
މި ދަތުރަށްފަަހު ފެށިގެންދާނީ ރާއްޖެއާއި ލަންކާގެ ގުޅުމުގެ އައު ބާބެއް: ރައީސް
ޝެއަރ ކުރުމަށް
އެމަނިކުފާނު އަވައްޓެރި ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅާއެކު ފެށިގެންދިޔައީ ލަންކާއާއި ރާއްޖޭގެ މެދުގައި އެކުގައި މަސައްކަތްކުރުމުގެ އައު ބާބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތުފުޅަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސް ޑިސަނާޔަކެއާއެކު ކުރިއަށްގެންދެވި މަޝްވަރާތަކަށްފަހު މިއަދު ހަތް އެއްބަސްވުމެއްގެ މެދުގައި ދެ ގައުމުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ ސްރީލަންކާއާއި ރާއްޖޭގެ މެދުގައި އޮތީ ޒަމާންވީ ގުޅުމެއް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަދު ރައީސް ޑިސަނާޔެކެއާއެކު ބޭއްވެވި ބައްދަލުވުމުގައި ވަރަށް ބިނާކުރަނަވި މަޝްވަަރާތަކެއް ކުރިއަށްގެންދެވި ކަމަށެވެ. ދެ ގައުމުގެ ގުޅުމާއި ސަރަހައްދީ އަދި ބައިނަލްއަަގުވާމީ މައްސަލަތަކާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މުހިއްމު ދާއިރާތަަކުން ރާއްޖެއާއި ލަންކާގެ ގުޅުން ފުޅާކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ވިޔަފާރިއާއި ސިއްހަތާއި ތައުލީމާއި ޒުވާނުން ބިނާކުރުމާއި ސަލާމަތާއި ދިފާއީ ދާއިރާ ފަދަ މުހިއްމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވެވަޑައިގެންފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މަތީ ތައުލީމާއި އަރުޝީފުކުރުމާއި، ސިއްހަތާއި ދިފާއާއި ފަތުރުވެރިކަމާއި ޒުވާނުން ބިނާކުރުމުގެ ދާއިރާއިން މުހިއްމު އެއްބަސްވުންތަކެއް މިއަދު ދެ ގައުމުގެ މެދުގައި ގާއިމުކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒު ސާފު. އެއީ މި އެއްބަސްވުންތައް އަޅުގަނޑުމެންގެ ރައްޔިތުންނަށް އިހުސާސްވަނިވި މަންފާއަށް ތަރުޖަމާވާނެކަން ކަށަވަރުކޮށް ކަންކަން ރައްޔިތުންނަށް ހާސިލުކޮށްދިނުމާއި އަމަލީ ގޮތުން ތަންފީޒުކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ދެ ގައުމުގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނާރެހަކީ ދެ ގައުމުގެ މެދުގައި އިގުތިސާދީ ގޮތުން އެއްބާރުލުންދިނުންކަން ފާހަގަކުރައްވަމުން ރައީސްވަނީ ރާއްޖޭގެ ތަރައްގީގައި ލަންކާ ރައްޔިތުންގެ މުހިއްމު ހިއްސާއާއި ލަންކާގެ އިގުތިސާދަށް އެގައުމުގައި ދިރިއުޅޭ ދިވެހިން އިތުރުކޮށްދޭ އަގުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.
"ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓުމެންޓު ފުރުސަތުތައް ފުޅާކުރުމަށް ދެ ސަރުކާރު އޮތީ ތައްޔާރަށް. އިންވެސްޓަރުންނާ ރަހުމަތްތެރި ބާރުވެރިކުރުވާ މާހައުލެއް އުފައްދައި، އައު ވިޔަފާރީގެ ފުރުސަތުތައް ހުޅުވައިލެވިގެންދާނެ. މާދަން ބާއްވާ ބިޒްނަސް ފޯރަމުގައި ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓުމެންޓުގެ ފުރުސަތުތަކުގެ މައުލޫމާތު ލަންކާ ވިޔަފާރިވެރިންނާ ހިއްސާކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރަށް ދިވެހިރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްއަށް ލަންކާގައި އޮޕަރޭޓުކުރެވޭނެ ގޮތް ފަހިކުރުމަށް މަޝްވަރާކުރެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަތީ ފަންތީގެ މަހުގެ އުފެއްދުންތައް ލަންކާގެ ބާޒާރަށް ބޭރުކުރުމަށް ހުރި ފުރުސަތުތަކާމެދުވެސް މަޝްވަރާކުރެއްވި ކަމަށެވެ.
ރާއްޖެއާއި ލަންކާގެ މެދުގައި އޮތް ވިޔަފާރީގެ ތިލަފަތްނަހަމަކަން ފާހަގަކުރައްވަމުން ރައީސްވަނީ ދެ ގައުމުގެ މެދުގައި މިހާރަށްވުރެ ތިލަފަތްހަމަ ވިޔަފާރި ގުޅުމެއް ގާއިމުކޮށް، ވިޔަފާރީގެ އަދުލުވެރިކަމާއި ދެ ގައުމުގެ ރައްޔިތުންނަށްވެސް އެއިން މަންފާވަނިވި ގޮތަކަށް ވިޔަފާރި ގުޅުން ބައްޓަންވުން މުހިއްމުކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ޒުވާނުން ބިނާކުރުން ހިމެނޭއިރު ތައުލީމާއި ހުނަރުވެރިކަން ތަރައްގީކުރުމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ގާއިމުކުރެވުނު އެއްބަސްވުންތަކަކީ އެކަމަށް މަގުފަހިކުރާނެ އެއްބަސްވުންތަކެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އަމާޒަަކީ ހަލުއިކަމާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ކުރިއަރައިދިއުމަށް ބޭނުންވާ ހުނަރުތައް ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަޒީރާ ގައުމުތަކެއްގެ ގޮތުން ރާއްޖެއާއި ލަންކާގެ ކުރިމަގު އޮތީ އިންޑިޔާ ކަނޑާ ގުޅިފައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށާއި، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމާއެކު، ކަނޑުގެ ރައްކާތެރިކަމުގެ ދާއިރާާއިން އެއްބާރުލުން ދިނުން އިތުރުކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
ރާއްޖެއާއި ލަންކާގެ ގުޅުމަކީ ތާރީހާއި ސަގާފަތާއި މީހުންގެ މެދުގައި އޮތް ގުޅުމާއި ހިއްސާވަނިވި ތަރިކައިގެ މަތީގައި ބިނާވެފައި އޮތް ގުޅުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަގާފީ ބަދަލުކުރުންތަކާއި އިލްމީ ދާއިރާއިން އެކުގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ އެކި މައްސަލަތަކާމެދު ދެ ރައީސުން ކުރެއްވި މަޝްވަަރާގައި ދެ ގައުމުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމުގައިވާ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ ބައިނަލްއަގުވާމީ މަސްރަހުގައި ވަރުގަދައަށް އެ މައްސަލާގައި ވަކާލާތުކުރުމަށާއި ދެ ގައުމު ގުޅިގެން އެ ދާއިރާއިން އިސްނަގައިގެން މަސައްކަތް ކުރުމަށާއި، މޫސުމީ ވިލުންތެރިކަން ހާސިލުކުރުމަށް އެކުގައި ދެ ގައުމުން މަސައްކަތްކުރުމަށް އެއްބަސްވެވިފައިވާ ކަމެވެ.
"ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ކުރިއަރުވައި ސަރަހައްދީ އެއްބާރުލުން އިތުރުކޮށް، ސުލްހައާއި އިސްތިގުރާރާއި ހިއްސާވަނިވި ތަނަވަސްކަން ކުރިއެރުވުމަށް އިލްތިމާޒުވަން. އެކުގައި ހަގީގީ ނަތީޖާ ރައްޔިތުންނަށް ނެރެދޭ ގުޅުމެއް ބިނާކުރުމުގައި އަޅުގަނޑުމެން ދެ ގައުމު ދެމިއޮންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.