Article Image

ސަލީމު ވިދާޅުވީ ބ.އަތޮޅުގެ ސިޔާސީ ޗާޓު ބަދަލުވެއްޖެކަމަށް

ޝެއަރ ކުރުމަށް

ބ.އޭދަފުށި ފިޔަވައި އެ އަތޮޅުގެ އެހެނިހެން ރަށްރަށުގައި ސިޔާސީ ގޮތުން ފާއިތުވި ވިއްސަކަށް އަހަރުވެސް ނުފޫޒުގަދަވެފައި ކާމިޔާބީ އެމްޑީޕީ ކަމުގައިވީ ނަމަވެސް، ފާއިތުވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި އެ އަތޮޅުގެ ސިޔާސީ ޗާޓަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށް އޭދަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވެއްޖެއެވެ.

އޭޕްރީލު ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ބ.ކެންދޫ ކައުންސިލުގެ ހުރިހާ ގޮނޑިއަކާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުކުރެވުމާ ގުޅިގެން އުފާ ފާޅުކުރުމަށް ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ސަލީމު ވިދާޅުވީ އެ އިންތިހާބުގެ ޖުމްލަ ނަތީޖާއަށް ބަލާއިރު ކައުންސިލު އިންތިހާބުގައި ޕީއެންސީއަށް ލިބުނީ ފުރިހަމަ ކާމިޔާބެއް ކަމަށެވެ.

އެއާއެކު ސަލީމުވަނީ ސިޓީތަކުގައި އެ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބާމެދު ތަފުސީލުކޮށް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ސިޓީތައް ކާމިޔާބުނުވުމަކީ ހިތާމަކުރައްވާ ކަމަކަށްވީ ނަމަވެސް އެ ބަލިވުމުގެ ފަހަތުގައިވެސް ހެވެއް އަދި މޮޅެއް އޮންނާނެ ކަމަށެވެ.

"ސިޓީތަކުން ކާމިޔާބު ނުވުމަކީ އަޅުގަނޑުމެން ވެސް ހިތާމަކުރާ ކަމެއް. ނަމަވެސް މިއިން ކޮންމެ ކަމެއްގައި ވެސް ވިސްނަންވާނެ އޭގައި ކޮންމެވެސް ކަހަލަ ރަނގަޅު ކަމެއް އޮންނާނެ ކަމަށް. އެހެންވީމަ، އަޅުގަނޑުމެން އިހްތިޔާރު ކުރަން ވާނީ އޭގެ ރަނގަޅު ގޮތް. އެހެންވީމަ އަޅުގަނޑުމެން އެއްގޮތަކަށް ވެސް މިކަމާ ކަންބޮޑުވެގެން ނުވާނެ." ސަލީމު ވިދާޅުވިއެވެ.

އެއާއެކު ސަލީމު ވިދާޅުވީ ބ.އަތޮޅުގައި މީގެ ކުރިން ޕީއެންސީގެ ވިސްނުމަށް އަޣުލަބިއްޔަތު ލިބެނީ އޭދަަފުށިން އެކަނި ކަމަށެވެ. ނަމަވެސް މިފަހަރު އެ އަތޮޅުގެ 11 ރަށެއްގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އަޣުލަބިއްޔަތު ޕީއެންސީން ކާމިޔާބުކުރިކަމަށް ސަލީމު ވިދާޅުވިއެވެ.

އިތުރަށް ސަލީމު ފާހަގަކުރެއްވީ ކެންދޫއަކީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން އެންމެ ހަރަކާތްތެރި މެންބަރު މައުރޫފު ޒާކިރުގެ އަމިއްލަފުޅު ރަށަށްވެފައި އެ ރަށުގެ އެންމެ ގޮނޑިއެއްވެސް ކައުންސިލު އިންތިހާބުގައި ކާމިޔާބުނުވުމަކީ މެންބަރު މައުރޫފަށް ކުރިމަތިވެވަޑައިގަތް ވަރަށް ބޮޑު ނާކާމިޔާބެއް ކަމެވެ.

މުޅި އަތޮޅުން ޕީއެންސީއަށް އަޣުލަބިއްޔަތު ނުލިބުނު ދެ ރަށަކީ ބ.ފެހެންދޫއާއި ކަމަދޫކަން ފާހަގަކުރައްވަައި ސަލީމު ވިދާޅުވީ ކަމަދޫގެ އަޣުލަބިއްޔަތު ޕީއެންސީއަށް ގެއްލުނީ ދިމާވި ޓެކްނިކަލް މައްސަލައަކާހުރެ ކަމަށާއި، ނަމަަވެސް ދެން އަންނަ އިންތިހާބެއްގަައި އެ މައްސަލަ ހައްލުކުރައްވައި ކަމަދޫގެ އަޣުލަބިއްޔަތުވެސް ޕީއެންސީއަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.