Article Image

ބައި އިލެކްޝަންގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭން ޙަރަކާތްތައް ބާރު ދުވެލީގަ ކުރިޔަށް

ޝެއަރ ކުރުމަށް

ކުރިޔަށް އޮތް ބައި އިލެކްޝަންތަކުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދާ އިތުރު ހިތްވަރު ދިނުމުގެ ގޮތުން ޕާޓީގެ ލިޑަރޝިޕުގެ އިސް 2 ޓީމެއް، މި ހަފުތާ ބަންދުގައި އަތޮޅުތެރޭގެ 2 ސަރަޙައްދެއްގައި ޙަރަކާތްތެރިވަމުން އެބަދެއެވެ. އެއީ ހދ. ކުޅުދުއްފުށި ސިޓީގެ ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް އަޙްމަދުގެ ކެމްޕޭނު ޙަރަކާތުގައާއި، ރ. ރަސްމާދޫ ކައުންސިލުގެ އަންހެން މެންބަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޝަމްލާ ވާފިރުގެ ކެމްޕޭނުގެ ޙަރަކާތުގައެވެ.

އެ ގޮތުން ކުޅުދުއްފުށި ސިޓީގެ ކެމްޕޭން ޓީމުގެ އިސްވެރިއެއްގެ ގޮތުން ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕަރސަން އޮނަރަބްލް ޢަބުދުއްރަޙީމް ޢަބްދުﷲއެވެ. މި ޓީމުގައި ޗެއަރޕަރސަންގެ އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ޓީމުގެ ފަރާތުން ކުޅުދުއްފުށި ސިޓީގެ ކުޅުދުއްފުށި އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް އަޙްމަދުގެ ކެމްޕޭން ޓީމާ ރޭ ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

ރ. ރަސްމާދޫ އަންހެން މެންބަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޝަމްލާ ވާފިރަށް، ތާއީދު ހޯދުމަށް ރަސްމާދޫއަށް ވަޑައިގެންނެވި ވަފުދުގެ އިސްވެރިއަކީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ފަލާޙެވެ. މި ޓީމުގައި ވެސް މެންބަރު ފަލާޙުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެމްބަރުން ހިމެނި ވަޑައިގަންނަވައެވެ. މި ޓީމުންވެސް ރޭ ވަނީ ޝަމްލާ ވާފިރުގެ ކެމްޕޭން ޓީމާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

ޕީއެންސީގެ ލީޑަރޝިޕުގެ އިސް މެންބަރުން ޙަރަކާތްތެރިވެ ވަޑައިގަންނަވައި މި ޓީމުތަކުން އެ ރަށްރަށުގައި ޑޯޓުޑޯގެ ޙަރަކާތްތަކުގެ އިތުރުން ފޯރިގަދަ ކެމްޕޭން ޖަލްސާތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި 2 ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައިމަހުގެ 20 ވަނަ ދުވަހެވެ.

ޖުލައި 20 ވަނަ ދުވަހުގައި ކުރިއަށް ގެންދާނެ ބައި އިލެކްޝަންތަކުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނަކީ:

  • މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ފާޠިމަތު ޝައުފާ ސަލީމެވެ.

  • މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުކަމަށް ޢަލީ އައިމަންއެވެ.

  • މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ފާޠިމަތު އިޝާން ޢަލީއެވެ.

  • ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރުކަމަށް އިބްރާހީމް އަޙްމަދެވެ.

  • ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް ޝަމްލާ ވާފިރެވެ.

  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސްކަމަށް ޢަރީހް އިސްމާޢީލެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމެވި 3 ބައި-އެލެކްޝަނެއްގެ ގޮނޑި އިންތިޚާބަކލާ ނުލައި ޕީއެންސީންވަނީ ކާމިޔާބުކޮށްފައެވެ. އިންތިޚާބަކާނުލާ ޕީއެންސީން ކާމިޔާބުކުރީ، ޅ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރުކަމާއި ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމެވެ.

އެގޮތުން ޅ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު ސަނީ އެކަންޏެވެ. އެ އަތޮޅު ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު މޫސާ އެކަންޏެވެ. ރ. ހުޅުދުއްފާރު ކައުންސިލްގެ މެންބަރު އިންތިޚާބު ކުރަން ބޭއްވި ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފައިވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޢަބްދުﷲ ސާމިހު އެކަންޏެވެ.