
މިނިވަންދުވަހުގެ ޖަލްސާގައި ޕާޓީގެ ރައީސް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގެ އުސްއަލިތައް
ޝެއަރ ކުރުމަށް
ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ވަނީ އިޤްތިޞާދީ ސިޔާދަތު ޔަޤީކުރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން ފަރުދުންގެ ފުދުންތެރިކަމާއި، ޢާއިލާގެ ފުދުންތެރިކަމާއި، ޖަމާޢަތުގެ ފުދުންތެރިކަން ޔަޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެމައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފައިސާއިން ދައުލަތް ހިންގުމަށް ޚަރަދުކޮށް އަދި އެހެން ފަރާތްތަކަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށްވެސް ހޭދަކޮށްފައިވާނެކަމަށެވެ. އަދި މިހާތަނަށް ދައްކަން ޖެހުނު އެއްވެސް ދަރަންޏެއް ނުދެއްކި ޑިފޯލްޓްވެފައި ނުވާނޭ ކަމަށެވެ.

.

މީގެ އިތުރުން، ޤާނޫނުތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ލޭންޑް ރެންޓު ނުވަތަ ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 513 މިލިއަން އެމެރިކާ ޑޮލަރު، ޓީ.ޖީ.އެސް.ޓިގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޮލަރު، ޖީ.އެސް.ޓީ ގޮތުގައި 3.3 ބިލިއަން ރުފިޔާ، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ އެބައޮތްކަމުގައި ފާހަގަކުރައްވައި މި ރުފިޔާ ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ. އަދި މި ފައިސާ އެކަނި ހޯދިޔަސް ޤައުމުގެ ދަރަނީގެ މައްސަލަ ޙައްލުވީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަންކަން ހަޤީޤީ މާނާގައި ލިބެނީ މައިގަނޑު ތިންކަމެއް ހާސިލްވުމުން ކަމަށެވެ. އެ ތިންކަމަކީ އިޤްތިޞާދީ ސިޔާދަތު، އަމިއްލަވަންތަކަމުގެ ސިޔާދަތު، އަދި ސަލާމަތީ ނުވަތަ ދިފާޢީ ސިޔާދަތު ޔަޤީންވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިތިން ކަންތައް ހާސިލުކުރުމަށް މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތައް އެމަނިކުފާނު ވަރަށް ތަފުޞީލީގޮތެއްގައި މިރޭގެ ވާހަކަފުޅުގައި ރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ.



ސަރުކާރަށް އާމުދަނީ އިތުރުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުން ހަރުދަނާކުރުމަށް ކުރައްވަމުންދާ ކަންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިފްކޯ ހަރުދަނާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރަށް ކަމަށެވެ


"ފިނޭންސް މިނިސްޓްރީގައި ޕެންޑް ވެފައި ހުރި ބިލްތައް އެބަހުރި. ކޮންއިރަކު ކާކު ހުށަހެޅި ކިހާވަރެއްގެ ބިލެއްކަން އެންމެންނަށް ހާމަކަން ބޮޑުކޮށް ފެންނާނެ ގޮތް ހަދައިދޭނަން. އޭރު އެކި ބިލްތައް ނަގާ މައްޗަށް އަރުވާކަށް ނުކެރޭނެ. ތަރުތީބުން ގެންދާނީ، ތަރުތީބުން ކުރިއަށް ގެންދަން ހުޅުވާލުމުން އެއްވެސް މީހަކަށް އިނގިލި ދިއް ނުކުރެވޭނެ ވަކި މީހަކަށް ފޭވަރ ކުރީކަމަކަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އަންހެން ބޭފުޅުންނަށް 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް މި ސަރުކާރުން ތަޢާރަފުކޮށްފައިވާކަން ފާހަގަކުރައްވައި މީގެ ތެރެއިން 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެފަދަ ފަރާތްތައް އުނގެނުމަށް ފަހި ފުރުޞަތު ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކޮމިއުނިޓީ ރިހިބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް މި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި އެކަން ކާމިޔާބުކަމާއެކީ ހާސިލުކުރުމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ މި ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަމުގައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް ހިލޭ ބޯން މެރޯ ފަރުވާ ދިނުން ކުރިއަށްދާކަމުގައި ފާހަގަކުރައްވާފައެވެ. މީގެއިތުރުން މި ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ޖަލްސާގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް 9 މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމުގައެވެ. މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި ވޭތުވެދިޔަ ދުވަސްތަކުގައި އަލަށް އިތުރު 23 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
