Article Image

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ދިން ހަމަލާގެ ތަޙުޤީޤު އަވަސްކޮށް އިންސާފު ޤާއިމުކުރުމަށް ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިލްތިމާސްކޮށްފި

ޝެއަރ ކުރުމަށް

މި ހަމަލާއާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރުމާއެކު، އެ ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދަޢުލަތުގެ ހުރިހާ ވަސީލަތްތަކާއި ޤާބިލުކަމަކާއި، އިޚުތިޔާރެއް ބޭނުންކުރުމަށް ގޮވާލާފައިވެއެވެ.

އަދި އެކަން ހިންގި ބަޔަކު ހޯދުމާއި ތަޙުޤީޤު ކުރުން ހަލުވިކުރުމަށް ކަމާބެހޭ އިދާރާތަކަށް އެ ކޯލިޝަނުންވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިހާތަަނަށް މީޑިއާތަކުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިއަދު ޝަމީމަށް ދިން ހަމަލާއަކީ ދުރާލައި ރާވައިގެން ފާރަލައިގެން ހިންގާފައިވާ ޢަމަލެއްކަމަށް ބެލެވޭ ކަމަށާއި، މިކަން ހިނގައިދިޔަ ގޮތުގެ އެންމެ ފުނަށް ވާސިލުވުމަށް ތަހުގީގުގައި މަސައްކަތްކުރުން މުހިއްމުކަމަށް ދެކޭ ކަމުގައި އެ ޕާޓީން ބުނެފައިވެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އެ ކޯލިޝަން އޮތްހައި ހިނދު، ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ކޮންމެ ޚިދުމަތްތެރިއެއްގެ ސަލާމަތަށް އިސްކަންދިނުމަށް ސަރުކާރުގެ އިސްވެރިންނަށް ލަފާއަރުވައި، އެއްބާރުލުންދިނުމުގައި އެ ކޯލިޝަން އަބަދުވެސް ދެމިއޮންނާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އަދި ކޯލިޝަނުގެ ލީޑަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ކޯލިޝަނުގެ އިސްވެރިންނާއި، ހުރިހާ މެންބަރުންގެ ހެޔޮ ދުއާއާއި އިހުސާންތެރި ޝުއޫރުތައްވަނީ ޝަމީމާއެކުކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭނާއަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމާއި ރައްކާތެރިކަމާއި ސަލާމަތަށް އެދި ދުއާކުރާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.