Article Image

އަމާން އޮމާންކޮށް ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ ނިންމާލައިފި

ޝެއަރ ކުރުމަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖްލިސް ޕްރައިމަރީ 2024 ގެ ވޯޓުލުން އަމާން އޮމާންކަމާއިއެކު ފޯރީގައި ނިންމާލައިފިއެވެ.

ވޯޓު ގުނުން މިރޭ 21:30 އާއި ހަމަޔަށް ކުރިއަށް ދާނެކަމަށް މަޢުލޫމާތު ލިބެއެވެ. މި އިންތިޚާބަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ޕްރައިމަރީކަން ފާހަގަކޮށްލެވެއެވެ. އަދި އެންމެ ގިނަ ބަޔަކަށް ވޯޓު ލުމުގެ ޙައްޤު ކަށަވަރުވި އެތެރޭގެ އިންތިޚާބުވެސް މެއެވެ.

ވޯޓުލުމުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ޕީއެންސީގެ ރައީސް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު އާއި ކޯލިޝަންގެ ލީޑަރޝިޕް ވަނީ ހެންވޭރު ދަނޑަށް ވަޑައިގަންންވާފައެވެ. ޕްރައިމަރީއާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުން ދިޔަ ދޮގު މަޢުލޫމާތުތަކުގެ ޙަޤީޤަތް ރައީސް ވަނީ ހާމަކޮށްދެއްވާފައެވެ.

އެގޮތުން ޕްރައިމަރީގެ ވޯޓާސް ލިސްޓުތަކަށް ބަދަލު ގެނެސް ގަޑުބަޑުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދޮގުކުރައްވާފައެވެ.

''އަޅުގަނޑެއް ހަމަގައިމުވެސް ގަބޫލެއް ނުކުރަން އެކަހަލަ ކަމެއް ހިނގައިގެންވާނެ ކަމަކަށް. ނުހިނގާނެ. އަޅުގަނޑުމެން ބޭނުންވަނީ ފްރީ އެންޑް ފެއަރ އިލެކްޝަނެއް ބާއްވަން. ދެން ތުހުމަތެއް ޝަކުވާއެއް އޮތިއްޔާ ހުށަހަޅައިގެން ވަރަށް ދެފުށް ފެންނަ ގޮތަށް ހަމަހަމަކޮށް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން އެކަން ބަލައިދޭނަން.'' ޕްރައިމަރީގެ ވޯޓާސް ލިސްޓަށް ބަދަލުތައް ގެނެސްފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ގައި 227 ވޯޓު ފޮށި ބެހެއްޓިފައިވާއިރު، 73 ދާއިރާއެއްގައި ޕްރައިމަރީ ކުރިއަށް ގެންދެވުނެވެ. މިޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލެވެއެވެ.

ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00ން 17:00އަށެވެ.