Article Image

މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރަން ފިޔަވަޅުއެޅުމަށް ރައީސް އިރުޝާދު ދެއްވައިފި

ޝެއަރ ކުރުމަށް

ނުރައްކާތެރިކޮށް ބާރަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުއެޅުމަށް ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ފިޔަވަޅުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ހާދިސާއަކީ ނުރައްކާތެރިކޮށް ބާރަށް އުޅަނދު ދުއްވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ. އެ ހާދިސާގައި ޒުވާނަކު ނިޔާވެފައިވާކަން ފާހަގަކުރައްވައި، އެ ހާދިސާގައި ނިޔާވި ހުސައިން ސަމާހު، 23 އ.ގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުމަށާއި އޭނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ރައީސް ދުއާކުރެއްވި އެވެ.

މަގުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރެއްވުމާއެކު، މަގުތަކުގައި ބާރަށް ނުރައްކާތެރިކޮށް އުޅަނދުތައް ދުއްވުން ހުއްޓުމަކަށް ގެންނަވައި، މާލެއާއި ރަށްރަށުގެ މަގުތަކަކީ އެންމެންނަށް އަމާންކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭ ތަންތަންކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސް ހުރިހާ ރައްޔިތުންނަށް ދެއްވި އެވެ.

"ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް އަރުވަން،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ނުރައްކާތެރިކޮށް މަގުތަކުގައި ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށްޓަކައި ގާނޫނަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް މިހާރު އަންގަވާފައިވާކަން ރައީސް ހާމަކުރެއްވި އެވެ.

"ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި." ރައީސް ލިޔުއްވި އެވެ.