ދޮގާއި ފުރައްސާރައަށް އިސްލާމީ ސަގާފަތުގައި ޖާގައެއް ނޯންނާނެ: ރައީސް
ޝެއަރ ކުރުމަށް
ދޮގާއި ފުރައްސާރައިގެ ބާޒާރަކީ އިސްލާމީ ސަގާފަތުގައި ޖާގައެއް އޮތް ބާޒާރެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މުސްލިމުންނަކީ ލޮލުން ބަލާ ބެލުމާއި، ދުލުން ބުނާ ބަހާއި، ކަންފަތުން އަޑުއަހާ އަޑުއެހުން ފަދަ ހުރިހާ ކަމެއްގައި މާތްﷲގެ ދަރުބާރުގައި ޖަވާބުދާރީވާންޖެހޭ ބައެއް ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ މަދަކީ އިސްލާމްދީންކަމަށްވާއިރު އެ ދީނުގެ ޖައުހަރަކީ ކީރިތި ޤުރުއާން ކަމަށެވެ. އަދި އެއީ މުސްލިމުން އެއަށް ޢަމަލުކުރުން ލާޒިމުވެގެންވާ އިސްލާމްދީނުގެ ދުސްތޫރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފޮތް އެންމެނަށް ދަސްކޮށްދެނީ އެއް ގޮތެއް ކަމަށާއި، އެއީ ކޮންމެ ކަމެއްގައިވެސް އެންމެ ހެޔޮ ގޮތް ކަމަށެވެ.
ނަމަވެސް ރާއްޖޭގެ މިހާރުގެ ހާލަަތަށް އަލިއަޅުވައްލައްވައި ރައީސްވަނީ ޤައުމުގެ މިއަދުގެ ޙާލަތާމެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން މުޖުތަމަޢުގައި މީހުންގެ މުދަލަށް ގެއްލުންދިނުމާއި، ކުޑަކުދީންގެ ކަރާމަތަށް އަރައިގަތުމާއި، ދޮގު ޚަބަރާއި ފިތުނަތައް ޢާންމުކުރުން ފަދަ އެތައް ނުބައިކމެއް ދިވެހި މުޖުތަމަޢުގައި ފެތުރިފައިވާ ސަބަބާމެދު ރައީސް ސުވާލުކުރެއްވިއެވެ.
" ދެން ކީއްވެތޯ މީހުންގެ މުދަލަށާއި ޖާނަށް ގެއްލުންތައް ދެވެމުންދަނީ؟ ކީއްވެތޯ މީހުންގެ އަބުރު ކަތިލަމުން އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ؟ ކީއްވެތޯ ކުޑަކުދީންގެ ކަރާމާތަށް ޙުރުމަތްތެރިކޮށް ނުހިތެނީ؟ ކީއްވެތޯ އަމިއްލަ ބުއްދިފިލައިދާ ފަދަ އަމަލުވުންތަކާއި އަމިއްލަ ޤައުމު ހަލާކުވެދާ ފަދަ ބަދުއަޚްލާޤީ އަމަލުތައް އާންމުވަމުންދަނީ؟ ކީއްވެތޯ ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރުވަމުންދަނީ؟ ކީއްވެތޯ ފިތުނައިގެ އަލިފާނުން މުޅި ޤައުމީ ފޭރާން އަޅިޔަށް ހަދާލާއިރު، އެއީ މިނިވަންކަމުގެ ޙައްޤުކަމަށް ހީކުރެވެނީ؟ މި ކަންކަމާ އިސްލާމްދީނާ ކުޑަ ވެސް ގުޅުމެއް ނެތެއް ނޫންތޯ؟ ކަނޑައެޅިގެން ދީނާ ޚިލާފު ނޫންތޯ؟،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގު ހަބަރު ފެތުރުމަށް ބެލިނަމަވެސް އެއީ މިހާރު ދިވެހި މުޖުތަމައުގައި މޫލާފައިވާ ބޮޑު ހަލާކެއް ކަމަށެވެ. އަދި ދޮގާއި އާޑަފުރައްސާރައާއި ނެތިނުބައިކިޔުމުގެ ބާޒާރުގައި ވަރަށް ގިނަ ބަޔަކު އަވަދިނެތި ޝާމިލުވެގެން އުޅޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި ޝާމިލުވާ މީހުންނަށް އެކަމުގައި އެކުލެވޭ ނުބައިކަމާއި ލިބޭ ގެއްލުމުގެ ބޮޑުކަން އިހުސާސްނުވޭތޯ ރައީސް ސުވާލު ކުރެއްވިއެވެ.
އަދި ދޮގާއި ފަސާދައާއި ފުރައްސާރައަކީ އިސްލާމީ ސަގާފަތުގައި ޖާގައެއް އޮތްކަމެއް ނޫންކަން ފާހަގަކުރައްވައި އެފަދަ ކަންކަން އިސްލާމީ ތާރީހުގެ ކުރީކޮޅުގައި އެއިރުގެ މުސްލިމު މުޖުތަމައުގައި ފެތުރެން ފެށުމުން އެކަންކަމާމެދު ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި އިންޒާރު ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ގޮތުން ދޮގާ ޣީބަޔާއި ފުރައްސާރަ އުފުލާ ފާސިޤުން ގެންނަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން އޭގެ ދޮގުތެދު ބެލުމަށް ކީރިތި ޤުރްއާން އިރުޝާދުދޭ. އިވޭ އިވުންތަކާ މެދު މަސްއޫލުވުމަށް، ފަރުވާތެރިވުމަށް އިލާހީ އަމުރުފުޅު އައިސްފައިވޭ. ހަމަ އެހެންމެ ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭ.،" ރައީސް ވިދާޅުވިއެވެ.
އަދި އެފަދައިން ދޮގު ހަބަރުތައް ފެތުރުމުގެ ސަބަބުން އިޖުތިމާއީ، އަދި އާއިލީ ގުޅުންތަކަށް ކުރާ ނުރަނގަޅު އަސަރާއި މީހުންގެ އިއްޒަތާއި ގަދަރު ނެތިގެންދާކަން އެކަމުގައި ޝާމިލުވާ މީހުންނަށް އިހުސާސްނުކުރެވެނީތޯ ރައީސްވަނީ ސުވާލުކުރައްވާފަ އެވެ.
"ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް ކުޑަ ލާރިކޮޅަކަށް މި ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގޭ އިރު އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ މުޖުތަމަޢަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟،" ރައީސް ސުވާލު ކުރެއްވިއެވެ.
"މުޅި ޤައުމުގެ އަޚްލާޤީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ؟ ކޮން ފަދަ ބޮޑު ޚިޔާނަތެއްތޯ؟ ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުން އެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ؟ ދެބަ އޮޑުވުމާއި ނެތިނުބައިކިޔުމުގެ ސަބަބުން ރޫޅިކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟،"
ދޮގު ހަބަރުތައް ފެތުރުމަކީ އިސްލާމީ ތާރީހަށް ބަލާއިރު މަދީނާގެ މުނާފިގުން ފަށައިގަތް ކަމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ އެކަމުގެ އެއް ހެއްކަކީ އިފްކުގެ ހާދިސާ ކަމަށެވެ. އެގޮތުން އެއިރު ހުދު ސަލާމާއި ސަލަވާތް ލެއްވި ރަސޫލާއަށާއި، އެކަލޭގެފާނުގެ އަނބިކަނބަލުން މުއުމިންތަކުންގެ މައިކަމަނާ ޢާއިޝަތުގެފާނަށް އުފުއްލަވަން ޖެހިވަޑައިގަތް އެތައް ތަކުލީފެއް ސިޔަރަތުން ފެންނަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ މުނާފިޤުން ދުނިޔެއަށް ތަޢާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން. އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުން.،" ރައީސް ވިދާޅުވި އެވެ.