3rd June 2026
ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާ ގުޅިގެން ސަރުކާރަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރަން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ މާލީ ގޮތުން ދިވެހި ދައުލަތް ވެއްޓިފައި އޮތް ފުން އަނދަވަޅެވެ. ރާއްޖޭގެ ދަރަނި ރެކޯޑު މިންވަރަކަށް މަތިވެ، ރާއްޖޭގެ ބޭރުގެ ދަރަނިތައް އަދާނުކުރެވިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުން ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމުގެ ސަބަބުން ބޭރުގެ މާލީ ބާޒާރުން ފައިސާ ހޯދުމުގައި ގިނަގުނަ ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފައެވެ.
އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އެންމެ އިސްކަންދެއްވައިގެން ކުރެއްވި މަސައްކަތްޕުޅަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރައްވައި ރާއްޖެއާމެދު ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ އިތުބާރު އިއާދަކުރެއްވުމުގެ ގައުމީ މަސައްކަތްޕުޅެވެ. ރައީސްގެ އިސްނެންގެވުމަށް ދިވެހި ސަރުކާރުން މި އަމާޒަށް ވާސިލުވުމަށް ގިނަގުނަ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
ބޭރުފައިސާއާ ބެހޭ ޤާނޫނެއް ވުޖޫދަށް ގެންނަވައި ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ދިވެހިރާއްޖޭގެ މާލީ ނިޒާމަށް މާރުކުރުން ލާޒިމުކުރައްވައި، އެ ފައިސާއިން ވަކި މިންވަރެއް ދައުލަތުގެ ބޭރުފައިސާގެ ރަސްމީ ރިޒާވްއަށް ވަންނާނެ ގޮތަށް އިންތިޒާމުކުރެއްވިއެވެ. ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް އަލުން ބޭޭރުފައިސާ ޖަމާކުރައްވަން ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން އޭޕްރީލު މަހުގައި 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމެންޓު ދައްކަންޖެހުނުއިރު ރަސްމީ ރިޒާވްގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު ރައްކާކުރެވިފައި ހުއްޓެވެ. ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 320 މިލިއަން ޑޮލަރު ރައްކާކުރެވިފައި ހުއްޓެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ދަރަންޏެއް ނުނަގައި ސުކޫކުގެ ފައިސާ އަދާކުރެވުނެވެ. އަދި އިންޑިޔާގެ ރިޒާވް ބޭންކުން ނެގި ކަރަންސީ ސްވޮޕުގެ 400 މިލިއަން ޑޮލަރާއި 2019 ވަނަ އަހަރު އިންޑިޔާއިން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން އޭޕްރީލު މަހުގައި ދައްކަންޖެހޭ 50 މިލިއަން ޑޮލަރުވެސް ދިވެހި ދައުލަތުގެ އަމިއްލަ ބާރުވެރިކަމުގައި ދައްކައި ހަލާސްކުރެވުނެވެ.
މިދެންނެވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗްއިން ރާއްޖޭގެ ރޭޓީން “ސީސީ” އިން “ސީސީސީ-“ އަށް މިއަދުވަނީ މަތިކޮށްފައެވެ. އެއް ދަރަޖައިގެ މި ކުރިއެރުމަކީ ދުނިޔެއަށް ކުރިމަތިވެފައި އޮތް އިގުތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް ރާއްޖޭގެ މާލީ ހާލަތާއި، ސަރުކާރުގެ މާލީ އަދި އިގުތިސާދީ ސިޔާސަތުތަކާމެދު މާލީ އިދާރާތަކާއި އެކުވެރި ދައުލަތްތަކުގެ އިތުބާރު އޮތްކަމަށް ދަލީލުކުރާ އަލިގަދަ ހެއްކެކެވެ.
ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ދަތިތަކުން ރާއްޖެ ސަލާމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ހަރުދަނާކަން ފިޗްގެ ނިންމުމުން ޔަޤީންވެ ކަށަވަރުވެއެވެ. އެހެންކަމުން އެމަނިކުފާނާއި ދިވެހި ސަރުކާރަށް މިކާމިޔާބުގެ ވަގުތުގައި މަރުޙަބާ ދަންނަވައި މި ޕާޓީގެ ނަމުގައި ޝުކުރު އަދާކުރަމެވެ.
ފައިލް ޑައުންލޯޑްކުރައްވާ
ޝެއަރ ކުރުމަށް