ދުންފަތާއި ދުންފަތުން އުފައްދާތަކެތީގެ ވިޔަފާރި މުޢާމަލާތް ކުރެވޭ އެންމެ ހަނގު ޢުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުއްވުމަށް ރައީސް ނިންމަވައިފި.
ޝެއަރ ކުރުމަށް
ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށް، ޤާނޫނަށް ބަދަލު ގެނައުމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ގޮތުން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށް ޓަކައި،ދުންފަތާއި ދުންފަތުން އުފައްދާތަކެތީގެ ވިޔަފާރި މުޢާމަލާތް ކުރެވޭ އެންމެ ހަނގު ޢުމުރަކީ، 18 އަހަރުކަމަށް މިހާރު އޮތް އޮތުން، 21 އަހަރު ކަމަށް ކަނޑައެޅުއްވުމަށް، ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް، 22 އޮކްޓޯބަރ 2024 ގައި،ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް، އަޅާ ފިޔަވަޅުތައް ވެސް ހަރުކަށި ކުރުމަށް، ޤާނޫނަށް އިސްލާޙު ގެނައުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ވޭޕްކުރުމުގެ އަވާގައި، ޒުވާނުންނާއި ކިޔަވާ ކުދިން ޖެހި، މުޖުތަމަޢު އެ ކަމާ ވަރަށް ބޮޑަށް ކަންބޮޑުވެފައި ވަނިކޮށް ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތް ކުރެއްވުމަށް، ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް، މުޖުތަމަޢުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ޞިއްޙީ މާހިރުންނާއި ސްކޫލްތައް ހިންގަވަން ތިއްބެވި ފަރާތްތަކާއި ބެލެނިވެރިން، ރައީސްގެ މި ހަރުދަނާ ފިޔަވަޅުތައް ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވައެވެ.