Article Image

ނުދެއްކޭނެ ކަމުގައި ބުނި ދަރަނި ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ދައްކައިފި: ޝުޖާއު

ޝެއަރ ކުރުމަށް

އިދިކޮޅު ފަރާތްތަކުން ނުދެއްކޭނެ ކަމުގައި ބުނަމުން އައި ބޮޑެތި ދަރަނިތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަދާކޮށް ހަލާސްކޮށްފައިވާކަން ފާހަގަކުރައްވަމުން، ދެން ފެށިގެންދާނީ ހަގީގީ ޕީއެންސީގެ ވެރިކަންކަމަށް އެ ޕާޓީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ހއ.ފިއްލަދޫ ކައުންސިލުގެ ގޮނޑިތަކަށް ވާދަކުރެއްވި ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ އިންޑިޔާގެ މަރުކަޒީ ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އަދާނުކުރެވި، އެ ދަރަނި ރޯލްއޯވާނުކުރެވިގެން އިދިކޮޅު ފަރާތްތަކުގެ ފައިބުޑަށް ރައީސް ޑރ.މުޢިއްޒު ވެއްޓިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި އިދިކޮޅު ލީޑަރުން ތިއްބަވަނިކޮށް ރޭ ސަރުކާރުން އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.

"އިއްޒަަތްތެރި ލޮބުވެތި ރައްޔިތުން މި މަސް ތެރޭގައި މި ދިވެހި ގައުމަށް ލިބުނު ފައިސާގެ ތެރެއިން 925 މިލިއަން ޑޮލަރު އެމްޑީޕީން ނެގިހާ ލޯނުގެ ގޮތުގައި ދައްކައިފިއޭ. 1.4 ބިލިއަން ރުފިޔާ. މިއީ ފިއްލަދޫ ކަހަލަ ކިތައް ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭނެ ލާރި؟،" ޝުޖާ ވިދާޅުވިއެވެ.

އިތުރަަށް ޝުޖާ ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރެއްހައި ދުވަސް އެމަނިކުފާނު ހޭދަކުރައްވަންޖެހިވަޑައިގަތީ ކުރީގެ ވެރިން ނަންގަވާފައިވާ ލޯނުތައް އަދާކުރެއްވޭނެ ގޮތްތައް ހޯއްދެވުމަށެވެ. ކޮންމެ އަހަރަކުވެސް ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން އެތައް ގިނަ ފައިސާއެއް ހޭދަކުރައްވަންޖެހިވަޑައިގަތީ އެ ދަރަނިތައް އަދާކުރެއްވުމަށް ކަމުގައި މެންބަރު ވިދާޅުވިއެވެ.

ޝުޖާގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ދަރަންޏަށް ފައިސާ ނަގާފައި ހުރީ ދައުލަތުގެ ބޮޑެތި މުހިއްމު އެސެޓުތައް ކަމުގައިވާ ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗްއާއި މާލޭގެ ބައެއް ސްކޫލުތަކާއި މުހިއްމު ބިންތައް ރަހުނުކޮށްގެން ކަމެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން ނަގާފައި ހުރި އެފަދަ ދަރަނިތައް އަދާކުރައްވައި އެހުރިހާ ތަނެއް ރައީސް ޑރ.މުއިއްޒު ސަލާމަތްކޮށްދެއްވާފައިވާ ކަމަށެވެ.

ރަށްރަށުގައި ފެށިފައިހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްނުގެންދެވި ހުރީ ކުރީ ސަރުކާރުތަކުން ލޯނުތައް ނަގައިގެން ކުރި އެއްވެސް ކަމެއް ނެތުމުގެ ސަބަބުންކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އެ ލޯނުތައް އަދާކުރެއްވުމަށްފަހު މިހާރު ފައްޓަވަނީ ޕީއެންސީގެ ހަގީގީ ވެރިކަން ކަމަށެވެ.

"ދެން ހަގީގީ ޕީއެންސީގެ ވެރިކަން ފެށޭނީ. ދެން ފެށޭނީ ޕީއެންސީގެ ހަގީގީ ވެރިކަން. މިވެރިކަން ފެށިގެންދާއިރު އަަތޮޅު ތެރޭގައި ތިއްބެވި އަޅުގަނޑުމެންްގެ މެންބަަރުން ވަރަށް އުފާވާނެ. އަންނާނެ ބަދަލު، އަންނާނީ ހެޔޮ ބަދަލު. އެ ބަދަލަށް އަޅުގަނޑުމެންގެ ގްރާސްރޫޓު ތައްޔާރުވާންވީ،" ޝުޖާ ވިދާޅުވިއެވެ.

ދައުލަތަށް ކުރިމަތިވެފައި އޮތް ދަރަނީގެ އުދަގުލުގެ ތެރޭގައިވެސް ރައްޔިތުންނަށް ހިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިނުވެ، އަސާސީ ހުރިހާ ހިދުމަތްތައް ރައްޔިތުން އެދޭ ގޮތަށް ބަރާބަރަށް ލިބޭނެ އިންތިޒާމުތައް މި ސަރުކާރުން ހަމަޖައްސައިދެއްވިކަން ޝުޖާ ފާހަގަކުރެއްވިއެވެ.