Article Image

ވީޓޯ އުވައިލާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ސަލާމަތީ މަޖިލީހުން ޖާގަ ދިނުމަށް ރައީސް ގޮވާލައްވައިފި

ޝެއަރ ކުރުމަށް

އދގެ ސަލާމަތީ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ތާރީޚީ ތަޤުރީރުގައި ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ފަސް ދައުލަތަށް ދީފައިވާ ވީޓޯގެ އިމްތިޔާޒު އުވައިލުމާއެކު، ކުދި ޖަޒީރާ ދައުލަތްތަކަށް އެ މަޖިލީހުން ދާއިމީ ޖާގައެއް ދިނުމަށް ގޮވާލައްވައިފިއެވެ.

ސެޕްޓެންބަރު މަހަށް ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ސްލޮވޭނިއާއިން އިސްނަގައިގެން ބޭއްވި ސަލާމަތީ މަޖިލީހުގެ ހުޅުވާލެވިފައިވާ ބަހުސްގައި އިއްވެވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ގިނަ ދައުލަތްތައް ބައިވެރިވާ ބައިނަލްއަޤުވާމީ ނިޒަމަށް އޮތް އިތުބާރު ގެއްލެމުންދަނީ ސަލާމަތީ މަޖިލިސް އެ މަޖިލީހުގެ ޒިންމާ އަދާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފެއިލްވަމުންދާތީ ކަމަށެވެ.

އެގޮތުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ނަސްލު ނައްތައިލުމުގެ ޢަމަލެއްކަމަށް އދގެ މާހިރުން ވިދާޅުވެފައިވާކަމާއި، އިސްރާއީލުން ފަލަސްޠީނުގެ ސަރަޙައްދުތަކަށް ވެރިވެގެން އުޅޭ އުޅުމަކީ ޤާނޫނާ ޚިލާފު އިސްތިޢުމާރެއްކަމަށް އދގެ އެންމެ މަތީ ޝަރުޢީ ގުނަވަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ބުނެފައިވާކަމަށާއި، އަދި އިސްރާއީލުގެ އާބާދުކުރުންތައް ހުސްކުރަންޖެހޭކަމަށް ކަނޑައަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށް ސަލާމަތީ މޖިލީހުން ބޭނުންނުވުމުގެ ސަބަބުން އިސްރާއީލުގެ ނަސްލު ނައްތައިލުމުގެ ޢަލު ނުހުއްޓުވި ކުރިއަށްދާ ދިއުން ރައީސް ފާހަގަކުރެއްވިއެވެ.

ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ހީނަރުވަމުންދަނީ އެ މަޖިލީހުގައި ހަމަހަކަމާއެކު ބައިނަލްއަޤުވާމީ މުޖުތަމަޢު ތަމްސީލުނުކުރެވުމާއި، ދެފުށްފެންނަ ގޮތަކަށް މަސައްކަތްނުކުރެވޭތީއާއި، ބައެއް ޤައުމުތަކަށް ސަލާމަތް ކަށަވަރުކޮށްދީފައި އެހެން ޤައުމުތަކަށް އެކަން ކަށަވަރުކޮށްނުދޭތީކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

އަދި އެކަމަށް އޮތް ޙައްލަކީ ސަލާމަތީ މަޖިލީހަކީ މިހާރަށްވުރެ ހަމަހަމަކަމާއެކު ބައިނަލްއަޤުވާމީ މުޖުތަމަޢާއި އދގެ މެންބަރު ދައުލަތްތައް ތަމްސީލުވާ ތަނަކަށް ހެދުންކަން ފާހަގަކުރައްވަމުން ރައީސްވަނީ އެ މަޖިލިސް އެކުލެވޭ ގޮތް ބަދަލުކުރަން ހުށަހަޅުއްވާފައެވެ.

އެގޮތުން އދގެ މެންބަރު ދައުލަތްތަކުގެ ތިންބައިކުޅަ އެއްބަޔަކީ ދިވެހިރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތައްކަން ފާހަގަކުރައްވަމުން، އެ ޤައުމުތަކަށް ސަލާމަތީ މަޖިލީހުގެ ޖާގައެއް ޙައްޤުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަލާމަތީ މަޖިލީހުން ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ދައުރުވާ ގޮތަށް ދާއިމީ އެއް ޖާގަ ހަމަޖެއްސުމަށް ގޮވައިލެއްވިއެވެ.

ސަލާމަތީ މަޖިލީހުގައި ޑިމޮކްރަސީއާއި ޖަވާބުދާރީވުން ނެތި އދގެ މެންބަރު ދައުލަތްތަކުން އެ އުސޫލުތައް ތަންފީޒުކުރާނެކަމަށް އެ މަޖިލީހުން ދެކިގެންނުވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ޢަމަލުތައް ނުހުއްޓުވެނީ އެ މަޖިލީހުގެ ދާއިމީ ފަސް މެންބަރު ދައުލަތަށް ދީފައި އޮތް ވީޓޯގެ އިމްތިޔާޒުގެ ސަބަބުން ކަމެވެ.

އިސްރާއީލުގެ އަނިޔާވެރި އިސްތިޢުމާރު ދަމަހައްޓައި މުޅި ސަރަޙައްދީ ސަލާމަތް ނުރައްކަލަށް ހުށަހެޅުމަށް ފުރުޞަތު ދެނީ ވީޓޯއިންކަން ފާހަގަކުރައްވަމުން ރައީސްވަނީ ވީޓޯ އުވައިލެއްވުމަށް ހަރު އަޑުން ގޮވައިލައްވާފައެވެ.