6th June 2026
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެ ދާއިރާގެ ރައްޔިތުން ޕީއެންސީއަށް ކުރެއްވި ތާއީދަށް ޝުކުރު އަދާކުރުން
މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެ ދާއިރާގެ ލޮބުވެތި ރައްޔިތުން މި ޕާޓީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދަށް ގިނަ ޢަދަދެއްގެ ވޯޓު ދެއްވައި މި ޕާޓީއަށް އޮތް ތާއީދު ދައްކުވައިދެއްވީތީ އެ ރައްޔިތުންނަށް ނުހުނަ ބޮޑަށް ޝުކުރު އަދާކުރަމެވެ.
މި އިންތިޚާބުގައި އައްޑޫ ހިތަދޫގައި ބެހެއްޓި ފަސް ފޮށީގެ ތެރެއިން ތިން ފޮށްޓާއި، މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށީގެ އަޣުލަބިއްޔަތު ލިބިވަޑައިގަތީ ސަޢީދަށެވެ. އަދި ހިތަދޫގައި ބެހެއްޓި ވޯޓުފޮށީގެ ޖުމްލަ އަޣުލަބިއްޔަތުވެސް ލިބިވަޑައިގަތީ ސަޢީދަށެވެ. އެއީ އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުގައި މަސައްކަތްކުރަމުންއައި ދަނޑިވަޅެއްގައި، އިތުރު ޕާޓީއެއްގެ ވާގިވެރިކަމެއް ނެތި މި ޕާޓީއަށް ހޯދުނުގެ ކާމިޔާބެއް ކަމަށް ދެކެމެވެ.
މި ބައި-އިލެކްޝަނަށް ތައްޔާރުވުމުގެ މަސައްކަތުގައި ޕާޓީގެ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި، އޭނާއާއެކު މަސައްކަތްކުރެއްވި ކެމްޕެއިން ޓީމުތަކުގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތް އަގުވަޒަންކޮށް އެހުރިހާ ބޭފުޅުންނަށް ޕާޓީގެ ނަމުގައި ޝުކުރު ދަންނަވަމެވެ. އަދި ޕާޓީގެ ލީޑަރޝިޕާއި ޕާޓީގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މި އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދައިދެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް އެ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރަމެވެ.
_____________________
20 ޛުލްޙިއްޖާ 1447
06 ޖޫން 2026