Article Image

އދ.އާއެކު ކުރެވުނު މަސައްކަތުން ރާއްޖެއަށް މުހިއްމު ކާމިޔާބުތަކެއް ލިބިފައިވޭ: ރައީސް

ޝެއަރ ކުރުމަށް

ފާއިތުވި 45 އަހަރު ދިވެހިރާއްޖެއިން އދއާއި އެ ޖަމްއިއްޔާގެ އެކި އިދާރާތަކާއެކު ކުރި މަސައްކަތުން ބޮޑެތި ކުރިއެރުމާއި ކާމިޔާބީތައް ހާސިލުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޔޫއެންޑީޕީގެ އޮފީހެއް ދިވެހިރާއްޖޭގައި ޤާއިމުކުރިތާ 45 އަހަރުވުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އދ.އާ ގުޅިގެން ކުރެވުނު އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އެ މަސައްކަތްތަކަކީ ރާއްޖެއަށް އެކި މަރުޙަލާތަކުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް ނުހަނު މުހިއްމު މަސައްކަތްތަކެއްކަން ރައީސް ފާހގަކުރެއްވިއެވެ.

އަދި ރާއްޖޭގައި ޤާއިމުކޮށްފައިވާ ޔޫއެންޑީޕީގެ އޮފީސް ޤާއިމުކޮށްފައިވަނީ ރާއްޖޭގެ ކުރިއެރުމާއި، ތަރައްޤީއާއި، ކޮންމެ ދިވެއްސެއްގެ އިންސާނީ ކަރާމަތާއި، ދެމެހެއްޓެނެވި ތަރައްޤީ ހިމެނޭހެން ދެ ފަރާތުން ހިއްސާކުރާ މުހިއްމު ކަންތައްތަކެއް ނަގަހައްޓައި، ކޮންމެ ދިވެއްސަކަށް ކުރިމަގުގައި ކުރިއަށްދެވޭނެ މަގެއް ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފުން، ވިލުންތެރި އިޤުތިޞާދީ ގޮތުން ކުރައަރަމުންދާ ޤައުމަކަށްވުމަށް ރާއްޖެ ކަނޑައްތުކުރި ރާސްތާގައި ޔޫއެންޑީޕީން ލިބުނު އެހީތެރިކަމާއި އަދާކުރި މުހިއްމު ދައުރުގެ މައްޗަށް ރައީސް އަލިއަޅުވައިލެއްވިއެވެ. ޚާއްޞަކޮށް އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އިންތިޤާލުވި މަރުޙަލާގައި ޔޫއެންޑީޕީން ދިން އެހީތެރިކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

ތަރައްޤީގެ އެންމެ އަސާސީ ކަންކަމުގެ އިތުރަށް މޫސުމީ ބަދަލުތަކާ ގުޅިގެން ވިލުންތެރިކަން އިތުރުކޮށް އެ ބަދަލުތަކަށް ހޭނުމުގައާއި އަންހެނުން ބާރުވެރިކުރުވުމާއި، އިޤުތިޞާދު ސިންދިފާތުކުރުމާއި މުއައްސަސާތައް ހަރުދަނާކުރުން ފަދަ އެތައް ދާއިރާއެއްގައި ޔޫއެންޑީޕީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްވަނީ 2040 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ވަރުގަދަ ވިލުންތެރި ޑިޖިޓަލް އިޤުތިޞާދެއް ޤާއިމުކުރައްވައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސަފުން ނެއްޓި ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ބަދަލުކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ތަކުރާރު ކުރައްވާފައެވެ.

މިޖަލްސާގައި ޔޫއެންޑީޕީގެ އިސްވެރިންނާއި ސަރުކާރުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ މަތީ ފަންތީގެ މަސްއޫލުވެރިން ބައިވެރިވެވަޑައިގަތެވެ.