15th September 2024

އިސްލާމީ ދިވެހިވަންތަ ސިފަތަކުގެ މަތީގައި ޑިމޮކްރެސީ ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް މަރުޙަބާ ދަންނަވަން

ބައިނަލްއަޤުވަމީ ފެންވަރުގައި ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޑިމޮކްރެސީއާއި ދައުލަތުގެ ހިންގުން ހަރުދަނާކުރައްވައި، އިސްލާމީ ގިއުގަނޑުގެ ތެރޭގައި، ދިވެހިވަންތަ އުޞޫލުތަކުގެ މަތީގައި ދިވެހި ދައުލަތް ޒަމާނީ ކުރިއަރާފައިވާ ދައުލަތެއްގެ ގޮތުގައި ބައްޓަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް ކޮންގްރެސް ޕާޓީން ޝުކުރު ދަންނަވަމެވެ.

އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތަޢާރަފުކުރެވުނުތާ 16 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވީ ނަމަވެސް އެފަދަ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް އޮތީ ނުކުރެވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން ގެންނަންޖެހިފައި ހުރި މުހިއްމު އިޞްލާޙުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވެއެވެ.

އެގޮތުން އަހަރުން އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރެއްވުމާއި، ބޮޑެތި އިންތިޚާބުތައް ވަކިވަކިން އޮތުމުގެ ބަދަލުގައި އިންތިޚާބުތައް އެއް ތާރީޚެއްގައި ބާއްވާގޮތަށް ނިޒާމު ބަދަލުކުރެއްވުން ފަދަ ދައުލަތުގެ ހިންގުން ހަރުދަނާކުރަން ކުރަންޖެހިފައި ހުރި މުހިއްމު މަސައްކަތްތައް ކުރައްވަން އެމަނިކުފާނު ނިންމަވާފައިވެއެވެ. އެކަންކަމަކީ ދުރުރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިޞްލާޙުވާނެ ކަންތައްތަކެއް ކަމުގައި މި ޕާޓީން ޤަބޫލުކުރަމެވެ.

ޤާނޫނުއަސާސީގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލތުގެ ޞިފަތައް ވަރުގަދަކުރައްވައި ހަރުދަނާކުރެއްވުމަށް ގިނަގުނަ ފިޔަވޅުތަކެއް އަޅުއްވަމުންދާކަން މި ޕާޓީން ފާހަގަކުރަމެވެ.

 

އެގޮތުން ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރެއްވުމަށް ރާއްޖޭގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭކަން ކަށަވަރުކޮށްދެއްވިއެވެ. ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާއި ފިކުރާ އެއްގޮތަށް، ދިވެހިރާއްޖޭގެ އަމިއްލަ މަޞްލަޙަތުތައް އިސްކޮށްގެންކަން ޔަޤީންކޮށްދެއްވުމަށް "މޯލްޑިވްސް ފަސްޓު" ސިޔާސަތު ތަޢާރަފުކުރައްވައި ހިންގަވަން ފެއްޓެވިއެވެ. ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، ޖުޑީޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނެވިއެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވައި ލޯކަލް ކައުންސިލުތަކަށް އާމުދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައް ފަހިކުރެއްވިއެވެ.

މިހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި، ޒާތީ ރުޅިވެރިކަމާއި، ނަފުރަތާއި ޙަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުއްވައި، އެފަދަ ކަންކަން ނިމުމަކަށް ގެންނެވުމަށް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވައިދެއްވަމުންނެވެ. ވާދަވެރިންގެ އަނބުރަށް އަރައިގަތުމާއި، ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުން ނިމުމަކަށް ގެންނެވުމަށް މަޑުމައިތިރިކަމާއެކު ޤައުމީ މައްސަލަތަކާމެދު ތެދު ބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ، އިސްލާމީ އަޚުލާޤީ ގިއުގަނޑުގެ ތެރޭގައި ޑިމޮކްރެޓިކް މާޙައުލެއް ބިނާކުރާނެ ގޮތް ޢަމަލުފުޅުންނާއި ބަސްފުޅުން ތަމްސީލުކޮށްދެއްވަމުންނެވެ. ދައުލަތުގެ މުއައްސަސާތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ވާދަވެރިން ކަސްތަޅުއަޅުވައި ޤައިދުކުރުމުގެ ސަޤާފަތް އެމަނިކުފާނުގެ ވެރިކަމުގައި ނިމުމަކަށް ގެންނަވައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުޞަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިކޮށްދެއްވިއެވެ. އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި ވާދަވެރި މާޙައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ޞުލްޙަވެރިކަމާއެކު ވެރިކަންކުރެއްވޭނެކަން އެމަނިކުފާނު ގެންދަވަނީ ކޮންމެ ދުވަހަކުމެ ސާބިތުކޮށްދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިޞްލާޙީ ބަދަލުތަކާއި، ހިފަހައްޓަވަމުންގެންދަވާ އަޚުލާޤީ މިންގަނޑުތަކާއި، ގެންގުޅުއްވާ ހަރުދަނާ އިޤުތިޞާދީ އިޖުތިމާޢީ ސިޔާސަތުތަކާއެކު މާތްﷲގެ ތަނަވަސް ރަޙުމަތްފުޅުން ދިވެހިރާއްޖޭގެ ތާރީޚުގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމާމެދު މި ޕާޓީން ޝައްކެއް ނުކުރަމެވެ.

އިސްލާމީ ދިވެހިވަންތަ ސިފަތަކުގެ މަތީގައި ދިވެހިރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މިންނަތް މަސައްކަތްޕުޅުގައި މާތްﷲ ބަރަކާތް ލައްވައި އެކަލާނގެ ތައުފީޤާއި މަދަދު މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ.

ފައިލް ޑައުންލޯޑްކުރައްވާ

ޝެއަރ ކުރުމަށް