Article Image

ޑޮލަރު މާރުކުރަން ހެދި ޤަވާޢިދު ތަންފީޒުކުރަން އެކުލަވާލި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ރައްޔިތުންނަށް ލިބޭނެ ފައިދާތައް ރައީސް ހާމަކުރައްވައިފި.

ޝެއަރ ކުރުމަށް

ރާއްޖެއިން ބޭރުން އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުންނާއި، ޓޫރިޒަމް ނޫން ދާއިރާތަކުން، ޑޮލަރުން ގިނަ ޢާމްދަނީ ލިބޭ ފަރާތްތަކުން، ރާއްޖޭގެ ބޭންކުތަކަށް، ވަކި ވަރަކަށް ޑޮލަރު މާރުކުރަން ލާޒިމްކުރާގޮތަށް، އެމް.އެމް.އޭ އިން އެކުލަވާލި ޤާނޫނުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާތައް، ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ، 27 ނޮވެމްބަރ 2024 ގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ފަދަ ޤާނޫނެއް އެކުލަވައިލި ކަމަށް ޓަކައި، އެ މަނިކުފާނު ވަނީ އެމް.އެމް.އޭ.އަށް ޝުކުރު އަދާކުރައްވާފައެވެ.

​​ރައީސް މުޢިއްޒު ވިދާޅުވީ، ރިޒޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކު، 500 ޑޮލަރު މާރުކޮށް، ޑޮލަރުން ގިނައިން ޢާމްދީ ލިބޭ ފަރާތްތަކަށް ލިބޭ ޑޮލަރުގެ ކޮންމެ ވެސް މިންވަރެއް، ބޭންކުތަށް މާރުކުރާ ގޮތަށް ހެދި ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށް ޓަކައި، އެމް.އެމް.އޭ އިން އިސްނަގައިގެން، ބޭރު ފައިސާއާއި ބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ ވަރަށް މުހިއްމުކަމެކެވެ. ''މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ، ޢާއްމު ރައްޔިތުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް، ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން.'' ރައީސް ވިދާޅުވިއެވެ.

​​ޑޮލަރު މާރުކުރުމަށް އެމް.އެމް.އޭ އިން އެކުލަވައިލި ޤާނޫނު ތަންފީޒުކުރަން ފެށުމުން، ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ލިބޭނެ ފައިދާތަކުގެ ތަފުޞީލު އެ މަނިކުފާނު ދެއްވިއެވެ. މި ގޮތުން އެ މަނިކުފާނު ވިދާޅުވީ، މި ޤާނޫނު ތަންފީޒުކުރަން ފެށުމުން، 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް، މިހާރު ލިބޭ 500 ޑޮލަރު، 1000 ޑޮލަރަށް ހައްދަވާނެ ކަމަށާއި އަދި  ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓް ބޮޑުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިން، ބޭރުން މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރުން، މިހާރު ބޭންކުތަކުން ދޫކުރާ ނިސްބަތް، 2025 ޖުލައި މަހުން ފެށިގެން އިތުރު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޢާއްމު ރައްޔިތުންނަށް ލާބައާއި މަންފާއަށް ޓަކައި ސަރުކާރުން ކުރައްވާ މި ފަދަ ކޮންމެ ކަމަކަށް، ރައްޔިތުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް، ރައީސް މުޢިއްޒު ވަނީ، ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މުޢިއްޒު، ތަކުރާރުކޮށް ވިދާޅުވާފަދައިން، އެ މަނިކުފާނު އަބަދު ވެސް ހުންނަވަނީ ރައްޔިތުންގެ ފަޅީގައިކަން ފާހަގަކުރެވެއެވެ. މި ގޮތުން އެ މަނިކުފާނު ފާހަގަވެގެންދަނީ، ނުފޫޒު ގަދަ، ބާރު ހުރި ފަރާތްތަކުގެ ނުފޫޒަށް ބެއްލެވުމެއް ނެތި، ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް، ފަސްޖެހި ވަޑައިގަތުމެއް ނެތި ކުރައްވަމުން ގެންދަވާ ހަރުދަނާ، ދުރު ވިސްނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.