Article Image

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް މަޖްލިސް ކެމްޕޭނަށް ދާއިރާއަށް!

ޝެއަރ ކުރުމަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖްލިސް ކެމްޕޭނަށް ލ. ފޮނަދޫ އަށް ވަޑައިގެންފިއެވެ.

ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް އަބްދުއްރަހީމް ވާދަކުރައްވާއިރު އަބްދުއްރަހީމް އަކީ އެ ދާއިރާގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ކަށަވަރު ކުރެއްވި އެއް ކެންޑިޑޭޓެވެ. މިހާރު ރައީސް ޑރ. މުޢިއްޒުގެ ސްޕެޝިއަލް އެޑްވައިޒަރަކަށް މަސައްކަތް ކުރައްވަމުން އަންނަ އަބްދުއްރަހީމް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ.

މި ދަތުރުގައި އަބްދުއްރަހީމް އަރިހުގައި ކޮންގްރެސް ޕާޓީގެ ބައެއް ސެނެޓް މެމްބަރުންނާއި، މަޖްލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގަތެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ފޮނަދޫ ދާއިރާއިން ރައީސް ޑރ. މުޢިއްޒުއަށް ވަނީ އަޣުލަބިއްޔަތު ލިބިފައެވެ. 19 ވަނަ ރައްޔިތުންގެ މަޖްލީހަށް އެ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި އިންތިޚާބުވި މެމްބަރު މޫސާ ސިރާޖް ވަނީ ރިޔާސީ އިންތިޚާބާއި ގާތްވެފައި ވަނިކޮށް ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރަން ގެންގުޅޭނެ ފޯމިއުލާއަކީ ގަދައަޅާ މަސައްކަތް ކުރުން ކަމަށާއި، އެ ފޯމިއުލާއިން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ތަނަވަސް އަޣުލަބިއްޔަތު ނަގާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދާނެ ކަމަށާއި ވަޢުދުތައް ފުއްދާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަން ކުރައްވާނީ ރައްޔިތުންނާ ގާތުން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.