Article Image

މަގުތައް އަމާންކޮށްދެއްވުމަށް ރައީސްގެ ހަރުދަނާ ނިންމެވުންތަކެއް؛ 8 ކަމެއް ތަންފީޒުކުރަން އަންގަވައިފި

ޝެއަރ ކުރުމަށް

ރާއްޖޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންނަށް ބޮޑެތި އަނިޔާ ލިބި ފުރާނަ ގެއްލިގެންދާ ދިއުން އިތުރުވެފައިވާ މައްސަލަ ހައްލުކުރެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައި، އެ ފިޔަވަޅުތައް ތަންފީޒުކުރަން ކަމާ ބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިރުޝާދު ދެއްވައިފި އެވެ.

އިއްޔެ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ނިޔާވުމާ ގުޅިގެން މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އިދާރާތަކަށް އިރުޝާދު ދެއްވިކަން ހިއްސާކުރައްވާފަ އެވެ.

އަދި މިރޭ ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނުވަނީ އެ ފިޔަވަޅުތައް އިއުލާނުކުރައްވާފަ އެވެ. އެގޮތުން މަގުމަތީގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރެއްވުމުގެ ގޮތުން، އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ގަވާއިދާ ހިލާފަށް ބާރު ދުވެލީގައި ދުއްވާ އުޅަނދުތައް ކޮންޓުރޯލު ކުރުމާއެކު، އުޅަނދަށް ބަދަލުގެނެސްގެ ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ކޮންޓްރޯލު ކުރުމުގެ މަގުސަދުގައި އަޅުއްވާ ފިޔަވަޅުތަކެއްކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ބާރު ދުވެލީގައި ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅޭނެހެން ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކުރަން އިދާރާތަކަށް އިރުޝާދު ދެއްވުމާއެކު، ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި އުޅަނދު ދުއްވި ފަރާތުގެ ލައިސެންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އިރުޝާދު ދެއްވި އެވެ.

އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 19 ގައި ރޭސިންއާއި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރަން އެޗްޑީސީން ދީފައި އޮތް ހުއްދަ ބާތިލުކުރަން އަންގަވައި، ވަކި ހޯސްޕަވަރަކަށްވުރެ ބާރުގަދަ އުޅަނދުފަހަރު އާންމު މަގުތަކުގައި ދުއްވުން މަނާކުރަން ގާނޫނާއި ގަވާއިދުތައް ބަދަލުކުރަން އިރުޝާދު ދެއްވާފައިވެ އެވެ.

އަދި ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީއަށް ހުށަހަޅާފއިވާ ޕްލޭނުގެ މަސައްކަތް އަވަސްކުރުމަށް އަންގަވައި، ފުލުހުން ހުށަހަޅާފައިވާ ގޮތަށް 150 ސަރަހެއްގައި ސްޕީޑު ދެނެގަންނަ ކެމެރާއާއި ސްޕީޑު ބްރޭކަރު ހަރުކުރުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފަ އެވެ.

އަދި ގްރެޖުއޭޓިން ލައިސެންސިން ސިސްޓަމެއް ތައާރަފުކޮށް ގަވާއިދާ ހިލާފުވުމުން ލައިސަންސްއިން ޕޮއިންޓް އުނިކުރަން ފެށޭނެހެން ނިޒާމު ބަދަލުކުރުމަށް ރައީސްވަނީ އަންގަވާފަ އެވެ. އަދި މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމުގައި ފުލުހުން މިހާރު ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން ރައީސް އިރުޝާދު ދެއްވާފައިވެ އެވެ.

މާލެއާއި ހުޅުމާލޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް ބޮޑެތި ޖިސްމާނީ ގެއްލުން ލިބިފައިވާއިރު އަދި ބައެއް ހާލަތްތަކުގައި މީހުން މަރުވެފައިވާއިރު މިހާތަނަށް އެކަމާމެދު ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިނުވެ އެވެ. ރައީސްގެ ހަރުދަނާ ނިންމެވުންތަކާއެކު އެ މައްސަލަ ވަރަށް ބޮޑަށް ހައްލުކުރެވިގެންގޮސް ރާއްޖޭގެ މަގުތަކަކީ އާންމުންނަށް ރައްކާތެރި ތަންތަން ކަމުގައިވާނެ އެވެ.