އިޤްތިޞާދާއި މާލިއްޔަތު

ޑޮލަރުގެ ދަތިކަން ޙައްލުކޮށް، ޑޮލަރުގެ ކަޅު ބާޒާރު ކުޑަކޮށް، ޑޮލަރުގެ އަގު ދައުލަތުން ކަޑައަޅާފައިވާ މިންގަނޑުގެ ތެރެއަށް އަލުން ފައްތާ، އެ މިންގަނޑުގައި ހިފެހެއްޓުން.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކޮށް، އެ ބޭންކް މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްޤީގެ މުހިންމު މަޝްރޫއުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރުން.

ބޭރުގެ އިންވެސްޓްމަންޓްތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދަށް ބޭރު ފައިސާ ވައްދައި، އެފައިސާ އިޤްތިޞާދުގައި އެކަށީގެންވާވަރަށް ދައުރުކުރުމުން މެނުވީ އެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ގަނޑުކޮށް ރާއްޖެއިން ބޭރަށް ނުގެންދިއުމަށް ބާރު އެޅޭގޮތަށް ޤާނޫނުތަކާއި ސިޔާސަތުތައް އިޞްލާޙުކުރުން.

ދައުލަތުގެ ކުންފުނިތައް ހިންގުން ޒިންމާދާރު، ޤާބިލު ސިޔާސަތުތަކެއް ތެރެއަށް އަނބުރާ ގެނައުމާއެކު، އެތަންތަނަކީ ޤައުމުގެ ދަރަނީގެ ސަބަބަކަށް ވުމުގެ ބަދަލުގައި އަރަނީގެ އަސްލަކަށް ބަދަލުކުރުން.

ފަތުރުވެރިނަށް ލުއިފަސޭހަވާނެ ފަދަ އިތުރު ޚިދުމަތްތަކެއްގެ ތެރެއިން ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުން.

މިހާރު ހުރި ޤާނޫނުތަކުގެ ތެރެއިން ދައުލަތުގެ މާލިއްޔަތަށް އިތުރު އާމްދަނީ ވަންނާނެ ކަންކަން ފާހަގަކޮށް، ތަންފީޒުކުރުން.

ޙަޤީޤީ ފައިދާ ލިބޭނެ ބޮޑެތި އިންވެސްޓްމަންޓް ފަންޑުތަކުގައި ޕެންޝަން ފަންޑުގެ މާލިއްޔަތު އިންވެސްޓްކޮށްގެން އިތުރު ފައިދާ ހޯދުން.

ވިތްހޯލްޑިންގ ޓެކްސްގެ ނިޒާމު ފުރިހަމައަށް ތަންފީޒުކޮށް، ދިވެހި ވިޔަފާރިތަކަށް ލިބެންޖެހޭ ޚާއްޞަ އަހަންމިއްޔަތާއި ސަލާމަތް ޔަޤީންކޮށްދިނުން.

ކެޕިޓަލް މާކެޓް ތަރައްޤީކޮށް، ފުޅާކުރުން.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނާއި، ދިވެހި ވިޔަފާރިވެރިންނަށް ލުއިފަސޭހަކުރުމަށްޓަކައި، ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި ހުރެގެން ނެގޭ ފައިސާ އަދި ދުވާލަކަށް ކުރެވޭ މުއާމަލާތު ފުޅާކުރުން. އަދި އެކައުންޓުން ބޭރު ފައިސާ ދުވާލަކު އަދި ކޮންމެ މަހަކު ނެގޭ މިންވަރު އިތުރުކުރުން.

މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުން.

ކޮންސްޓްރަކްޝަނަށް ބޭނުންވާ މުހިންމު ސާމާނު، ގިނަ އަދަދުތަކަށް އެއްފަހަރާ ހޯދާ، ރާއްޖެ ގެނެސް، ގުދަންކުރެވޭނެ އިންތިޒާމެއްގެ ތެރެއިން، އެތަކެތީގެ އަގުތައް ތިރިކުރުމާއި، އެއްވެސް އެއް ސަޕްލަޔަރަކަށް ބަރޯސާވާން ނުޖެހޭނެގޮތަށް ސިނާއަތު ބައްޓަންކުރުން.

ކުރު ރާސްތާއަށް އަދި ދިގުމުއްދަތަށް ދަރަނީގެ މިންގަނޑު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިރުޝާދާ އެއްގޮތަށް އަދި ޤައުމީ އިޤްތިޞާދާއި މާލިއްޔަތަށް ބުރޫ ނާރާނެފަދަ މިންވަރެއްގައި ބެހެއްޓުމުގެ ހަރުދަނާ ސިޔާސަތެއް، ހާމަކަންބޮޑު ގޮތެއްގައި އެކަށައަޅާ، އިޢުލާނުކޮށް، އެ މިންގަނޑު ހިފެހެއްޓުން.

އާމްދަނީ ލިބޭނެ އިތުރު، ހަރުދަނާ މަގުތަކެއް ކޮށުމާއެކު، ރޭވުންތެރި ސިޔާސަތުތަކެއްގެ ތެރެއިން ޤައުމީ ދަރަނީގެ މިންވަރު، ކުރު ރާސްތާގައި އަދި ދިގުމުއްދަތުގައި، ކުޑަކުރަމުން ގެންދިއުން.

ބަޖެޓް ޑެފިސިޓް މިހާރުގެ މިންގަނޑުތަކަށްވުރެ ކުޑަކުރުމުގެ ނިޔަތުގައި، ޒަމާނީ ބަޖެޓަރީ ނިޒާމަކަށް ރާއްޖޭގެ މާލީ އުޞޫލުތައް އިޞްލާޙުކުރުން.

ފިސްކަލް ޕޮލިސީ ޤާނޫނެއް އެކުލަވާލާ، އަންނަ ކޮންމެ ސަރުކާރަކުން ޣައިރު ޒިންމާދާރު ގޮތްގޮތަށް ޤައުމުގެ މާލިއްޔަތާއި އިޤްތިޞާދުގެ ނަހަމަ ބޭނުންކުރެވޭނެ މިންވަރު ބޮޑުތަނުން ކުޑަކުރުން.

ދައުލަތުގެ މިލްކިއްޔާތުތައް ޒިންމާދާރު ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމަށްޓަކައި، އެސެޓް މެނޭޖްމަންޓް ކުންފުންޏެއް ޤާއިމުކުރުން.

ރާއްޖޭގައި، ފުރަތަމަ ފަހަރަށް، ކްރެޑިޓް ސްކޯރިންގ ނިޒާމެއް ޤާއިމުކުރުން.

ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ ރޭޓުގައި ޕެޓްރޯލާއި ޑީސަލް އާންމު ރައްޔިތުންނަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން.

ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ތަރައްޤީގެ މުހިންމު ޤައުމުތަކާއެކު އިންވެސްޓްމަންޓް ޕްރޮޓެކްޝަން، ފްރީ ޓްރޭޑް އަދި އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން އެއްބަސްވުންތަކުގައި ސޮއިކުރުން.

ވިޔަފާރި އާއި އިޤްތިޞާދު، އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓްތައް، ބޭންކިންގ އެންޑް ކޮމަރސް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުޞަތުތައް ބޭރު ދުނިޔެއަށް އިޝްތިހާރުކުރުމަށްޓަކައި "އެނުއަލް ގްލޯބަލް އިންވެސްޓްމަންޓް ޕްރޮމޯޝަން ޓުއަރ" އެއް ތަޢާރަފުކުރުން.