ވަޒީފާއާއި ވުނޭރުކަން

ވަޒީފާ ބޭނުންވާ ކޮންމެ ފަރާތަކަށް، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު ވަޒީފާތައް މަދުނުވާނެ ވަރަށް، 5 އަހަރުގެ ތެރޭގައި ޤާއިމުކޮށް، ރާއްޖެއިން އިންވޮލަންޓަރީ އަންއެމްޕްލޯއިމަންޓް އެކީ ފޮހެލުން.

ބިދޭސީން ގިނައިން ހަރަކާތްތެރިވަމުންދާ ސިނާއަތްތަކުގައި ދިވެހި ޒުވާނުން އިތުރަށް ފައިތިލަ ސާބިތުކުރަން މަގުފަހިކޮށްދިނުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ޤާއިމުކުރުމަށް، ރަހުނަކާނުލާ ވިޔަފާރި ފެށުމަށް އިންކިއުބޭޓަރ ޚިދުމަތާއި، ދާއިރާގެ މާހިރުންގެ މެންޓޯރޝިޕް ލިބޭނެގޮތަށް ޤާއިމުކުރެވޭ، 500 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތަޢާރަފުކުރުން.

ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް 'ދިވެހިންނަށް ޚާއްޞަ' މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުން.

ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢްލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ދެގުނައާއި ހަމައަށް އިތުރުކުރުން.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރުމާއެކު، ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތަކަށް އެފަދަ ބިދޭސީންގެ ސަބަބުން އެޅެމުންދާ ހުރަސްތައް ނައްތާލަން ފިޔަވަޅުތަކެއް އެޅުން.

ސިވިލް ސާރވިސްގައި ވެރިންގެ ފެންވަރުގެ ވަޒީފާއަދާކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރުން.

އެއާރޕޯޓް މެނޭޖްމަންޓް، ރޫޓް ޑިވޮލޮޕްމެންޓް، އޮޑިޓިންގ އަދި އެކައުންޓިންގ، ލޮޖިސްޓިކްސް، ދަތުރުފަތުރާއި ވިޔަފާރި، ޕްރޮޕަޓީ އަދި އެސްޓޭޓް މެނޭޖްމެންޓް ފަދަ ދާއިރާތަކުން ދިވެހިން ކުރިއަށްދާން ހުރި ފުރުޞަތުތައް ފުޅާކުރުން.

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި ޔުނީފޯމްއެޅި ހުރިހާ މުޢައްސަސާތަކުގައި ވަޒީފާގެ ކުރިއެރުން ދިނުމަށް މިހާރު ޢަމަލުކުރާ އުޞޫލުތައް އިޞްލާޙުކުރުމާއެކު، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަޒީފާގެ ކުރިއެރުން ޙައްޤުވެ ނަމަވެސް ނުލިބި ތިބި މުވައްޒަފުންނަށް އެ ޙައްޤު ކަށަވަރު ކޮށްދިނުން.