ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން

އެކަމަށް އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދިނުން.

ކުރިޔަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65،000 ގެދޮރު ޔަޤީންވާނެގޮތަށް، ޤައުމީ ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލޭ ރީޖަން އިތުރަށް ތަރައްޤީކުރުން.

އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ހޯމް ސްޓާޓަރ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުން.

ބިންވެރިޔާ ޕްރޮގްރާމުގެ ތެރެއިން ގޯތީ ލިބޭނެކަމަށްބުނެ ލިބުނު ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކަށް، ސަރުކާރުގެ ޚާއްޞަ ސްކީމެއްގެ ދަށުން، އެގޯތިތަކުގައި ގެދޮރު އިމާރާތްކޮށްދީ އެފަރާތަކަށް ލިބުނު ގޯދި، ނިމިފައިވާ އާ ގެއަކާއެކު، ޙަވާލުކުރެވޭނެ މަގުފަހިކޮށްދިނުމާއެކު، ދެވުނު ގޯއްޗަކީ ހުސްބިމެއް ނުވަތަ އަދި ނުހިއްކާއޮތް ފަޅެއްގެ ބައެއްގެ ގޮތުގައި އޮތުން ބަދަލުކޮށް، ގޯތި ލިބުނު ރައްޔިތުންނަށް ޤެދޮރުވެރިކަމުގެ ހަޤީޤީ އުފާވެރިކަން ކަށަވަރުކޮށްދިނުން. އަދި، އަޅުގަނޑުމެންގެ ސަރުކާރެއްގައި ދޫކުރާ އެންމެހާ ގޯތިތަކުގައިވެސް މިސްކީމްގެ ދަށުން ގެެޔެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފޯރުކޮށްދިނުން.

2018 ގައި ސާއިޢުކުރެވުނު ހިޔާ ފްލެޓުން އެޕާޓްމަންޓް ޙައްޤުވާ ފަރާތްތަކުގެ ޢަސްލު ލިސްޓުގައި ހިމެނި، އެހެންނަމަވެސް ނިމެމުން މިދާ ސަރުކާރުން ފްލެޓް ނުދީ އެލިސްޓުން އުނިކުރި ހުރިހާ ފަރާތްތަކަށް، އެންމެ އަވަހަށް ޤާއިމުކުރެވޭ ސޯޝަލް ހައުސިންގ މަސްރޫއުގެ ތެރެއިން ފްލެޓް ދިނުން.

ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ހޯމް ކޮމްޕްލީޝަން ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުން.

މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުން.

ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމުކުރުން.

ހުރިހާ ސިޓީއެއް ހުރިހާ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ ކުރުމުގައި، ބޮޑެތި މަގުތަކުގައި ތާރުއެޅުމާއި، އެހެނިހެން މަގުތަކުގައި ގާއެތުރުން.

ހުރިހާ ރަށެއްގައި އަސާސީ ޚިދްމަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޤާއިމުކޮށް، މަތީ ފަންތީގެ ޚިދްމަތްތައް ހޯދުމަށް އަވަސް ދުވެލީގެ ދަތުރުފަތުރާއި ޑިޖިޓަލް ވިއުގައެއްގެ ގުޅުން ޤާއިމުކުރުން.

ގެދޮރުވެރިކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ޤާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުން.

މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނައިގެން؛ ބައިނަލް އަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމުކޮށް، ހއ، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުން.

މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދްމަތްލިބޭ ސަރަޙައްދެއް ގޮތުގައި، ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައާއިި ބައިނަލްއަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެން، ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، ޞިނާޢީ މަސައްކަތްތަކާ، މަސްވެރިކަމާ، ދަނޑުވެރިކަމާ، މެރިކަލްޗަރުގެ އިތުރުން ފަތުރުވެރިކަމުގެ ވަޞީލަތްތައް ފުޅާކޮށް، ތަރައްޤީކުރުން.

މެދުމިނުގެ އިތުރު 7 އާރބަން ސެންޓަރު (މާލޭން އުތުރުގައި 3، ދެކުނުގައި 4 ހިމެނޭގޮތަށް) ތަރައްޤީކުރުން.

ފަސޭހަ، ރަނގަޅަށް ހިނގާ ހައުސިންގ މާކެޓެއް ޤާއިމުކުރުމަށްޓަކައި، ގެދޮރު ގަނެ، ވިއްކާ، ކުއްޔަށްދީ، ކުއްޔަށް ހިފުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ނައްތާލައި، ތަރުތީބުކުރުން.

އަލަށް ގެދޮރު ބޭނުންވާނެ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެގޮތް ހެދުން.

ދާއިރާގެ ޓެކްނިކަލް އެހީ ދިނުމާއި، އެކަމަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދީގެން، މިހާރު ހުރި ގެދޮރުތަކުގެ ފެންވަރާއި ސަލާމަތީ ވަސީލަތްތައް ރަނގަޅުކުރުން.

ކުއްޔަށްދޭ ހުރިހާ ގެދޮރެއްގައިވެސް ކަނޑައެޅިފައިވާ ސަލާމަތީ ވަޞީލަތްތަކާއި، ދުވާލުގެ އަލިކަން ލިބޭ މިންވަރާ، ވައި ދައުރުކުރާނެ ގޮތްތައް ހުރިތޯއާ، ގެދޮރުގައި ދިރިއުޅޭ މީހުންގެ އަދަދަށް އެކަށީގެންވާ ޖާގައާއި ވަޞީލަތްތައް ހުރިތޯ ޔަޤީންކުރުން.

މާލޭގައި ހުރި، އެދެވޭގޮތުގައި ބޭނުންނުހިފާ ބިންތައް ހުސްކޮށް 2000 ހައުސިންގ ޔުނިޓު ގާއިމުކޮށް، ފުލެޓަށް އެދޭ މާލެ ސިޓީގެ ރަށްވެހިންނަށް ފޯރުކޮށްދިނުން.

ވިލިމާލޭގައި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގުން.

އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން.

އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 1,000 އެޕާރޓްމެންޓް ހިމެނުން.

އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނުން.

އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، މައިމުޅަވެފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނުން.

ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް، ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުން.

މާލޭގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް، ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުން.

ވިލިމާލޭގައި ޢާންމު ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމާއި، ވިލިމާލޭގެ ފެހި، ހިތްގައިމު، އިންޖީނުލީ އުޅަނދު ނުދުއްވާ މާޙައުލު ދެމެހެއްޓުމާއެކު، ފެނާއި ނަރުދަމާއާއި ކަރަންޓް ކެރިއިންގ ކަޕޭސިޓީ ދެގުނައަށް އިތުރުކޮށް، އަދި، ސްކޫލު، މިސްކިތް ފަދަ ތަންތަން އާބާތުރަފިލުވައި، ޚިދްމަތް އިތުރަށް ފުޅާކުރުން.

މާލޭގައި ހުންނަ ސިނަމާލެ، މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދިނުން.

ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް އުތުރު ފައިސާ ހޯދުމުގެ މާތް ނިޔަތުގައި، ހުރިހާ ސިޓީއެއްގައި ވަޤްފު ބިންތައް އިތުރުކުރުން.

ޒަމާނީ ފެންވަރުގެ އާ މަސްމާރުކޭޓޭއް މާލޭގައި ޤާއިމުކުރުން.

ނިމެމުންމިދާ ސަރުކާރުން ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓު ލިބޭނެކަމަށް ލިޔުން ދީފައިވާ އެއްވެސް ފަރާތެއް އުނި ކުރުމެއްނެތި، އެފަރާތްތަކަށް ގޯއްޗާއި ފްލެޓް، އެތަނަކުން އެމިންގަނޑަށް ލިބޭނެކަން ޔަޤީންކުރުން.

މާލޭ ސިޓީގެ އެކި ސަރަޙާއްދުތަކުގައި ޕާކީންގ ބިލްޑިންގ އަޅައި، ދިމާވެފައިވާ ޕާކުކުރުމުގެ ދަތިކަމަށް ބޮޑު ޙައްލެއް ހޯދައިދިނުން.

މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމަށް ދާއިމީ ޙައްލެއްގެ ގޮތުގައި، ޒަމާނީ ފެންވަރުގެ ޑީވޯޓަރިންގ ނިޒާމެއް، ދިރާސާގެ އަލީގައި ސިޓީގެ މުހިންމު ހިސާބުތަކުގައި ޤާއިމުކުރުން.

ޞިއްޙަތާއި އަދި ތިމާވެށްޓާއި ރަޙްމަތްތެރި އީ-ބައިކް ނިޒާމެއް ހުރިހާ ސިޓީއެއްގައި ޤާއިމުކޮށް، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިއުން.

މިހާރުން މިހާރަށް ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ރަށްތަކަށް ޚާއްޞަކޮށްގެން، ގެދޮރު އިމާރާތްކުރުމުގެ (ރޯހައުސް ނުވަތަ އެޕާޓްމަންޓް ވިޔަސް) ޤައުމީ މަޝްރޫޢެއް ހިންގުން.

ރާއްޖޭގެ ރަށްރަށުގައި އާދަޔާޚިލާފަށް ތޮށްޖެހިފައިވާ ނުވަތަ މަގުތަކާއި ގޯޅިތަކާއި ގެތައް ހުރިގޮތުން ހާސްކަންބޮޑު ސަރަޙައްދުތައް ޕްލޭންކޮށް ހިތފަސޭހަ ސަރަޙައްދުތަކަކަށް ބަދަލުކުރުމަށްޓަކައި، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައިވާ އާރބަން ޑިވެލޮޕްމަންޓް ޓޫލެއްކަމުގައިވާ "ލޭންޑް ރީއެޖެސްޓްމަންޓް" ހިންގާ ތަންފީޒުކުރުމަށްޓަކައި، ބޭނުންވާ އެންމެހާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދާ ފާސްކޮށް، ލޭންޑް ރީއެޖަސްޓްމަންޓް މަޝްރޫއުތައް ހިންގުން.

މާލޭގައި ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް، ލޭންޑްސްކޭޕްކޮށް މާލެއަށް ހިތްފަސޭހަކަން އިތުރުކުރުން.

މާލޭގައި ގޯޅީގެ ހަނިކަމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ގޯތީގެ ލޮކޭޝަން ބޭންކަށް ފީޒިބަލް ނުވާތީ ގެދޮރު އިމާރާތްކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކުގެ ތެރެއިން އެދޭ ފަރާތްތަކަށް ލާޖައްސާ ޢުޞޫލުން ގްރޭޓަރ މާލޭ ސަަޙައްދުގެ އެހެން ހިސާބަކުން ގޯތިދިނުން.

ސޯޝަލް ހައުސިންގ ސްކީމެއްގެ ދަށުން ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ މަޢާފުކޮށްދިނުން.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދި ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ހުޅުމާލޭގެ މުނިސިޕަލް އެންމެހާ ކަންކަން މާލޭ ސިޓީ ކައުންސިލަށް، އާރބަންކޯއިން އެކަމަށް ބޭނުންކުރަމުންގެންދާ ބަޖެޓާއި ވަޞީލަތްތަކާއެކު ބަދަލުކުރުން އަދި އެ ބަޖެޓުން އެކަމަށް މުވައްޒަފުން ނެގުމާއި، މުވައްޒަފުން ބަދަލުވާން ބޭނުންވާނަމަ، ބަދަލުކުރާނީ އެ މުވައްޒަފަކަށް މިހާރުވެސް ލިބެމުންދާ މުސާރައިގައިކަން.

މާލޭގެ އަދި ކޮންމެ ސިޓީއެއްގެ ކޮންމެ މަގަކާ ގުޅޭގޮތުން ރައްޔިތުން ޚިދްމަތް ލިބިގަންނާނޭ ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމުކުރުން.

މާލޭގެ ޓްރެފިކް ނިޒާމު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑިޖިޓަލައިޒްކޮށް، ޒަމާނީ ފެންވަރަށް ބެލެހެއްޓުން.