުވާނުން ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް މި އަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަން ޖެހޭކަމަށާއި، ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ތިމަންނާއަކީ ވެސް މި ޤައުމާ އެއްކޮޅަށް ބަސްބުނާން، މި ޤައުމުގެ ތަރައްޤީއަށް ޓަކައި ދާ އޮހޮރުވާން ހުރި ޒުވާނެއްކަން ހިތުގެ އަޑިން ޤަބޫލުކޮށް ކަމަރު ބަންނަ ޒުވާނަކަށް ހެދުމުގެ ޤައުމީ، ދީނީ މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ޖީލުގެ ކިބައިގައި ހުރި އިތުރަށް ފަރުވާ ބޭނުންވާކަންކަމަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށާއި ޚާއްޞަކޮށް އަޚްލާޤީ ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދުނިޔެއަށް އަލަށް އައި ޓެކްނޯލޮޖީއާއި އެކި ކަހަލަ ކުރިއެރުންތައް، އިންސާނީ މުޖުތަމަޢުތަކުގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އޭގެ ތެރޭގައި އިސްތިޢުމާރީ ޙަރަކާތްތަކުގެ ސަބަބުން އައި ބަދަލުތަކާއި ދުނިޔޭގައި ހިނގާ ސިޔާސީ އިޤްތިޞާދީ އެކި އޮއިވަރުތަކުގެ ރޯލު ވެސް ހިމެނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިއަދު ޒުވާނުން ބާރުވެރިކުރުވަން މަސައްކަތްކުރަމުން ދާ އިރު، މިކަންކަމަށް ވިސްނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ބަލާޤާތްތެރި ތަޤުރީރު ކުރިޔަށް ގެންދަވުމުން ވިދާޅުވީ، ޤައުމަކަށް ރޫޙާނީ ހުސްކަމާއި އީމާނީ ފަގީރުކަމެއް އައުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ. އޭރުން އެ ބައެއްގެ ޟަމީރުގައި ހެޔޮ ނުބައި ކަނޑައެޅުމުގެ ބާރެއް އާރެއް ނުހުންނާނެކަމަށެވެ. ދުނިޔޭގެ ވަޔާއި އޮޔާއެކު އެ ބަޔަކަށް އަމާޒު ދައްކައިދޭ އާރުކާޓީއަކަށް، އޭރުން ވާނީ ޝައިޠާނާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިއަދު ދިވެހި މުސްލިމު މުޖުތަމަޢަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ، މި ޤައުމުން ރޫޙާނީ ހުސްކަން ނައްތައިލުންކަމަށާއި ދިވެހި ކޮންމެ ދަރިޔެއްގެ ރޫޙާނީ ފުދުންތެރިކަން ކަށަވަރުކުރަން އެބަ ޖެހޭކަން، އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. މި ކަމަށް ޓަކައި މާތްވެގެންވާ އިސްލާމްދީން އޭގެ ޙަޤީޤީ މާނައިގައި އުނގަންނައިދީ، މި މާތް ދީން ފޮނުއްވުނު މަތިވެރި މަޤުޞަދާ އެއް ގޮތަށް ދަސްކޮށްދީ އަމަލީ ގޮތުން ހާނަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ. ޙަޔާތުގެ ކޮންމެ ކަމެއް ކުރުމާއި ނުކުރުމުގައި ގޮތް ނިންމާދޭ ޙުކުމްދާރަކީ މާތްވެގެންވާ އިސްލާމްދީންކަން އަމިއްލަ ވިސްނުމުން ކޮންމެ ދިވެއްސަކުމެ ކަނޑައަޅާން އެނގެން ޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.