ސަރުކާރު ހިންގުމާއި ސިޔާސަތު ރޭވުން

ސަރުކާރުންދޭ ހުރިހާ ކައުންޓަރ ޚިދްމަތްތަކެއް އެއް ފުރާޅެއްގެ ދަށަށްގެނެސް، ޚިދުމަތް ހޯދުން ޒަމާނާ އެއްގޮތަށް ފުޅާކޮށް، ލުއިފަސޭހަ ކޮށްދިނުން.

އާސަންދަ އަދި އެންސްޕާގެ ތެރެއިން ހިނގަމުންދާ އިސްރާފުތައް ކުޑަކޮށް، އެ ދެ މުޢައްސަސާއިން ކުރާ ޚަރަދުތައް ހާމަކަންބޮޑު ގޮތެއްގައި ގެންދިއުމާއި، ކޮންމެ ރައްޔިތަކަށް އާސަންދައިން ހިނގަމުންދާ ޚަރަދު ސާފުކޮށް އެނގޭނެ ނިޒާމެއް ޤާއިމުކުރުން.

ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް އެފަރާތްތަކުން ހުށަހަޅާ ހަރުދަނާ ހުށަހެޅުންތަކަށް އިޖާބަދީ، އެކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި އެހީތެރިވެދިނުމާއި، ރަހުނުގެ ބޭނުންހިފައިގެން ރަށްރަށުގެ ތަރައްޤީއަށް ކައުންސިލްތަކުން ބޭންކިންގ ސިސްޓަމްގެ ތެރެއިން ފައިސާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުން.

ނިމެމުން މިދާ ރިޔާސީ ދައުރުގައި ވެފައިވާ ރިޔާސީ ވައުދާ ދިމާއިދިކޮޅަށް ރައްޔިތުންގެ އަތުން ނަގާފައިވާ ޕާކިންގ ޖޫރިމަނާ މަޢާފުކުރުން.

ސަރުކާރުގެ ހުރިހާ އޮފީސްތަކެއް 'ޕޭޕަރލެސް' ކޮށް ހިންގޭނެ ފެންވަރަށް އޮފީސްތަކުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށް، އޮފީސް ހިންގުމަށް ބޭނުންވާނެ އެންމެހާ ޕްރޮގްރާމުތަކާއި ސޮފްޓްވެއަރތަކާ އިންޓަރފޭސްތައް ޤާއިމުކުރުން.

ސިވިލް ސާރވިސްގެ މުވައްޒަފުންނަށް އަމާޒުކުރެވިގެން، ވަޒީފާއަށް އަޙުލުވެރިވުމުގެ ޕްރޮގްރާމުތަކާއި، ތަމްރީން ޕްރޮގްރާމްތަކާ، ހުނަރު ދަސްކުރުމުގެ ބޭރު ދަތުރުތައް އިތުރުކުރުން.

ދެކޮޅުނުޖެހޭ އަދި ނޫފުލޭނެފަދަ ބުރަތަކެއް ހިމެނޭގޮތަށް ސަރުކާރުން ރައްޔިތުން އަތުން ނަގަމުންދާ ފީތަކާއި ޓެކުސްތަކުގެ ސަބަބުން އުފުލަންޖެހިފައިވާ ބުރަ ލުއިކުރުން.

ސަރުކާރުގެ އިދާރާތަކުން، ސިޔާސީ އެކި ވިސްނުންތަކުގައި، ކައުންސިލްތަކުން ރަށްރަށުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ފާސްކުރަން ހުށަހަޅާ ލޭންޑްޔޫސް ޕްލޭންތައް ލަސްކޮށް، ހިފަހައްޓަމުންގެންދާ ގެންދިއުން ހުއްޓުމަކަށް ގެނައުން.

އަންހެނުންގެ ހައްޤުތަކާއި، ކުޑަކުދިންގެ ހައްޤުތަކާ، ނަފްސާނީ ދުޅަހެޔޮކަމުގެ ކަންކަމާ، ޢާއިލާ ރޭވުންފަދަ މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޙަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކަށް ސަރުކާރުން ދޭ އެހީތެރިކަމާއި އެއްބާރުލުން ބޮޑުތަނުން އިތުރުކުރުން.

ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް ހުޅުވާލެވޭ، ވަކި މިންގަނޑުތަކެއް ފުރިހަމަކުރުމުން ދެވޭ ޤައުމީ ފެންވަރުގެ 'ހަމަހަމަކަން ކަށަވަރު' ސިއްކަ ތަޢާރަފުކުރުން.

ޒުވާނުން އިސްކަންދޭ ވަކިވަކި ކަންކަމުގައި، ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ ލަފާ ހޯއްދެވުމަށް އަދި އެ ކަންކަމާ ގުޅިގެން ޒުވާނުންގެ ޚިޔާލު ހޯދާ، ސަރުކާރުގެ ސިޔާސަތުތަކުގައި އެކަންކަން ހިމެނުމަށްޓަކައި، އެކުލަވާލެވޭ "ޕްރެސިޑެންޝަލް ޔޫތް އެޑްވައިޒަރސް" ގެ ގިންތިއެއް ތަޢާރަފުކުރުން.

ސިވިލް ސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޒުވާން އަދި ތަޢްލީމީ މުވައްޒަފުންނަށް ލިބޭ މުސާރަ ބޮޑުތަނުން އިތުރުކުރުން.

ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ލިޔެކިޔުންތަކެއް ހިމެނޭ 'ޑިޖިޓަލް ނޭޝަނަލް އާރކައިވް' އެއް ޤާއިމުކުރުމާއި، ޤާނޫނެއްގެ ދަށުން، ލިޔެކިޔުން އެއާކައިވްގައި ރައްކާކޮށް، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއް ނެތް 3 ބައްރުކަމުގައިވާ އެފްރިކާ، ސައުތު އެމެރިކާ އަދި އޮސްޓްރޭލިއާގައި ދިވެހިރާއްޖޭގެ މިޝަންތައް ހުޅުވުން.