24th September 2024

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ފުރިހަމަ ތަޤުރީރާމެދު ފަޚުރުވެރިވާ ޙާލު އެމަނިކުފާނަށް މަރުޙަބާ ދަންނަވަން

މިރޭ ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ފުރިހަމަ ތަޤުރީރާމެދު މި ޕާޓީން ފަޚުރުވެރިވަމެވެ. އެ ތަޤުރީރަކީ ދިވެހިރާއްޖެއާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި، ގެންގުޅުއްވާ ވަށާޖެހޭ ތަޞައްވުރާއި، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ބޮޑެތި ކަންކަމާއި، މިހާރުން މިހާރަށް ގެންނަންޖެހިފައި ހުރި ނިޒާމީ ބޮޑެތި އިޞްލާޙުތަކަށް އަލިއަޅުވައިލައްވާފައިވާ ވަރަށް ޝާމިލު ތަޤުރީރެކެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ ތާރީޚީ މުނާސަބާ އިހުތިފާލުކުރާ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފުން ޖާގަ ކަށަވަރުވެފައިވާ ޤައުމެއްކަމަށް ހެއްދެވުމަށް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރައްވައި، ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި، ޒަމާނީ ޓެކްނޮލޮޖީގެ ފަހިކަން ދިވެހިންނަށް ލިބޭނެ ސިޔާސަތުތަކެއް ބައްޓަންކުރައްވާނެކަން ރައީސް މިރޭ އިއުލާނުކުރެއްވުމަކީ މިއަދުގެ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް އެމަނިކުފާނު ދެއްވި އުފާވެރި ޚަބަރެކެވެ. 

ދިވެހިރާއްޖޭގެ އިޤުތިޞާދަކީ ވިލުންތެރި އިޤުތިޞާދަކަށް ބަދަލުކުރެއްވުމަށް އައު ޞިނާޢަތްތައް ތަޢާރަފުކުރެއްވުމަށް މާލީ ޚިދުމަތްތަކުގެ ދާއިރާ ފުޅާކުރެއްވުމަށް ޑިވެލޮޕްމެންޓު ބޭންކު ޤާއިމުކުރައްވުމާއެކު، އެންމެންނަށް ހަމަހަމަކަމާއެކު ފުރުޞަތު ލިބޭ އިޤުތިޞާދެއް ބިނާކުރައްވަން ގެންގުޅުއްވާ ސިޔާސަތުތަކާއި، ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަން ފޯރުކޮށްދީ ސިޔާސަތު އެކުލަވައިލުމުގައި ޒުވާނުންގެ ޝާމިލުވުން ކަށަވަރުކޮށްދެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް މުޅި ދުނިޔެއަށް އިޢުލާނުކުރެއްވުމަކީ އެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުންގެ އިތުބާރު އިތުރުވި ކަމެއް ކަމުގައި ފާހަގަކުރަމެވެ. 

ފަތުރުވެރިކަން އިތުރަށް ފުޅާކުރެއްވުމާއެކު އީޖާދީ ވިސްނުންތަކާއި އުފެއްދުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ އައު ޞިނާޢަތްތައް ތަޢާރަފުކުރައްވާނެކަން އެމަނިކުފާނު އިޢުލާނު ކުރެއްވިއެވެ. 

އެއާއެކު ދުނިޔޭގެ ޙާލަތަށް އަލިއަޅުވައިލައްވައި 2015 ވަނަ އަހަރު އެކުލަވައިލި ދެމެހެއްޓެނެވި ތަރައްޤީގެ އަމާޒުތައް ޙާޞިލުކުރުމުގައި، ދުނިޔެ ނާކާމިޔާބުވަމުންދާކަން ފާހަގަކުރައްވަމުން އެ ގޮތުގައި ކަންކުރަން ހުސް ވައުދުވުމުގެ މަތީގައި ދެމިތިބެވެން ނެތްކަން އެމަނިކުފާނު ފާހަގަކުރައްވައި ޢަމަލީ ގޮތުން ނަތީޖާ ނެރުމަށް މުޅި ދުނިޔެއަށް އިލްތިމާސް ކުރެއްވިއެވެ. 

މުޅި އިސްލާމީ އުންމަތް އެކަމެއްގެ ގިލަންވެރިކަން އިހުސާސްކުރަމުންދާ ފަލަސްޠީނު މައްސަލާގައި ސާފު ޞަރީޙަކޮށް އިސްރާއީލުން ހިންގަމުންދަނީ ޓެރަރިޒަމުގެ ޢަމަލުތަކެއްކަން ފާހަގަކުރައްވައި، އެ ޖަރީމާތައް ތަފުސީލުކޮށް ބަޔާންކޮށްދެއްވުމާއެކު، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ މުޢާހަދާތަކާ ޚިލާފު އެ ޢަމަލުތަކާމެދު އިސްރާއީލު ޖަވާބުދާރީ ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހަރު އަޑުން ގޮވައިލެއްވުމަކީ ކޮންމެ ދިވެހި ދަރިއަކުމެ އެމަނިކުފާނާމެދު ފަޚުރުވެރިވާނެ ފަދަ ހިތްވަރުގަދަ ޢަމަލު ފުޅެކެވެ. 

މިރޭ އެމަނިކުފާނު ދެއްވި ތަޤުރީރަކީ ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް ބައިނަލްއަޤުވާމީ މަސްރަޙުގައި ހަމައިސްކޮޅަށް ދެމިލައި، ޙައްޤު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަޤުރީރެކެވެ. 

އެމަނިކުފާނުގެ ތަޤުރީރާމެދު ކޮންގްރެސް ޕާޓީގެ ލީޑާޝިޕާއި ޕާޓީގެ ޢާންމު މެންބަރުން ފަޚުވެރިވެއެވެ. އަދި ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި އެމަނިކުފާނަށް މަރުޙަބާ ދަންނަވައި، އެންމެ ފުރިހަމަ މާނާގައި ދިވެހިންގެ މަޞްލަޙަތުތަކާއި ދިވެހިންގެ އިޙުސާސްތައް ބައިނަލްއަޤުވާމީ މަސްރަޙުގެ އެންމެ އުހުގައި ތަމްސީލުކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރަމެވެ. 

ފައިލް ޑައުންލޯޑްކުރައްވާ

ޑައުނލޯޑު ފައިލް އެއް ނެތް

ޝެއަރ ކުރުމަށް