26th September 2024

ސަލާމަތީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ތަޤުރީރުގައި ދުނިޔެއަށް ދެއްވީ މުހިއްމު މެސެޖުތަކެއް

އދގެ ސަލާމަތީ މަޖިލީހުގައި ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ތަޤުރީރުގައި ފާހަގަކުރައްވާފައިވާ ކަންކަމަކީ ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ރިޢާޔަތްކުރައްވައި، ގިނަ ދައުލަތްތައް ބައިވެރިވާ ބައިނަލްއަޤުވާމީ ނިޒާމަށް މިހާރުން މިހާރަށް ގެންނަންޖެހިފައިވާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވައިލައްވައި، ދުނިޔޭގެ ޞުލްޙައާއި އަމާންކަން ކަށަވަރުކޮށް ބައިނަލްއަޤުވާމީ ނިޒާމަކީ ހަމަހަމަކަމާއި ޢަދުލުވެރިކަން ޤާއިމުވެފައިވާ ނިޒާމެއްކަން ކަށަވަރުކުރަން އަޅަންޖެހިފައިވާ އިޞްލާޙީ ފިޔަވަޅުތައް ފާހަގަކުރައްވާފައިވާ ވަރަށްވެސް ފުރިހަމަ އެހާމެ ތާރީޚީ ތަޤުރީރެކެވެ.

މި ތަޤުރީރަކީ އދގެ މެންބަރު ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ މިހޭދަކުރި ދިގު ތާރީޚުގައި މި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަކު ސަލާމަތީ މަޖިލީހުގައި ދެއްވި ފުރަތަމަ ތަޤުރީރުކަން ފާހަގަކޮށް، މި ޕާޓީގެ ޢާންމު މެންބަރުންނާއި ލީޑާޝިޕުގެ ނަމުގައި ރައީސަށް މަރުޙަބާ ދެންނެވުމާއެކު، ދުނިޔޭގެ އެންމެ ބާރުގަދަ މަޖިލީހުގައި ދިވެހިރާއްޖޭގެ އަޑު އިއްވެވުމަށް ނިންމެވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވަމެވެ.

އދގެ މެންބަރު ދައުލަތްތަކުގެ ފަސް ބައިކުޅަ އެއްބަޔަކީ ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައްކަން ފާހަގަކުރައްވައި، އެ ޤައުމުތަކަށް އދގެ ސަލާމަތީ މަޖިލީހުން ދާއިމީ ޖާގައެއް ޙައްޤުވާކަން ރައީސް ފާހަގަކުރެއްވުމަކީ، ބައިނަލްއަޤުވާމީ ނިޒާމަކީ މިހާރަށްވުރެ ޢަދުލުވެރި ޑިމޮކްރެޓިކް އަދި  ހަމަހަމަކަމާއެކު ބައިނަލްއަޤުވާމީ މުޖުތަމަޢު ތަމްސީލުވަނިވި ނިޒާމަކަށް ހެއްދެވުމަށް ހުށަހެޅުއްވި މުހިއްމު ކަމެއްކަން ފާހަގަކުރަމެވެ.

 މުޅި ދުނިޔެއަށް ފެންނާނެހެން އިސްރާއީލުން ފަލަސްޠީނާއި ލުބުނާނުގެ ރައްޔިތުންނާމެދު ހިންގަމުންދާ އަނިޔާވެރި ޓެރަރިޒަމުގެ ޢަމަލުތައް ހުއްޓުވުމަށް ދުނިޔެ ރޮއެ އާދޭސްކުރާއިރު، އެ ޢަމަލުތައް ހުއްޓުވުމުގައި އދ. ފެއިލުވާ ސަބަބަކީ ސަލާމަތީ މަޖިލީހުގައި މަދު ދައުލަތްތަކަކަށް ލިބިފައިވާ ވީޓޯގެ އިމްތިޔާޒުކަން ފާހަގަކުރައްވަމުން، އެ އިމްތިޔާޒު އުވައިލުމަށް ރައީސް ގޮވައިލެއްވި ގޮވައިލެއްވުމަކީ، ދުނިޔޭގެ މިއަދުގެ އިޙުސާސް އަދި ޚާއްޞަކޮށް އިސްލާމީ އުންމަތުގެ އިޙުސާސާއި ދިވެހީންގެ ހިތްތަކުގެ ހިމަނާރުގައި ޖަހަމުންދާ ވިންދުގެ އަޑެވެ.

އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ތަފުސީލުކޮށް އެހާމެ ފުރިހަމަކޮށް ސިފަކޮށްދެއްވަމުން، އެ އަޑު  ސަލާމަތީ މަޖިލީހުގައި އެމަނިކުފާނު އިއްވަވައިދެއްވިކަމީ ދިވެހިރާއްޖެއަށް ލިބުނު ފަޚުރެއް އަދި ދިވެހި ދައުލަތުގެ ޢިއްޒަތާއި ޝަރަފު ދުނިޔޭގައި އުފުލިގެންދިޔަ ކަމެކެވެ.

މޫސުމީ ބަދަލުތަކާއި ޤުދުރަތީ ވަސީލަތްތައް މަދުވުމާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުއި ކުރިއެރުމާއެކު، ދުނިޔޭގެ ސަލާމަތީ މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތައް ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އުފެދެމުންދާ މުޅިން އައު ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ސަލާމަތީ މަޖިލީހުގެ ވިސްނުމަށް ގެންނަންވީ ބަދަލުތައް ފާހަގަކުރައްވަމުން، މިހާރަށް ޑިމޮކްރެޓިކް ގުނަވަނަކަށް އެ މަޖިލިސް ހަދައި، ދުނިޔޭގެ ރައްޔިތުންގެ އަޑުއަހައި، އެ އަޑަށް އިޙުތިރާމުކުރާ ތަނަކަށް ސަލާމަތީ މަޖިލިސް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި އިލްތިމާސުން، ދިވެހިރާއްޖެއަކީ ދުނިޔޭގެ އާޖުފާޖު އެނގޭ، ބައިނަލްއަޤުވާމީ މަސްރަޙަށް އަންނަ ބޮޑެތި ބަދަލުތަކަށް ހޭލާ އޮތް، އައު ގޮންޖެހުންތަކާއި ހިރާސްތައް ގިރާކުރުމަށް ބޭނުންވާ އީޖާދީ ޙައްލުތައް ހުށަހެޅުމުގެ ޤާބިލުކަން ލިބިފައިވާ ދައުލަތެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވިއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތާރީޚީ ތަޤުރީރަކީ ދިވެހިރާއްޖޭގެ ޤަދަރު އުފުލައި ދެއްވައި، ދިވެހިންގެ އަޑަކީ އޭގައި އަގެއްހުރި އަޑެއްކަން ސާބިތުކޮށްދެއްވައި، ދުނިޔެއާއި ބައިނަލްއަޤުވާމީ މަސްރަޙާމެދު ދިވެހިންގެ އަމިއްލަ ވިސްނުންތަކަކާއި ފިކުރުތަކެއް ގެންގުޅޭކަން މުޅި ދުނިޔެއަށް އެމަނިކުފާނު ހާމަކޮށްދެއްވި ތަޤުރީރެކެވެ. 

ފައިލް ޑައުންލޯޑްކުރައްވާ

ޑައުނލޯޑު ފައިލް އެއް ނެތް

ޝެއަރ ކުރުމަށް