
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ޤައުމާ މުޚާޠަބު ކުރައްވައިފި
ޝެއަރ ކުރުމަށް
ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، 26 ޖުލައި 2024 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައިފިއެވެ. ޤައުމާ މުޚާޠަބުކުރައްވައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅު، މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ، މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ކޮންމެހެން ޔަގީން ކުރަން ޖެހޭ 3 ކަމެއްގެ މައްޗަށެވެ. މިނިވަންކަން ޔަޤީން ކުރަން ބޭނުން ނަމަ، އިޤުތިޞާދީ ސިޔާދަތާއި އަމިއްލަ ވަންތަކަމުގެ ސިޔާދަތާއި ސަލާމަތީ ނުވަތަ ދިފާޢީ ސިޔާދަތުގެ މިނިވަންކަން ޔަޤީންކުރަން ޖެހޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، އިޤުތިޞާދީ ސިޔާދަތު ޔަޤީން ކުރެއްވުމަށް ޓަކައި ވޭތުވެދިޔަ 8 މަސް ދުވަހު، ފައިސާ ޗާޕްނުކޮށް 3.8 ބިލިޔަން ރުފިޔާގެ ލޯނު ދައްކައި، ސަރުކާރުން ކުރެއްވި މަސައްކަތުން، ޗައިނާއާއި އިންޑިޔާއި ޔޫއޭއިން ނަގާފައިވާ ލޯނުތައް ދެއްކުން، ފަސް އަހަރު ދުވަހަށް ފަސްކޮށް ދެއްވާފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި އިޤުތިޞާދީ ސިޔާދަތު ޔަޤީން ކުރެއްވުމަށް ޓަކައި ފަށާފައިވާ މުހިއްމު ބައެއް މަޝްރޫޢުތަކާއި ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލް ރައީސް ދެއްވިއެވެ. މި ގޮތުން މުޅިން އަލަށް ރާއްޖޭގައި ބަންކަރިން ޚިދުމަތާއި އިންވެސްޓްމަންޓް ބޭންކުގެ ޚިދުމަތް ފައްޓަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ސޯލާ ސިޓީއެއް ޤާއިމް ކުރުމާއި ފައިނޭންޝަލްސެންޓަރެއް ޤާއިމް ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަމިއްލަ ވަންތަކަމުގެ ސިޔާދަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ''މިނިވަންކަން އިހްސާސްވާނީ، ތިމަންނައަށް ފަޚުރުވެރިކަމާ އެކީގައި، ޝަރަފުވެރިކަމާ އެކީގައި، ޢިއްޒަތާ އެކީގައި، އުޅެލެވޭނެ ގެދޮރެއް ލިބިގެން'' ކަމަށެވެ. ގޯތި ގެދޮރު މައްސަލައަކީ އެ މަނިކުފާނު އެންމެ އިސްކަންދެއްވާ މައްސަލަ ކަން ބާޔާން ކުރައްވަމުން، މި މައްސަލަ ހައްލު ކުރެއްވުމަށް ކުރައްވާ މަސައްކަތް ޕުޅުތަކުގެ ތަފުޞީލް އެ މަނިކުފާނު ދެއްވިއެވެ.
ސަލާމަތީ ނުވަތަ ދިފާޢީ ސިޔާދަތުގެ މިނިވަންކަން ޔަޤީން ކުރެއްވުމަށް ޓަކައި، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލާފައިވާކަން ރައީސް ހާމަ ކުރެއްވިއެވެ. މީގެ އިތުރަށް ސަލާމަތީ ނުވަތަ ދިފާޢީ ސިޔާދަތުގެ މިނިވަންކަން ޔަޤީން ކުރެއްވުމަށް ޓަކައި، ރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޔޫ.އޭ.ވީ ބޭނުންކޮށްގެން 24 ގަޑިއިރު ބަލަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މީގެ އިތުރަށް ދިފާޢީ ބާރު، އެމް.އެން.ޑީ.އެފް. ވަރުގަދަ ކުރެއްވުމަށް ޓަކައި، ރިސޯސް ހޯއްދެވުމަށް އިސްކަން ދެއްވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ހަމަ އެހެންމެ އެ މަނިކުފާނުގެ ފަޚުރެއް ކަމުގައި އަބަދު ވެސް ދެކެވަޑައިގަންނަވަނީ، ޤައުމުގެ މިނިވަންކަން ކަމަށާއި މިނިވަންކަމުގެ ރަތް ރޮނގު، ނިކަން ފަލަކޮށް ދައްމަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން މި ޖަލްސާގައި ވެސް ތަކުރާރު ކުރެއްވިއެވެ.