Article Image

ފްލެޓް ލިސްޓްގައި ހުރި ބޭއިންސާފު ކަންކަން ރައީސް ހާމަކުރައްވައިފި

ޝެއަރ ކުރުމަށް

ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ، ފްލެޓް ލިސްޓްގައި ހުރި ބޭއިންސާފު ކަންކަން، ރައީސުލް ޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެ މަނިކުފާނު މި ކަން ހާމަކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް، 17 ނޮވެމްބަރ 2024 ގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި، ފްލެޓް ލިބުނު މީހުންގެ ލިސްޓް ޢާއްމުކުރުން ލަސްވާ ސަބަބުތައް ހާމަކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހުރި ބޭއިންސާފު ކަންކަން ހާމަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާކުސް ބަދަލުކުރި ސިޔާސީ މީހުންގެ އާއިލާތަކަށް ފްލެޓް ދިންކަމަށާއި އަދި ފޯމް ނުފުރާ އައިޑީކާޑުގެ އެއްފަޅި ހުށައެޅި މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށެވެ.

ފްލެޓް ލިސްޓް ނެރުން ފަސްވާ ސަބަބުތައް ތަފްސީލުކޮށް ދެއްވަމުން ރައީސް ވިދާޅުވީ، ފްލެޓް ލިސްޓް ގައި ވަރަށް ބޮޑަށް ބޭއިންސާފުން ކަންކަންކޮށް އަދި އުސޫލާ ޚަލާފަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި މި ގޮތުން ކުރީ ސަރުކާރުގެ ސިޔާސީ ވެރީންގެ އާއިލާތަކަށް ފްލެޓް ދީފައިވާ ކަމަށާއި ނުފޫޒު ގަދަ މީހުންގެ އާއިލާގެ އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށެވެ. "ގެދޮރުވެރީން ކޮމެޓީގައި ހިމެނޭ، ސިޔާސީ ފަރާތްތަކަށް ފްލެޓް ލިބޭ ގޮތަށް މާކުސް ބަދަލުކޮށްފައި އެބަހުރި. އިނގޭތޯ! މިއީ ކޮށްފައި ހުރި ކަންކަން. ޢަދަދުތަކާއެކު އަޅުގަނޑުމެން ލިސްޓް ނެރޭއިރު، ކޮންމެ މީހެއްގެ ނަން ކައިރީގައި އޮންނާނެ ތަފްސީލު.'' ރައީސް ވިދާޅުވިއެވެ.

ރައީސް މުޢްޒުގެ މެނިފެސްޓޯގައި އެންމެ އިސްކަމެއް ދެއްވަފައިވާ، ބޯހިޔާ ވަހިކަމުގެ މައްސަލައަށް ޙައްލު ހޯއްދެވުމަށް، ހިއްކަން ފަށާފައިވާ، ގިރާވަރު ފަޅާއި ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތަށް ވެސް އެ މަނިކުފާނުގެ ވާހަކަ ފުޅުގައި އަލިއަޅުވައި ލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ގިރާވަރު ފަޅުން ބިން ހިއްކުން ހަވާލުކުރީ، ބޭރުގެ ފަރާތަކަށް ގިނަ ބިންތައް ލިބޭ ގޮތަށް، އެއްކޮޅަށް ބުރަވާ އެއްބަސްވުމެއް ހަދައިގެންކަމަށާއި ސަރުކާރުން މިހާރު މަސައްކަތްކުރަނީ އެ އެއްބަސްވުމުން ނުކުތުމަށް ކަމުގައެވެ.

​​އެމަނިކުފާނު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވި އިރު، ގުޅީފަޅު ހިއްކުމުގެ މަސައްކަތުން ނިމިފައިވަނީ %40 ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަމަށް އެއް އަހަރު ވީއިރު، އޭރު ހިއްކަން ކަނޑައަޅައިފައިވާ ބައި އެއްކޮށް ނިންމައި، އެ މަނިކުފާނުގެ ސަރުކަރުން، އިތުރަށް ހިއްކަން ނިންމި ބައިގެ %70 ވެސް ހިއްކައި ނިންމާފައިވާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ހުޅުމާލޭ ފޭސް ތިނެއްގެ މަސައްކަތްތަކަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެ ތަނުން ހިއްކިފައި އޮތީ އެންމެ 17 އިންސައްތަ ކަމަށެވެ. މިހާރު 38 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މުޅި އެ ސަރަހައްދު ހިއްކައި ނިންމައިލެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.