Article Image

ދިވެހި ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން: ރައީސް

ޝެއަރ ކުރުމަށް

ދިވެހި ފަތުރުވެރިކަން އެ މައްޗަށް ބިނާވެފައިވާ ބިންގަލަކީ މިތުރުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާ މަންސަތަކުގައި ޝާއިޢުކުރެއްވި މެސެޖެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ފަތުރުވެރިކަން ބިނާވެފައި އޮތީ މިތުރުވެރިކަމުގެ ބިންގަލުގެ މަތީގައި ކަމަށެވެ. އަދި އެ މިތުރުވެރިކަމަކީ، އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމުގެ މައްޗަށް އެކުލެވޭ ކަމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީ އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ދިވެހިންގެ މެދުގައި އިހުއްސުރެ އޮތް ސުލްހަވެރި އޮމާން ދިވެހި ގޮތްތައް ދޫކޮށްނުލައި ހިފަހެއްޓުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

2021 ވަނަ އަހަރުން ފެށިގެން އޮކްޓޯބަރު 3 ވަނަ ދުވަހު ޤައުމީ ފަތުރުވެރިކަން ފާހަގަކުރަނީ ދިވެހިރާއްޖޭގެ ފުރަތަމަ ރިސޯޓު ކ.ވިހަމަނާފުށީގައި 1972 ވަނަ އަހަރުގެ އޮކްޓޯބަރު 3 ވަނަ ދުވަހު ހުޅުވީ ތާރީޚީ މުނާސަބަތާ ދިމާކޮށެވެ.

މިއަދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމަކީ 4.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އަހަރެއްގެ މައްޗަށް ލިބޭ، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތެރޭގައި ގުނައިލެވޭ ސިނާއަތެކެވެ.