ރައީސް އިންޑިޔާއަށް ވަޑައިގަތުމުން އެ ޤައުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފި
ޝެއަރ ކުރުމަށް
އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫގެ ރަސްމީ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިންޑިޔާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި އިއްޔެ އެ ޤައުމަށް ވަޑައިގަތުމުން އެޤައުމުން ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.
ސަޤާފީ ޙަރަކާތްތަކާއެކު އެއާޕޯޓުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، އިންޑިޔާގެ ޚާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު އިއްޔެ ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ. އެ ޒިޔާރަތުގައި ދެ ޤައުމުގެ ގުޅުމާ ގުޅޭ ގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
އަދި ރައީސްގެ މިދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށްވާނެ ކަމުގައި ޑރ.ޖައިޝަންކަރް ވިދާޅުވެފައިވެއެވެ. ރައީސްވަނީ އިންޑިޔާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވާފައެވެ.
ރޭ ރައީސްވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ދިވެހިންނަށް ބޭނުންވާ ކަންކަން ޙާޞިލުކޮށްދިނުމުގެ މައްޗަށް ބިނާވެފައިވާ ޚާރިޖީ ސިޔާސަތެއްގެ ގޮތުގައި ދަމަހައްޓަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫއާއި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާނެއެވެ.