2nd August 2026

ޕީއެންސީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތާ ގުޅޭ ގޮތުން ބައެއް މީޑިޔާއިން ފަތުރަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ދަންނަވަމެވެ. މި ޕާޓީގެ މަތީ މަޖިލީހާއި، ގައުމީ މަޖިލީހާއި، ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރާނެ ގޮތާއި، އެ ގުނަވަންތަކުގައި ކަންކަން ނިންމާނެ ގޮތްތައް ވަރަށް ތަފުސީލުކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ މި ޕާޓީގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ. މި ޕާޓީގެ އަސާސީ ޤަވާޢިދަކީ ޕާޓީގެ ވެބްސައިޓުގައ ޝާއިއުކޮށް، ޕާޓީގެ އާއްމު މެންބަރުންނާއި، ނޫސްވެރިންނާއި، އާއްމު ރައްޔިތުންނަށް ފެންނަ ގޮތަށް އޮންނަ ލިޔުމެކެވެ.

އެގޮތުން ޕާޓީގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭ ގޮތް ޕާޓީގެ އަސާސީ ޤަވާއިދުގެ ޗެޕްޓަރ-7 ގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. ޕާޓީގެ އަސާސީ ޤަވާޢިދުގެ 69 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޕާޓީގެ މަަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެންކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށެވެ.

އެހެންކަމުން މި ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ ނައިބުރައީސުންނާއި، ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށް ހާމަ ވޯޓު ނެގުމަކީ  ޕާޓީގެ އަސާސީ ޤަވާޢިދާ ޚިލާފަށް ހިންގާ ކަމެއް ނޫނެވެ. އަދި ޕާޓީގެ މަތީ މަޖިލީހުގައި އަތް އުފުލައިގެން ވޯޓު ނެގުމަށް މަތީ މަޖިލީހުގެ ކަންކަން ވިލެރެސްކުރާ ކޮމިޓީން ނިންމިކަމަށް ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ. އެއީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ސަރީހަކޮށް ބަޔާންކޮށްފައިވާކަމެއްކަަން ފާހަގަކުރަމެވެ.  މަތީ މަޖިލީހުގައި ވޯޓު ނެގުމުގައި ޢަމަލުކުރާނީ ޕާޓީގެ އަސާސީ ޤަވާޢިދު ބަޔާންްކުރާ ގޮތަށް، މިހާތަނަށް މި ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި ޢަމަަލުކުރަމުން އައިސްފައިވާ ގޮތަށެވެ.

މި ޕާޓީގެ އެތެރޭގެ ހިންގުމާ ގުޅޭ ހުރިހާ ކަމެއް ހިންގަމުންދާނީ ޕާޓީގެ މަތީ މަޖިލީހުން ފާސްކޮށް، އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައި އޮތް މި ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް، މިނިވަން ޑިމޮކްރެޓިކް ޕާޓީތަކުގައި އަމަލުކުރާ އުސޫލުތަކުގެ އިންތަކުގެ ތެރޭގައި ދެފުށްފެންނާނެ ގޮތަށްކަން މި ޕާޓީގެ އެންމެހައި މެންބަރުންނަށް ޔަޤީންްކޮށް އަރުވަމެވެ.