Article Image

މާލެ ސިޓީގެ އިތުރު 3 ކައުންސިލަރުން ޕީއެންސީ އަށް، ސަރުކާރުގެ 15 ކައުންސިލަރުން

ޝެއަރ ކުރުމަށް

މާލެ ސިޓީ ކައުންސިލްގެ އިތުރު ތިން ކައުންސިލަރަކު ވެރިކަން ކުރަމުންގެންދާ މައިޕާރޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ)އަށް ސޮއިކުރައްވައިފިއެވެ.

ޕީއެންސީ އާއި ގުޅިވަޑައިގެންފައި ވަނީ

- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް އަބޫބަކުރު

މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަރީޝް

- މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އާއިޝަތު ނާޒިމާ

މި 3 ކައުންސިލަރުންގެ ތެރެއިން އިބްރާހީމް އަބޫބަކުރަކީ ޕީޕީއެމްގައި ހުންނެވުމަށް ފަހު، ދާދިފަހުން ޕީއެންއެފަށް ސޮއިކުރެއްވި ކައުންސިލަރެކެވެ. އަދި ނާޒިމާ މިއަދާ ހަމައަށް ވެސް ހުންނެވީ ޕީޕީއެމްގައެވެ.

އަރީޝްއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ތަމްސީލްކުރަން ހުންނެވި ހަމައެކަނި ކައުންސިލަރެވެ.

ޕީއެންސީ އާއި ގުޅިވަޑައިގެންނެވި މި 3 ކައުންސިލަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމާއި ހަވާލުވެ ވަޑައިގެންނެވީ ރައީސުލްޖުމުހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މި 3 ކައުންސިލަރުން ޕީއެންސީއަށް ސޮއިކުރައްވާފައި ވާއިރު މިދިޔަ ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާއަށް ހުވާ ކުރެއްވި އަހުމަދު ރިޝްވާން ވެސް ވަނީ, މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިން ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. ރިޝްވާނަކީ އެމްޑީޕީ ޓިކެޓުގައި ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރެކެވެ.

މިވަގުތު މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް މާލެ ސިޓީ ކައުންސިލްގައި ތިއްބެވި 19 ކައުންސިލަރުންގެ ތެރެއިން 15 ކައުންސިލަރުންނަކީ ޕީޕީއެމް/ޕީއެންސީގެ ކައުންސިލަރުންނެވެ. ދެން ތިއްބެވީ ޑިމޮކްރެޓްސްގެ 2 ކައުންސިލަރުންނާއި އަމިއްލަ އެއް ކައުންސިލް މެމްބަރެވެ.

އެހެންކަމުން މޭޔަރު އާދަމް އާޒިމް ފިޔަވާ އެމްޑީޕީގެ އެއްވެސް މެމްބަރަކު މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މަޤާމެއްގައި ނުހިމެނެއެވެ.