3rd May 2026
ނޫސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީޑިޔާއާއި ނޫސްވެރިންނަށް ތަހުނިޔާ އަރިސްކުރުމާއެކު މިނިވަން ނޫސްވެރިކަމަށް ފަހި މާހައުލެއް ޤާއިމުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަން
މިއަދު ފާހަގަކުރަމުން ދާ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ މީޑިޔާއަކަށާއި، މި ދާއިރާގައިމަސައްކަތްކުރާ ހުރިހާ އެންމެންނަށް އަދި ހާއްސަކޮށް ދިވެހި ނޫސްވެރިންނަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރަމެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ އެ މައްޗަށް ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ދިރުމާއި މަރު ބިނާވާ އަސާސެކެވެ.ތެދު މަޢުލޫމާތުލިބުމަކީ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ރަނގަޅު ނިންމުންތައް ނިންމުމަށް ރައްޔިތުންނަށް ކޮންމެހެން ބޭނުން ޟަރޫރީ ކަމެކެވެ. ހާމަކަންބޮޑު، ޖަވާބުދާރީވަނިވި ދައުލަތެއްގެ ދެމިއޮތުން ބިނާވަނީ، ދައުލަތުގެ ހުރިހާ ބާރުތަކެއްގެ މައްޗަށް ފާރަވެރިވުމާއެކު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަންކަމުގެ ޙަޤީޤަތް ބަޔާންކޮށްދޭ މިނިވަން ނޫސްވެރިކަމުގެ މައްޗަށެވެ.
ނަމަވެސް ނޫސްވެރިކަމާއި މަޢުލޫމާތު ފެތުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު،ފަރުދުންނާއި މުޖުތަމަޢުގެ ޙައްޤުތަކަށް ރައްކާތެރިވެވޭ ގޮތަށެވެ. އެއްވެސް މީހެއްގެ އަސާސީ ޙައްޤުތައް ނިގުޅައިގަތުމަށާއި، މުޖުތަމަޢުގެ އާންމުމަސްލަހަތު ނަގައިލުމަށް ބޭނުންކުރެވޭ އާލަތަކަށް ނޫސްވެރިކަން ވެގެން ނުވާނެއެވެ. އަޅުގަނޑުމެން ކުރާ އެހެނިހެން ކަންތައްތަކެކޭ އެއްފަދައިން ނޫސްވެރިކަމުގައިވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޚުލާޤީ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ ސުލޫކު ބެހެއްޓުމަކީ ދީނީ އަޚުލާޤީ ޒިންމާއެކެވެ.
ޒިންމާދާރު މިނިވަން ނޫސްވެރިކަމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މި ޕާޓީން ޝުކުރު އަދާކުރަމެވެ. ދައުލަތުގެ އެންމެ އިސްވެރިޔާއާ ހަމައިން ފެށިގެން، ވަޒީރުންނާއި، ވަކިވަކި އިދާރާތަކުގެ ވެރިންނާ ހަމައަށް ހުރިހާ ބޭފުޅުން މީޑިޔާއަށް އިންތިޒާމީ ގޮތެއްގައި މަޢުލޫމާތު ހާމަކުރައްވާ ޖަވާބުދާރީ ވެވަޑައިގަތުމަކީ މީގެ ކުރިން ދެކެފައިވާ ކަމެއް ނޫނެވެ.ނޫސްވެރިކަން ތަރައްޤީކުރުމަށާއި ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިތައްކަމުގައިވާއިރު، މީޑިޔާތަކަށް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ދެއްވަން ފެށްޓެވުމަކީ، މި ދާއިރާ ހަރުދަނާ ކުރެއްވުމުގެ ރާސްތާގައި ސަރުކާރުން އެޅި ތަޢުރީފު ޙައްޤު ފިޔަވަޅެކެވެ.
ޕީއެންސީގެ ސަރުކާރެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓައި، ނޫސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީ، ދިވެހި ނޫސްވެރިންނަކީ ފަންނީ ގޮތުން ޤާބިލު ޒަމާނަށްއަންނަމުންދާ ބަދަލުތަކާއި ފައިހަމަކުރެވޭ މިންވަރުގެ ހުނަރުވެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް އެހީތެރިވަމުންދާނެ ކަމުގެ ޔަޤީންކަން މި ޕާޓީއަށް އެބަ އޮތެވެ.
މި ޕާޓީން ޒިންމާދާރު ޖަވާބުދާރީ ކުރުވަނިވި ތެދު ޙަޤީޤަތް ހާމަކުރާ ނޫސްވެރިކަމަށް އަބަދުވެސް ހިތްވަރުދޭނަމެވެ. ދިވެހި ނޫސްވެރިކަމަށް ފަހި މުސްތަޤުބަލަކަށް އެދެމެވެ.
_____________________
15 ޛުލްޤައިދާ 1447
3 މޭ 2026