Article Image

ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް ރައީސް ދަޢުވަތު ދެއްވައިފި

ޝެއަރ ކުރުމަށް

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަޢުވަތު އަރުވައިފިއެވެ.

މިހާރު އިންޑިޔާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި މިއަދު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެ ބޭފުޅުން ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރަކީ ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތު ކަމަށެވެ.

އެހެންކަމުން އެ މުނާސަބަތު ފާހަގަކުރުމަށް އަންނަ އަހަރު ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް އެމަނިކުފާނަށް ދަޢުވަތު ދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރަށް ރައީސްވަނީ ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އިންޑިޔާއަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވާ، ރާއްޖޭގެ އިޖުތިމާއީ އިޤުތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިޔާއިން މިހާރުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ބޮޑުވަޒީރު މޯދީއާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރަށް ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުން ކުރިއަށް އޮތް ތަނުގައި ކުރިއަށްގެންދާނެ ގޮތާމެދު ދެ ބޭފުޅުން ވާހަކަދައްކަވައި ތަޞައްވުރެއް އެކުލެވޭ ލިޔުމަކާމެދު އެއްބަސްވެވަޑައިގެންފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން އެއްބަސްވެވުނު މަގުޗާޓަކީ އިގުތިސާދީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ކަނޑުގެ ސަލާމަތުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުން ހިމެނޭނެ މަގުޗާޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް އިންޑިޔާއާ ރާއްޖެއާ ދެމެދުގައި އޮތް ގުޅުމާއި ފަހުމު އިތުރަށް ފުންވާނެ ގޮތަށް ދެ ޤައުމުގެ އެންމެ މަތީ ފަންތީގައި މަޝްވަރާތައް ކުރެވި އެއްބާރުލުންދޭ ދާއިރަތައްވެސް އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީއާ ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގެ އިޤުތީޞާދީ ވިލުންތެރިކަމާއި ހަމަޖެހުން އިތުރުވާނެ ކަންކަމުގައި ދެ ޤައުމުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.