Article Image

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ޝެއަރ ކުރުމަށް

ދިވެހިރާއްޖެ ވެއްޓިފައިވާ އިޤްތިޞާދީ އަނދަވަޅުން ނަންގަވައި ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރެއްވުމަށް މުހިންމު އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އިޤްތިޞާދީ ގޮތުން އަޅުއްވަން ނިންމެވި ޚާއްޞަ ފިޔަވަޅުތަކުން އަންގައިދެނީ ސިޔާސީ މަންފާއަށް ވުރެ ބޮޑަށް ޤައުމީ މަސްލަޙަތަށް އެ މަނިކުފާނު އިސްކަން ދެއްވަވާ ކަމެވެ. އަދި ހަމައެފަދައިން ޤައުމީ ވިސްނުމަކުން ވިސްނަވައި އެ މަނިކުފާނުނިންމެވި ނިންމެވުމެއް ކަމެވެ.

މި ފިޔަވަޅުތައް އަޅުއްވަން ރައީސް ނިންމެވީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށްގެން ނޫނީ ރައްޔިތުން ބޭނުންވާ ތަރައްްޤީއާއި، ކުރިއެރުމާއި، ތަހުޒީބު ހޯދައި ނުދެވޭނެތީއެވެ. ރާއްޖޭ ރައްޔިތުން ބޭނުންވާ ޙަޤީޤީ ދިވެހީންގެ ރާއްޖެ ހޯދައިދެވެން އޮތީ މާލީ ނިޒާމު ހަރުދަނާ ކޮށްގެން ކަމަށް ވާތީއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގެ ޢަދަދު މަދުކުރުމާއި، އެކި މުނާސަބުތަކުގައި ބާއްވާ ޙަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ޙަފުލާތައް ނުބޭއްވުން ހިމެނެއެވެ. އެ ގޮތުން ކުރިއަށް އޮތް މިނިވަންދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި، ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ނިންމެވި ނިންމެވުމާ ގުޅިގެން މި އަހަރުގެ ކުރިޔަށް އޮތްތަނުގައި ވެސް އިތުރު ފިޔަވަޅުތައް އެޅިގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން އަވަސް ތާރީޚެއްގައި މާލީ ނިޒާމު ހަރުދަނާވެ ރައްޔިތުން ބޭނުންވާ ފަދައިން ބޯހިޔާވަހިކަމާއި، ތަޢުލީމާއި، ޞިއްޙަތާއި، ކަރަންޓާއި، އަދި ރަށްވެހިކަން ލިބި އުފާ ފާގަތި ދިވެހީންގެރާއްޖެ ދިވެހީންނަށް ލިބިގެންދާނެއެވެ.

އިޤްތިޞާދީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށް، މި ޕާޓީގެ ފަރާތުން އިޚްލާޞްތެރިކަމާއެކު މަރުޙަބާކިޔަމެވެ.