Article Image

ޑިޖިޓަލައިޒްކުރުމުގެ ބޭނުމަކީ މީހުންގެ ނަހަމަ ނުފޫޒުން ކަންކަން ކުރުމުގެ ދޮރުތައް ބަންދުކުރުން: ރައީސް

ޝެއަރ ކުރުމަށް

ޑިޖިޓަލައިޒްކުރުމުގެ މަގުސަދަކީ މީހުންގެ ނުފޫޒު މެދުވެރިކޮށް ކަންކަން ކުރުމުގެ ޖާގަ ވީހާވެސް ބޮޑަށް ބަންދުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިޔަކު އެމަނިކުފާނަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ ނަތީޖާއަކަަށްވާނީ ނިންމުންތައް ނިންމުމުގައި އިންސާނުން ތަދައްހުލުވާންޖެހޭ މިންވަރު މަދުވުން ކަމަށެވެ.

މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ އާސަންދައާއި އެންސްޕާއެވެ. އެއިން ތަނެއްގެ ހިދުމަތެއް ހޯދުމަށް އެދި މީހަކު ހުށަހަޅާ ހިސާބުން އެ އެޕްލިކޭޝަން ބަލައިގެން މީހަކު އެކަމާމެދު ގޮތެއް ނިންމަންޖެހޭ މިންވަރު ކުޑަކުރުމަކީ ޑިޖިޓައިޒްކުރުމުގެ ސިޔާސަތުގެ މައިގަނޑު އެއް ބޭނުންކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ސަބަބުން ވަކި މީހެއްގެ ބާރާއި ނުފޫޒު އޮވެގެން ކަންކަންވާވުން ނިމުމަކަށް އަންނަ މިންވަރު ބޮޑުވާނެ. އަޅުގަނޑު ބޭނުންވަނީ މުޅި ގަވަމެންޓުގެ ނިޒާމުގެ ތެރެއިން ވަކި މީހެއްގެ ނުފޫޒާއި ފޭވަރިޓިޒަމް އޮވެގެން ކަންކަންވާވުން ނިމުމަކަށް ގެންނަން. އެ ނުފޫޒު ފޯރުވުމުގެ ދޮރުތައް ބަންދުކުރަން. އެހެންވެ ޑިޖިޓަލްކުރަން ބޭނުންވަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ ތެރެއިން އާސަންދައާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ހިދުމަތްތައްވެސް ޑިޖިޓައިޒްކުރައްވަން ބޭނުންފުޅުވަނީ ހިދުމަތްތައް ހޯދުމުގައި ވަކި މީހެއްގެ ނުފޫޒަށް ބަރޯސާވުމުގެ ސަގާފަތް ނިމުމަކަށް ގެންނެވުމަށް ކަމަށެވެ.

އަދި މީހުންގެ ނުފޫޒު ބޭނުންކޮށްގެން އެކި ހިދުމަތްތައް ހޯދުމަށް ލިސްޓުގައި ޖެހިފައި ތިބޭ މީހުންގެ ތެރެއިންް ބައެއް މީހުން ކުރިއަށްޖެއްސުމާއި އަނެއްބައި މީހުން ފަހަތަށް ޖެއްސުން ފަދަ ކަންކަމަކީ ރާއްޖޭގައި މިހާރުވެސް ހިނގަމުންދާ ކަންތައްތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ ސަބަބުން އާސަންދަ ފަދަ ހިދުމަތްތައް ހަރުދަނާކުރެވި މިފަދަ ކަންކަމުން އެ ހިދުމަތްތައް ސާފުކުރެވިގެންދާނެ ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓައިޒްކުރެއްވުމާއެކު، ދިވެހިރާއްޖެގެ އިގުތިސާދުގައި ޑިޖިޓަލް އިގުތިސާދުގެ ހިއްސާ އިތުރުކުރެއްވުމަށް "މޯލްޑިވްސް 2.0"ގެ ނަމުގައި ހާއްސަ ބޮޑު ކެމްޕެއިނެއް ރައީސްވަނީ ފައްޓަވާފައެވެ.

މި މަސައްކަތުގެ ތެރެއިން ވަންގަވް މަަންސައިން ލިބޭ ސަރުކާރުގެ ހިދުމަތްތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާއިރު މި އަހަރުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތަކުގެ 70 އިންސައްތަ ހިދުމަތް އެ މަންސަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަންގަވް ތަރައްގީކޮށް ބަލަހައްޓާ މައިންޑްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

އޭގެ އިތުރަށް ޑިޖިޓަލް އައިޑީއެއް ތައާރަފުކޮށް އެ އައިޑީ މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި މާލީ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް އަންނަނީ ކުރެވެމުންނެވެ.