Article Image

ސަރުކާރުގެ ފަރާތުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅައިފި

ޝެއަރ ކުރުމަށް

މި އަހަރުގެ ކުރިއަށް އޮތް ތަނުގައި ހިނގާނެ ޚަރަދުތައް އަންދާޒާކޮށް ސަރުކާރުގެ ފަރާތުން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ބަޖެޓު ހުށަހަޅުއްވަނީ މި އަހަރަށް ކަނޑައަޅާފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓު ޚަރަދުކޮށް ނިމުމުގެ ކުރިން، މާލިއްޔަތު ޤާނޫނުގައިވާ ގޮތަށް ކުރިއަށް ހުރި މަސްތަކުގައި ހިނގާނެކަމަށް ބެލެވޭ ޚަރަދުތައް ކުރިއަލާ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ނިމުނު ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަޖެޓުން ޚަރަދުވީ 38 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 76 އިންސައްތަ ކަމަށެވެ.

ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރާއި އެމަނިކުފާނުގެ ސިޔާސަތުތައް މި އަހަރަށް ފާސްކުރި ބަޖެޓުގައި ފުރިހަމައަށް ހިމެނިފައި ނެތުމާއި، ޖުލައި މަހުން ފެށިގެން ތަންފީޒުކުރަން ކަނޑައަޅާފައިވާ މާލީ އިޞްލާޙުތަކާ ގުޅޭ މަސައްކަތްތައް އެކުލަވައިނުލެވުމުން އެ އިޞްލާޙުތައް ތަންފީޒުނުކުރެވި ލަސްވުމާއި، ފާއިތުވި އަހަރުގެ ބިލުތަކަށް ފައިދާ ދެއްކުމެވެ.

އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަޕްލިމަންޓަރީ ބަޖެޓުގެ އަނެއް ބޭނުމަކީ ކުދިކުދި އަގުތައް ހިމެނުމަށްފަހު ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ހިންގުމަށް ޖާގަ ހޯދުމެވެ.

"ސަރުކާރުގެ އަމާޒަކީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް، ބަޖެޓުގައި ހިމެނިފައިވާ ހަރަކާތްތަކާއި މަޝްރޫޢުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން. އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް މަޝްރޫއުތަކުގެ ޕައިޕްލައިން އެކުލަވާލައި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުން." ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބަޖެޓުގައި މައިގަނޑުކޮށް ހިމެނޭނީ އަންނަނިވި ދާއިރާތަކުގެ ޚަރަދުތަކެވެ.

ސަބްސިޑީ: 1.02 ބިލިއަން ރުފިޔާ

ޕީއެސްއައިޕީ: 2.0 ބިލިއަން ރުފިޔާ

ކުއްލި ހާލަތްތަކަށް: 650 މިލިއަން ރުފިޔާ

ދަރިވަރުންގެ ލޯނުތަކަށް: 458.4 މިލިއަން ރުފިޔާ

މެޑިކަލް ކޮންޒިއުމަބަލްސްއަށް: 200 މިލިއަން ރުފިޔާ

ބޭސްފަރުވާގެ އެހީތެރިކަން: 262 މިލިއަން ރުފިޔާ

މުސާރައާއި އުޖޫރައަށް: 24.4 މިލިއަން ރުފިޔާ

ޚަރަދުތަކުގެ އިތުރަށް މި އަހަރު ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް އާމްދަނީވެސް ލިބޭނެ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން މި އަހަރު ލިބޭނެކަމަށް އަންދާޒާކުރާ 34 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން 27 ބިލިއަން ރުފިޔާ ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް ބޮޑުކުރުމުން އަންދާޒާކުރި މިންވަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.