Article Image

މީޑިޔާއަށް ކޮށްދޭން ވައުދުވެވަޑައިގަތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އަރުވައިފި

ޝެއަރ ކުރުމަށް

މީޑިޔާގެ މިނިވަންކަަން ކަށަވަރުކޮށްދެއްވައި އިތުރަށް އެ ދާއިރާ ތަރައްގީކުރެއްވުމަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުޅުތަކެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވަައިފިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވެފައިވަނީ ދުވަހުގެ މުނާސަބަތުގައި މީޑިޔާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަކިން ހާއްސަކޮށް ނޫސްވެރިންނަށް ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ގާނޫނުއަސާސީގައި ސަރީހަކޮށް ބަޔާންކޮށްފަައިވާ ވަކިވެފައިވާ ބާރުތަކުގެ މެދުގައި ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ "ހަތަރުވަނަ ބާރަކީ" މީޑިޔާއެވެ.

" ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން،" ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރުމުގެ ހައްގަކީ އިސްލާމްދީނުގައި ވަރަށް މަތީ ދަރަޖައަކަށް ފުރުސަަތު ދެވިފައި އޮތް ހައްގެއް ނަމަވެސް ހިޔާލު ފާޅުކުރުމުގައި ތަބާވާންޖެހޭ ހުދޫދުތަކެއް ދީނުގައި ބަޔާންކުރައްވާފައިވާކަން ރައީސް ފާހަަގަކުރެއްވިއެވެ. އެ ހުދޫދުތަކާއި އުސޫލުތަކުގެ ތެރެއިން އެމަނިކުފާނު ފާހަގަކުރެއްވީ އާއްމު މަސްލަހަތު ނެގެހެއްޓުމާއި، ސިލްމާއި ސަލާމަތް ދެމެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ގޮތަކުން ނޫސްވެރިންނަށް ފަހި މާހައުލެއް ތަނަވަސްކޮށްދެއްވުމަކީ އެމަނިކުފާނު ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަސްލަހަތެވެ. އަދި ދިވެހި ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް އެްނމެ މަތީ ދަރަޖައިގައި ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު ނޫސްވެރިކަމާއި ޓެކްނޮލޮޖީއާއި މަދަނީ ހައްގުތަކާއި އިންސާނީ ހައްގުތަކުގެ ދެމެދުގައި އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ފުޅާކޮށް މި ދުވަސްވަރު ބަހުސްކުރެވެމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ނޫސްވެރިންނާއި، ޑިޖިޓަލް ޙައްޤުތައް ހިމާޔަތްކުރާ ފަރާތްތަކާއި، ޓެކްނޮލޮޖިސްޓުންނާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޢިލްމީ ދާއިރާތަކާއި، ދިރާސާވެރިންނާއި، ޒުވާނުން ލީޑަރުން އަދި ކޮންޓެންޓް ކްރިއޭޓަރުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތަކަށް އާ ހައްލުތައް ހޯދުމަށް ބަހުސްކުރެވެމުންދާ ކަމަަށެވެ.

ސަރުކާރުންދަނީ ނޫސްވެރިކަމުގެ މުސްތަގުބަލަށް ފަހި އިންފޮމޭޝަން އީކޯސިސްޓަމްތަކެއް ގާއިމުކުރަމުންކަމަށާއި، އެގޮތުން މޯލްޑިވްސް 2.0 ގެ ތަސައްވުރު ހަގީގަތަކަށްވާއިރު ހުރިހާ ގޮތަކުންވެސް މިހާރަށްވުރެ ނޫސްވެރިންނަށް ފަހި މާހައުލެއް ވުޖޫދުވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

"ނޫސްވެރިކަމަކީ، ޒުވާނުންނަށް ފަހި މުސްތަޤުބަލެއް އޮތް ދާއިރާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުންނެވެ. އަދި، ހަމައެހެންމެ ނޫސްވެރިކަމަކީ، އެ މަސައްކަތްކޮށްގެން އަބުރުވެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާއަކަށް ހަދަންޖެހޭ،" އިތުރަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އާބާދީގެ ކުޑަކަމުގެ ސަބަބުން ދެމެހެއްޓެނެވި ގޮތެއްގައި މީޑިޔާ ހިންގުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، އެކަމަށް ހައްލު ހޯދައި ދުނިޔެއަށް އަންނަމުންދާ ވިލުންތެރި ބަދަލުތަކާ ފައިހަމަކުރާނެ މިޑިޔާގެ އިލްމީ ޖީލެއް ބިނާކުރުމުގެ ފުރުސަތު ތަނަވަސްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މީޑިޔާތަކަށް ކުރީގައި އެއްވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީޑިޔާއަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރޭގައި މީޑިޔާ ހިންގާނެ ވަކި ތަނެއް ހަމަޖެއްސެވުމާއި، މާލީ މިނިވަންކަން ކަށަވަރުކުރާނެ މަގުފަހިކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން މީޑިޔާއތަށް ދޭން ނިންމުމަކީ މީޑިޔާ ތަރައްގީކުރުމަށް ފަހިކުރެއްވި ފުރުސަތުތަކެއް ކަމުގައި ވިދާޅުވިއެވެ.

"ރާއްޖޭގެ މީޑިއާ ބޮޑުވެ، ފުޅާވެ އަދި މިކަމުގެ ތެރެއަށް ވަންނަ ޒުވާނުން އިތުރުވަމުންދާކަމީ އަޅުގަނޑު އެކަމަކަށްޓަކައި ފަޚުރުވެރިވާކަމެއް. ދިވެހިރާއްޖެއަކީ، އާބާދީގެ ނިސްބަތުން މީޑިއާތައް އެންމެ ގިނަ ޤައުމު. މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި ނޫސްވެރިން ތަމްރީނު ކުރުމާއި، ފެމިލިއަރައިޒޭޝަން އަދި އެހެން ޤައުމުތަކުގެ ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ފުރުސަތުތައް އިތުރަށް ފަހިކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.

އިތުރަށް އެމނިކުފާނު ވިދާޅުވީ މިނިވަން މީޑިޔާއަކީ ހައްގަކަށްވާ ފަދައިން އެއީ ޒިންމާއެއްކަމަށާއި، ދިވެހި މީޑިޔާ ވާންވާނީ ތެދު ހާމަކުރާ އެކަމުގެ ސަބަބުން އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް ކަމުގައެވެ. އަދި ދިވެހި ގަބޫލުކުރާ ހަމަތަކައި މިންތައް ނަގަހައްޓާ ބާރަކަށްވެސް މީޑިޔާ ވާންވާނެ ކަމުގައި ވިދާޅުވިއެވެ. ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސަރުކާރަށް އަމާޒުވާ ބިނާކުރަނަވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުހަބާ ވިދާޅުވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ދުނިޔޭގައި ފާހަގަކުރަމުން ގެންދާއިރު، އެއްވެސް ތަޙުޤީގެއް ހިންގުމެއް ނެތި ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، ނޫސްވެރިންނަށް އެކިއެކި އަދަބުތައް ދެމުންދާތަން ފެންނަމުންދާކަމީ ވަަރަށް ހިތާމަހުރި ކަމެކެވެ. މިއީ، މިއަދު ބަލައިގަނެވޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާުވަނީ ނޫސްވެރިންނާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ބޮޑެތި ޖަރީމާތައް ހުއްޓައިލުމަށް ގޮވައިލައްވާފައެވެ.

ރައީސްވަނީ ދޮގު މައުލޫމާތު ފެތުރުމުގެ ހަތިޔާރެއް ނުވަތަ އާލަތެއްގެ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުންދާ ދިއުމާމެދު ރައްކާތެރިވެ ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އެ އައު ހަގީގަތުގެ ތެރޭގައި ތެދު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިތުރަށް ސަމާލުވާންޖެހޭނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.