މާލެސިޓީކައުންސިލްގެ މެދުހެންވޭރު ދާއިރާއަށް އިންތިޚާބުވި އެމްޑީޕީ ކައުންސިލަރު ޕީއެންސީއަށް ސޮއިކޮށްފި
ޝެއަރ ކުރުމަށް
މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މެދުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރު އަހްމަދު ރިޝްވާން ޕީއެންސީއަށް ސޮއިކުރައްވާ ފޯމު ޕާޓީގެ ރައީސް ޑރ. މުޢިއްޒުއާއި ހަވާލު ކުރައްވައިފިއެވެ.
ޖެނުއަރީ 13 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުގައި މާލެ ސިޓީ ކައުންސިލުން ހުސްވި ހަތަރު ގޮނޑީގެ ތެރެއިން ދެ ގޮނޑި ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް އަދި އަނެއް ދެ ގޮނޑި އިދިކޮޅު އެމްޑީޕީން ބައި އިލެކްޝަންގައި ކާމިޔާބުކުރި އެވެ.
އެއަށްފަހު ކައުންސިލަރުންނާއި މޭޔަރު ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް މެދު ހެންވޭރު ދާއިރާއަށް އިންތިޚާބުވި އެމްޑީޕީގެ ކައުންސިލަރ ރިޝްވާން ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.
މާލޭގެ މޭޔަރު ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީން ވާދަކުރެއްވި އާދަމް އާޒިމް އެވެ.
މާލެ ސިޓީ ކައުންސިލްގައި 19 މެންބަރުން ތިއްބަވާއިރު، ދާދިފަހުން ވަނީ ކައުންސިލްގައި ތިބި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ މެމްބަރަކާއި ޑިމޮކްރެޓްސްގެ މެމްބަރެއް ވެސް ޕީއެންސީއާ ގުޅިފަ އެވެ. އެއާ އެކު ކައުންސިލްގައި ތިބި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 13 އަަށް މިހާރު ވަނީ އިތުރުވެފަ އެވެ.