ރައީސަށް އިންޑިޔާގެ ރިޔާސީ ގަނޑުވަރުގައި ހޫނު މަރުޙަބާއެއް ދަންނަވައިފި
ޝެއަރ ކުރުމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގައި މިއަދު އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތަށް ވަޑައިގަތުމުން އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ވިދާޅުވީ އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫއާއި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ ޝަރަފުގައި އޮނާ ގާޑް އަރުވާފައިވެއެވެ.
އެއަށްފަހު ރައީސްވަނީ އިންޑިޔާ ސަރުކާރުގެ އިސްވެރިންނާ ސަލާމްކުރައްވައި އެ ބޭފުޅުންނާ ބައްދަލުކުރައްވައި ސަލާމް ކުރެއްވިއެވެ.
ރައީސްގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދާނެއެވެ. އަދި ބައެއް އެއްބަސްވުންތަކާއި އެމްއޯޔޫތަކުގައި ސޮއިކުރުންވެސް އޮންނާނެއެވެ.
އޭގެ އިތުރަށް ދެ ޤައުމުގެ މެދުގައި ކުރެވޭ ރަސްމީ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ލީޑަރުން ބަޔާނެއް ދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.