Article Image

އަންނަ އަހަރުގެ ބަޖެޓު: ގެދޮރުވެރިކަމަށް އިސްކަންދޭ ތަރައްޤީއަށް އިންޤިލާބެއް ގެންނާނެ ބަޖެޓެއް

ޝެއަރ ކުރުމަށް

މިއަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މިހާތަނަށް، ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤުތިޞާދީ ގިނަ މައްސަލަތަކުގެ މުލުގައި އޮތް ގެދޮރުވެރިކަމުގެ ދަތިކަން ޙައްލުކުރުމުގެ އަމާޒުގައި އެކުލަވައިލެވިފައިވާ ތަރައްޤީގެ ދުވެލި ހަލުއިކުރާނެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭއިރު ޖުމްލަ ޚަރަދުވާނެ ކަމުގައި ލަފާކުރެވެނީ 49.1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރު ބަޖެޓު ޑެފިސިޓު ހުންނާނީ 9.3 ބިލިއަން ރުފިޔާގައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓަކީ 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހުށަހެޅި ހުރިހާ ބަޖެޓެއްގެ ޑެފިސިޓަށްވުރެ ކުޑަ ޑެފިސިޓެކެވެ.

މި ބަޖެޓަކީ މިހާތަނަށް އެންމެ ބޮޑު އަދަދެއް ޕީއެސްއައިޕީއަށް ޚާއްޞަކޮށްފައިވާ ބަޖެޓެވެ. އެގޮތުން 12.4 ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ޚާއްޞަކޮށްފައިވެ އެވެ. މި ބަޖެޓުގައި ހިމަނާފައިވާ ޢަދަދުތަކީ ހިންގަން ކަނޑައަޅާ މަޝްރޫއުތަކާ އެކަށީގެންވާ ޢަދަދުތަކެކެވެ. ކޮންމެ މަޝްރޫޢަކަށްވެސް އަހަރު ތެރޭ ހުއްޓުމެއް ނެތި މަޝްރޫޢު ހިންގުމަށް ބޭނުންވާ ޢަދަދަށް ފައިސާ ހިމަނާފައިވެއެވެ.

ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދީފައި އޮތީ ގެދޮރުވެރިކަމަށެވެ. ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބިނާކުރުމަށް 1.5 ބިލިއަން ރުފިޔާ ބަޖެޓުން ޚާއްޞަކޮށްފައިވެއެވެ.

އޭގެ އިތުރަށް ގެދޮރުވެރިކަމާ ގުޅިގެން %5 އިންޓަރެސްޓު ރޭޓުގައި ދޫކުރަން ނިންމާފައިވާ ލޯނުތައް ދޫކުރުމަށް ބަޖެޓުގައި 1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެ ފައިސާ ބޭނުންކޮށްގެން ބޭންކުތައް މެދުވެރިކޮށް 2 ބިލިއަނާއި 4 ބިލިއަނާ ދެމެދުގެ އަދަދަކަށް ހައުސިން ލޯނު ދޫކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.

މި އަހަރުގެ ބަޖެޓުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކޮށް ދަރަނި ދެމެހެއްޓެނެވި މިންގަނޑަކަށް އިޢާދަކުރުމާއެކު ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހުމެއްނެތި ހަލުއިކޮށް ކުރިއަށްގެންދިއުމެވެ.