Article Image

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ޗައިނާގެ ރައީސްގެ ދެކަނބަލުން ރަސްމީގޮތުން މަރުހަބާ ދަންނަވައިފި

ޝެއަރ ކުރުމަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން ރަސްމީގޮތުން މަރުހަބާ ދަންނަވައިފިއެވެ.

ރަސްމީގޮތުން މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޑަޔަސްއަށް އަރައިވަޑައިގަތުމާއެކު 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޗައިނާގެ މިލިޓަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރއެއް، ޗައިނާގެ ރައީސްގެ އަރިހުގައި އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

އެއަށްފަހު ޗައިނާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މަތީފަންތީގެ ވަފުދު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތަޢާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ.

މިދަތުރުފުޅުގައި ދެ ޤައުމުގެ ސަރުކާރުން ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.