Article Image

ޗައިނާއާ ރާއްޖޭގެ ގުޅުމަކީ ބޭނުންޖެހޭ ވަގުތު އުފެދޭ ކުލުނުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް: ރައީސް

ޝެއަރ ކުރުމަށް

ޗައިނާއާއި ރާއްޖޭގެ މެދުގައި އޮތް ގުޅުމަކީ ހަމައެކަނި ވިޔަފާރީގެ އުސޫލަށް ބިނާވެފައި އޮތް ގުޅުމެއް ނޫންކަމަށާއި، އެ ގުޅުމަކީ ކަމަކަށް ބޭނުންޖެހޭ ވަގުތު އުފެދޭ ކުލުނާއި ހަމްދަރުދީގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 75 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފާއިތުވި 75 އަހަރު ތެރޭގައި ދައްޗާއި އުދަނގޫތަކުގެ ތެރެއިން ހަށިފޮޅައިލާ ޗައިނާއަކީ އިގުތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގެ ބޮޑު ބާރަކަށް ވެފައިވާ ޤައުމެއް ކަމަށެވެ.

"ޗައިނާގެ ވިލުންތެރިކަމާއި ޒަމާނީ ގައުމެއް ބިނާކުރުމުގެ އަޒުމް އެކުވުމުން ދުނިޔޭގެ އިގުތިސާދުގައި ނުފޫޒުހުރި ބާރެއްގެ ގޮތުގައި ޗައިނާވަނީ ސާބިތުވެ އިސްތިގުރާރުވެފައި. ހަމައެއާއެކު ޗައިނާގެ ސަގާފީ ތަރިކަ އަންނަނީ އެތައް މިލިޔަން ބަޔަކަށް އިލްހާމުކޮށްދެމުން،" ރައީސް ވިދާޅުވި އެވެ.

ފާއިތުވި ދުވަސްތަކުގައި ޗައިނާއިންވަނީ އެއްބައިވަންތަކަމުގެ ބާރާއި، އިސްތިރާޖީ ތަސައްވުރެއް އޮތުމުގެ ވަރުގަދަކަމާއި، ކޮންމެ ގޮންޖެހުމަކުން އަރައިގަތުމުގެ ގާބިލުކަން ދައްކުވައިދީފާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޗައިނާގެ ކުރިއެރުމަކީ ރާއްޖެ ހިމެނޭހެން ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކަށް އުންމީދާއި އިލްހާމު ލިބޭ ކަމެއް ކަމަށެވެ. އެގޮތުން ޗައިނާގެ ދުރުވިސްނޭ ލީޑާޝިޕުގެ ދަށުގައި އެ ޤައުމުން އެތައް ސަތޭކަ މިލިއަން ބަޔަކު ފަޤީރުކަމުން ނަގައި، ދުނިޔެ ކުރިން ނުދެކޭ ތަނަވަސްކަން އުފައްދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދިވެހިންނަށް ޗައިނާ ދައްކުވައިދެނީ ބޮޑެތި ހުވަފެންތަކެއް ދެކި، ވަގުތުން ހަރުދަނާ ފިޔަވަޅުތައް އެޅުމުން ގައުމުތަކަށް ޙާޞިލުކުރެވޭނެ ކަންކަން،" ރައީސް ވިދާޅުވިއެވެ.

ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރާއި، ދެ ޤައުމުގެ މެދުގައި ދަމަހައްޓާ ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ނަމޫނާއެއްގެ ގޮތުގައި 2004 ވަނަ އަހަރު ރާއްޖެއަށް ސުނާމީ ކާރިސާ ކުރިމަތިވުމުން ޗައިނާގެ މާހިރުން ރާއްޖެއަށް އައިސް ކުރި މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ.

"ޗައިނާ ރާއްޖެ ގުޅުމަކީ ވިޔަފާރީގެ މުއާމަލާތެއް ނޫން. އެއީ ކަމަކަށް ބޭނުންޖެހޭ ވަގުތު އުފެދޭ ކުލުނާއި ހަމްދަރުދީގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް،" ރައީސް ވިދާޅުވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުސްތަޤުބަލުގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، އިއާދަކުރަނަވި ހަކަތައިގެ ދާއިރާތައް ފަދަ ދާއިރާތަކުން މިހާރަށްވުރެ ގާތް ގުޅުމެއް ބޭއްވުމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.