ކަނބަލުން

ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް ހުޅުވާލެވޭ، ވަކި މިންގަނޑުތަކެއް ފުރިހަމަކުރުމުން ދެވޭ ޤައުމީ ފެންވަރުގެ 'ހަމަހަމަކަން ކަށަވަރު' ސިއްކަ ތަޢާރަފުކުރުން.

އެއްވަރުގެ މަސައްކަތްތަކަށް އެއް މިންވަރެއްގެ ފުރުޞަތުތަކަކާއި އެއްހަމައެއްގެ އުޖޫރައެއް، ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތި، ލިބުމަކީ ޤާނޫނީ ޙައްޤަކަށް ވުމުގެއިތުރުން ހުރިހާ ދާއިރާއެއްގައިވެސް ތަންފީޒު ކުރެވެމުންދާ އުޞޫލެއްކަން ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން.

ސިވިލް ސާރވިސްގައި، ވެރިންގެ ފެންވަރުގެ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުކުރުން.

ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން އިތުރު ކުރުމާއެކު، އަންހެން މުވައްޒަފުންނަށް ބޭނުންވާ ރައްކާތެރި، ޤަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާޙައުލެއް ކަށަވަރު ކޮށްދިނުމަށް ޤާނޫނީ އޮނިގަނޑަށް އިޞްލާޙު ގެނައުން.

އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމަށްޓަކައި ލުއި ލޯނު ދޫކުރުމަށް 100 މިލިއަން ރުފިޔާގެ ޚާއްޞަ ސްކީމެއް ތަޢާރަފުކުރުން.

އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގުފަހިކުރުމަށްޓަކައި ހުޅުމާލެއިން ޚާއްޞަ ސަރަޙައްދެއް އެކަމަށް އެކަށައަޅާ، އެތަނުގައި އަންހެން އުފެއްދުންތެރިން ވިޔަފާރިކުރުމަށް ކުޑަ ކުލިތަކެއް އަދި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން.

އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި، އެކަމަށް އިތުރަށް އިންވެސްޓްކުރުމާއި، ތަޢްލީމާތި ތަމްރީނު ދިނުމާއި، އެދާއިރާތަކުން ވިޔަފާރިތައް އިތުރުކުރުމާއި، މަތީ ސާނަވީ މަންހަޖުގައި އެދާއިރާތަކަށް އިތުރު ސަމާލުކަންދީ، އެދާއިރާތަކުން ކުރިއަށްދާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި، ވިމެން އިން ޓެކްނޮލޮޖީ (ވިޓް) ގެ ނަމުގައި ޤައުމީ ހަރަކާތެއް ހިންގުން.

މެމޮގްރަފީގެ ޚިދުމަތާ ޕެޕްސްމިއަރގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމުކުރުމަށް ބޭނުންވާ ބަދަލުތައް ހޮސްޕިޓަލުތަކަށް ގެނައުމުގެ އިތުރުން، އެކަމަށްބޭނުންވާ މެޝިނަރީ ހޯދުމާއި، ޚިދުމަތްތެރިން ތަމްރީނުކުރުން.

އެންޑޮމެޓްރިއޯސިސް އަދި ޕީ.ސީ.އޯ.އެސް ފަދަ އަންހެނުންނަށް ދިމާވާ ޞިއްޙީ މައްސަލަތައް އަވަހަށް ދެނެގަނެ، ޚާއްޞަ ފަރުވާ ހޯދުމުގައި އާސަންދަ ހަމަޖެއްސުން.

ޢާއިލާއާބެހޭ ޤާނޫނުގެ ދަށުން ޚަރަދު ދިނުމަށް ކުރެވޭ ޙުކުމްތައް ތަންފީޒުވުމުގައި ހުރި ދަތިތަކަށް ފުރިހަމަ ޙައްލެއް ހޯދުމަށްޓަކައި އެޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، ޚަރަދު ދިނުމުގައި ޙުކުމާ އެއްގޮތަށް ކަން ނުކުރާ ފަރާތްތަކަށް ބޮޑެތި ޖަލު ޙުކުމާ ހަމައަށް އަދަބު އިތުރުކޮށް، ޙަރަދު ހޯދަން ބައެއް ފަރާތްތަކުން މިހާރު އުފުލަމުންދާ ބުރައަށް ދާއިމީ ޙައްލެއް ހޯދައިދިނުން.

ލީސިންގ ފައިނޭންސްގެ ގޮތުގައި ފައިސާ ހޯދަން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން.

އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އަދި އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި، އޯގާތެރިކަމާ، ރައްކާތެރިކަމާ، އިންސާފު ކަށަވަރު ކުރުމަށްޓަކައި އާ ޤައުމީ މަރުކަޒީ އިދާރާއެއް ޤާއިމުކުރުން.

ޤައުމީ އެތްލީޓުންނަށް ދެވޭ މުސާރައާއި ތަމްރީނާއި މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކުރުމުގައި، ދެ ޖިންސުގެ ހުރިހާ ޤައުމީ އެތްލީޓުންނަށް ހަމަހަމަ ފުރުޞަތު ލިބޭނެ މަގު ތަނަވަސް ކުރުން.

އަންހެނުންނަށް ޚާއްޞަ ލީޑަރޝިޕް ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ހިންގާ، އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމަށް މުޅި މުޖްތަމައު ހޭލުންތެރިކުރުވާ، ހިންގުމުގެ ދާއިރާގައި އަންހެނުންގެ ޙިއްޞާ އަދި ބައިވެރިވުން އަބަދުވެސް ފުރިހަމައަށް އޮންނާނެ ހިސާބަކަށް ޤައުމުގެ ކަންކަން ތަރުތީބުކުރުން.

އިޖްތިމާއީ އަދާލާތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައިވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނާ، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުން.

ރޯމަހާއި މަހުން އުފައްދާ އެކި ބާވަތްތައް ވިއްކޭނެ ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް، އަންހެން އަދި ޒުވާން ވިޔަފާރިވެރިންގެ ފައިދާއަށްޓަކައި، ޤާއިމުކުރުން.

ރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓްކޮށް، ގަނެ ވިއްކުމަށް، އަންހެނުންނަށް ޚާއްޞަކުރެވިގޭ، ޤައުމީ ނިޒާމެއް ޤާއިމުކުރުން.

ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢްލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުތަނުން އިތުރުކުރުން.

ބައިގެންދިއުމުގެ ހިތާމަވެރިކަމާ ކުރިމަތިލާންޖެހޭ އަންހެން މުވައްޒަފުންނަށް، މުސާރަ ލިބޭ ގޮތަށް އެކަށޭނަ މުއްދަތެއްގެ އިތުރު ޗުއްޓީއެއް ލިބޭގޮތަށް ޤާނޫނީ އުސޫލެއް ހަމަޖެއްސުން.

މާބަނޑު މީހުންނާއި ކުޑަކުދިންނަށް ޙާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުން.

ތުއްތު ކުދިން ބަލަހައްޓަމުންދާ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި، އަމިއްލަ ފަރާތްތަކުން ހިންގަމުންދާ ކުޑަކުދިން ބަލަހައްޓާ ޑޭ-ކެއާރ ސެންޓަރުތަކަށް، ޚިދުމަތް ރަނގަޅުކުރުމާއި ފުޅާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ސަބްސިޑީއެއް ކަނޑައެޅުން.

ސަރުކާރު ހޮސްޕިޓަލުތަކަށް ޑޮކްޓަރަށްދެއްކުމަށާ ވިހެއުމަށްދާ މާބަނޑު އަންހެނުންނަށް ޚާއްޞަކުރެވިގެން މަޑުކޮށްލާނެ 'މެޓާނިޓީ ވެއިޓިންގ ހޯމްސް' ހުރިހާ ހޮސްޕިޓަލެއްގައި ޤާއިމުކުރުން.

އުމުރުން ދުވަސް ވަމުންދާ އަންހެނުންނަށް ޙާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުން.

ފާހަގަކުރެވޭ ސަރަޙައްދުތަކެއް އަދި ރަށްތަކެއްގައި އިތުރު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުން، އަދި އަންހެނުންނަށް ޙާއްޞަ ކުރެވިގެން އެތަންތަނުގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

ހެއަރ އެންޑް ބިއުޓީ، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑްތައް، ކަސްޓަމަރ ސާރވިސް، ހައުސްކީޕިންގް އެންޑް ފްރަންޓް އޮފީސް، ރިސޯޓުތަކުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ވަޒީފާތައް، ޓެކްސީ ކުރުން ފަދަ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް 'ދިވެހިންނަށް ޚާއްޞަ' މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅާ، އެދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވުން.

އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓް ހިމެނުން.

އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، އެކަނިވެރި މައިން އަދި ބަދައިންނަށް ޚާއްޞަކުރެވިގެން، ދޭއް އަދި ތިން ކޮޓަރީގެ 1,000 އެޕާރޓްމެންޓް ހިމެނުން.

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދެވޭ މިންވަރު، ޖުމްލަ 12000 ރުފިޔާއާ ހަމައަށް، ކޮންމެ ދަރިއަކަށް މަހަކު 3000 ރުފިޔާއަށް އިތުރުކުރުން.

އަލަށް ގެދޮރު ބޭނުންވާނެ ފަރާތްތައް ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ފޯމު ހުށަހެޅުމަކާ ނުލައި، ބޯހިޔާވަހިކަން ލިބޭނެގޮތް ހެދުން.