Article Image

ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ޝެއަރ ކުރުމަށް

ނަފުސާނީ ދުޅަހެޔޮކަމަކީ އިންސާނާ އުފެއްދުންތެރި މީހަކަށްވުމަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވައި އެންމެންވެސް ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމަކީ ރަނގަޅު ޞިއްޙަތެއްގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

އުފެއްދުންތެރި އީޖާދީ މުރާލި ނަތީޖާ ނެރެދޭ މީހަކަށް އިންސާނާ ވުމުގައި އޭނާގެ ނަފުސާނީ ޤާބިލުކަން ވަރަށް ބޮޑު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ރައީސް އެންމެނަށް އިލްތިމާސްކުރައްވާފައިވަނީ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށެވެ.

1992 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ދިހަވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ ނަފުސާނީ ދުޅަހެޔޮކަމާއި ނަފުސާނީ އެކި މައްސަލަތަކާއި ބަލިތަކާމެދު ބައިނަލްއަޤުވާމީ ފެންވަރެއްގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މި އަހަރު ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަސައްކަތުގެ މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަމެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މިދުވަހުގެ މުނާސަބަތުގައި އެ ތީމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ތަފާތު ޕްރޮގުރާމުތައް ކުރިއަށްގެންދެ އެވެ.