Article Image

މަލްޓިލެޓެރަލް ނިޒާމުން އިހުސާސްވާ ނަތީޖާ ނެރުމަށް ތިން ޙައްލެއް ރައީސް ހުށަހަޅުއްވައިފި

ޝެއަރ ކުރުމަށް

ގިނަ ދައުލަތްތައް ބައިވެރިވާ ބައިނަލްއަޤުވާމީ ނިޒާމުން އިޙުސާސްވަނިވި ނަތީޖާއެއް ނެރުމަށްޓަކައި ކުރަންޖެހޭ ތިން ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.

އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްގެންދިޔަ ސަމިޓް އޮފް ދަ ފިއުޗާގައި ތަޤުރީރުކުރައްވަމުން އެމަނިކުފާނު ވަނީ ދުރުގައި ވާސިލުވެވޭނެ ގޮތެއް ނެތި އެކަހެރިކޮށް އުސް ޓަވަރެއްގެ ގޮތުގައި އދ ނެތް ދުނިޔެއެއް ހިޔާލަށް ގެނައުމަށް ދައުވަތު ދެއްވާފައެވެ.

އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެ ދުނިޔެއަކީ ގިނަ ދައުލަތް އެކުލެވޭ ނިޒާމަކީ ހިރަފުސް އަރަން ދޫކޮށްލެވިފައިވާ ޤަރާރުތަކެއް ފުލުފުލުގައި ފާސްކުރާ ދުނިޔެއެއް ނޫނެވެ. ނަމަވެސް އެ ދުނިޔޭގައި ގިނަ ދައުލަތް ބައިވެރިވާ ނިޒާމަކީ ދިރިއުޅުންތައް އޭގެ އަސްލު ވަގުތު ބައްޓަންކުރަމުންދާ ދިރުންހުރި ބާރެކެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އދއިން އެކުލަވައިލާ ތަސައްވުރުތައް ގިނަ ފަހަރަށް ޙަޤީޤަތަކަށް ނުހެދޭ ކަމަށެވެ. އެހެންކަމުން ގިނަ ދައުލަތް ހިމެނޭ ނިޒާމު ދިރިއުޅުމުގެ ހަގީގަތަކަށް ބަދަލުކުރުމަށްޓަކައި ތިން ކަމެއް އެމަނިކުފާނު ހުށަހަޅުއްވާފައިވެއެވެ.

ފުރަތަމަ ކަމަކީ ދުނިޔޭގެ ޒުވާނުން ބާރުވެރިކުރުވުމެވެ. މިއަދުގެ ދުނިޔެ ބައްޓަންކުރަނީ އަދި މާދަމީ އެ ދުނިޔެ ލީޑުކުރާނީ ޒުވާނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އދގައި އެކުލަވައިލާ ގަރާރުތަކަކީ ޒުވާނުން އިލްހާމުވާ އެމީހުންގެ ބައިވެރިވުން އޮންނަ ގަރާރުތަކަކަށް ހަދަންޖެހޭ ކަމަށެވެ.

ޒުވާނުން ބާރުވެރިކުރުވުމަށް އެމީހުންނަށް ފުރުސަތު ފަހި މާހައުލެއް އޮތުމުގެ މުހިއްމުކަން ރާއްޖެއިން އަބަދުވެސް ޤަބޫލުކުރާކަމަށާއި، އެކަމުގެ ސަބަބުން އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ކޮންމެ ޒުވާނެއްގެ އަތްފޯރާ ފަށަށް ގެނައުމަށް ޒަމާނީ ޑިޖިޓަލް އިންފްރަސްޓްރަކްޗާއަށް އިންވެސްޓުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި މި މަސައްކަތްތަކުގެ ސަބަބުން ޒުވާނުންގެ ކުރިމަތީގައި ހުރި ފުރުސަތުތައް ބޭނުންކޮށް އެމީހުންގެ އުފެއްދުންތެރިކަން ފުރިހަމައަށް ބޭނުންހިފައި، އެމީހުންގެ މިއަދާއި މާދަމާގެ ސާހިބުންނަކީ އެމީހުންކަމަށްވާން މަގުފަހިވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މޫސުމީ ބަދަލުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މޫސުމީ ބަދަލުވުމާމެދު ކަންބޮޑުވާވުމަކީ ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އަސަރުކުރުވާ ކަމެއް ކަމަށެވެ. އަދި އެއީ ރަނގަޅު ސަބަބެއް އޮވެގެން ކުރިމަތިވާ ކަމެއް ކަން ފާހަގަކުރައްވައި މިސާލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ސިޑްސްގެ ޤައުމުތަކަށް ފާއިތުވި 50 އަހަރު ތެރޭ މޫސުމީ ބަދަލުތަކާހުރެ 153 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުންވެފައިވާ ކަމެވެ.

1.5 ޑިގުރީގައި ހޫނުމިން ބެހެއްޓުމުގެ އަމާޒަކީ މިހާރު އަޅައިނުލާ ދޫކޮށްލެވިދާނެ އަމާޒެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ގޮވައިލެއްވީ ކުރިން އދއިން ވެފައިވާ މޫސުމީ އިލްތިޒާމުތަކަށް އިހުތިރާމު ކުރުމަށެވެ. ރާއްޖެ އޮތީ ނެޓް ޒީރޯ މުސްތަގުބަލެއް ހާސިލުކުރުމަށް ތައްޔާރަށް ކަމަށާއި ރާއްޖެއިން އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި، އެހެން ޤައުމުތަކުންވެސް އެ ޤައުމުތަކުގެ ދައުރު އަދާކުރުމަށް ރައީސް ގޮވައިލެއްވިއެވެ.