މަސްވެރިކަން

މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

މަސްވެރިންގެ ކޯޕަރެޓިވް ސޮސައިޓީއެއް އުފައްދާ، އެކުންފުންޏަށް މިފްކޯއިން ޙިއްޞާއެއް ކަނޑައަޅާ، އެކުންފުންޏަކީ މަސްވެރިން ތަމްޞީލުކުރާ ހިއްސާދާރުންގެ ގޮތުގައި މިފްކޯގެ ބޯޑުގައި ހިމެނޭ ބައެއްގެ ގޮތުގައި އެކަށައަޅާ، އެކޯޕަރެޓިވް މެދުވެރިކޮށް މިފްކޯ ހިންގުމުގައި މަސްވެރިންގެ ސީދާ އަޑު ބޯޑަށް ފޯރުކޮށްދީ، މިފްކޯގެ ހިއްސާ މަސްވެރިންނަށް ލިބޭނެ ނިޒާމެއް ޤާއިމުކޮށް، ކޯޕަރެޓިވްގެ ލަފަޔާއެއްގޮތަށް މަސްވެރިން ކިރާ މަހުގެ އަގު ޑޮލަރުން ދެވޭނެފަދަ ގޮތަކަށް ނިޒާމު އިޞްލާޙުކުރުމާ ދިމާއަށް އަމާޒުހިފުން.

ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ ދެގުނައަށް އިތުރުކުރުން.

މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތި، މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދަން މަސްވެރިންނަށް ފުރުޞަތު ހުޅުވާލުން.

މަހުގެ ވިޔަފާރި ކުރާނެ ގޮޅިތަކަކާއި، މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހަކާ، ރެސްޓޯރަންޓް އަދި ކެފޭތަކާ، މަސްވެރިކަމާގުޅޭ ތަކެތި ވިއްކާ އަދި ޚިދުމަތް ދޭ ވިޔަފާރިކުރާ ތަންތަނާ، ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާ ސަރަޙައްދުތައް ހިމެނޭ ގޮތަށް، ސްޕޯޓްސް ފިޝިންގ ހާބަރެއް ޤާއިމުކުރުން.

ޗައިނާ އަދި ހޮންގކޮންގ އާއެކު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ތެރެއިން މަސް ބޭރުކުރަން ފެށުމާއެކު، އެފަދަ ބޮޑެތި އެހެން މާރކެޓުތައް ފާހަގަކޮށް، އިތުރު އެއްބަސްވުންތައް ޤާއިމުކުރުން.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލަށް ރިއާޔަށްކޮށް، ރާއްޖޭގައި ރޯމަސް ގަންނަ އަގަކީ ކިލޯއަކަށް 20 ރުފިޔާކަމުގައި ހަމަޖެއްސުން.

އާރް.އެސް.ޑަބްލިޔު ސިސްޓަމް އޮޑިފަހަރުގައި ހަރުކުރުމަށް ލުއި ލޯނު ދޫކުރުން.

ފެލިވަރާއި ކޫއްޑޫގައި ހުރި މަސް ފެކްޓްރީތައް އާބާތުރަ ފިލުވައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ދ. މާދެލީގައި، އެ ސަރަޙައްދުގެ މަސްވެރިންގެ ފައިދާއަށްޓަކައި، އާ މަސް ފެކްޓްރީއެއް ޤާއިމުކުރުން.

މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމާއި، ބޮޑު ކަންނެލީގެ އަގަކީ 80 ރުފިޔާކަމަށާއި، އޭ-ގްރޭޑް ނަމަ 100 ރުފިޔާކަމަށް ހަމަޖެއްސުން.

ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ އާ މަސްމާރުކޭޓެއް މާލޭގައި ބިނާކުރުން.

ޤައުމީ ފެންވަރުގައި، އަގުހުރި އިނާމުތަކެއް ހިމެނޭގޮތަށް، މަސްރޭހެއް އަހަރަކު އެއް ފަހަރު ބޭއްވުން.

ކޮންމެ އަތޮޅެއްގައި އެ އަތޮޅަކަށް ބޭނުންވާނެ ގަނޑުފެން ލިބޭނެ އައިސް ޕްލާންޓް ޤާއިމުކުރުން.

މަސްވެރިންނަށް ބޭނުންވާނެ ތެޔޮ، ބޭސް ރޭޓުގައި، އެސް.ޓީ.އޯ މެދުވެރިކޮށް މިފްކޯއިން ވިއްކަން ފެށުން.

އެން ކަނދުފަތި އެޅުން ފުޅާކުރުމާއެކު، ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.

ހުވަދު އަތޮޅާއި އައްޑޫ ސިޓީގައި ޑީކޮމްޕްރެޝަން ޗޭމްބަރު ބެހެއްޓުން.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސް އައިން ހޯދުމުގެ މަރުކަޒީ ނިޒާމެއް ޤާއިމުކޮށް، އޭގެ ފައިދާ މަސްވެރިންނަށް ލިބޭނެ މަގު ފަހިކޮށްދިނުން.

މަހުން އުފައްދާ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް ވިއްކުމަށް، ޒުވާނުންނާއި އަންހެނުންނަށް ޙާއްޞަ ކުރެވިގެން ޤާއިމުކުރެވޭ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރުން.

ވަދު ބައްތެލިފަހަރާއި ޑިންގީތަކަށް ޚާއްޞަކުރެވިގެން، އެކަށައެޅޭ ސަރަޙައްދުތަކުގައި، ކަނދުފަތި އެޅުން.

އައިސް ޕްލާންޓުތަކުގައި އައިސް ހުރިވަރު ބަލާލެވޭނެ އޮންލައިން ޕޯޓަލްއެއް ތައާރަފް ކުރުން.

ކޮންމެ އޮޑިއަކުން އެއް ފަޅުވެރިއަކަށް ރެސްކިއު ޑައިވިންގ ފެންވަރުގެ ސަނަދެއް ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.

މަހުން އުފައްދާ ތައްޔާރީ ކާނާ ބަންދުކުރުމުގެ މަޢުލޫމާތު ޢާންމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ހިންގުމާއި، އެފަދަ ވިޔަފާރިތައް އަލަށް ފަށަން ޝައުޤުވެރިވާ ފަރާތްތަކަށް ކުޑަ އިންޓަރެސްޓެއްގައި ލޯނު ލިބޭނެ ނިޒާމެއް ތައާރަފުކުރުން.

ބޭރު ދުނިޔޭގެ މާކެޓްތަކުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އިސްތިހާރުކޮށް، ވިޔަފާރި ފަހި ކޮށްދޭނެ މާރކެޓިންގ އޭޖެންސީއެއް ޤާއިމުކުރުން.

ފަރުމަސް އާލާކުރާނެ ގޮތް ދަސްކޮށްދޭނެ ޓްރެއިނާސް ތަމްރީންކޮށް، އެކަމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ގިނަ ޒުވާނުންތަކަކަށް ދަސްކޮށްދީ، އެދާއިރާގެ ވިޔަފާރިތައް ފުޅާކުރަން ބާރުއެޅުން.

ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތަކަށް އިންސެންޓިވްއެއް ދިނުމަށް، ފާހަގަކުރެވޭ ވަކި ސަރަހައްދުތަކެއްގައި އެން އާލާކުރުމަށް ހެޗަރީތަކެއް ޤާއިމުކުރުން.

ދިގު މުއްދަތައް މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިން ދެނެގަނެ، އެފަރާތްތަކަށް ހިތްވަރު ދިނުމާއި އެކު އިތުރު ފުރުޞަތު ތަނަވަސްކޮށްދިނުމަށް ރަޖިސްޓްރީއެއް އެކުލަވާލުން.

ފަރުމަހުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރެވޭނެ ގޮތްތައް ދިރާސާ ކުރުން.