29th April 2026
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙު ނެގެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމުމުން މަރުޙަބާ ކިޔުން
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން އިންތިޚާބުކުރެއްވި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް، ސިޔާސީ ޕާޓީ ބަދަލުކުރެއްވުން ދުސްތޫރީ ގޮތުން މަނާވާނެ ގޮތަށް ގެނެވުނު އިޞްލާޙު ދެމެހެއްޓެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުުން ނިންމި ނިންމުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މަރުޙަބާ ދަންނަވަމެވެ.
ސުޕްރީމް ކޯޓުގެ މިއަދުގެ ނިންމެވުމުގައި ފާހަގަކުރެއްވި މުހިއްމު ނުކުތާތަކުގެ ތެރޭގައި، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި ތަންްފީޒުކުރެވޭ އުޞޫލެއްކަމާއި، ދިވެހިރާއްޖެފަދަ ރިޔާސީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުއަސާސީތަކަށް ޢަމަލުކުރަމުންދާ ޤައުމުތަކުގައިވެސް މިފަދަ އުޞޫލުތައް ތަަޠުބީޤުކުރަމުންދާކަން އަދި އެ ޤައުމުތަކުގެ ޤާނޫނުއަސާސީތަކުގައި އެ އުޞޫލު އެކަށައަޅާފައި ހުރިކަން ފާހަގަކޮށްފައިވެއެވެ.
އަދި މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަޖިލީހުގެ އިސްތިޤުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަކޮށްފައިވެއެވެ. އިތުރަށް އެ ނިންމެވުމުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރެއްވުން މަނާކުރުމަކީ ޤާނޫނުއަސސީން ކަށަވަރުކޮށްދޭ އެއްވެސް ޙައްޤަކަށް އުނިކަން ލިބޭނެ ކަމެއް ނޫން ކަމަށެވެ.
އިތުރަށް ޙުކުމުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަަރުން ދައުރުގެ ތެރޭގައި މަޖިލީހުގެ މަޤާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑު ޤާނޫނުއަސާސީގައި ބަޔާންކޮށްފަައި އޮތް ގޮތަށް ގެނެވުނު އިޞްލާޙަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލަަށް ބަދަލެއް އަދި އުނިކަމެއް ނާންނާނެކަން ކަށަވަރުކޮށްދޭނެ އިސްލާހެއް ކަމަށެވެ.
ތަޅުން ހުރަސްކޮށް ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުޞޫލަކީ ރައްޔިތުންގެ މަންދޫބުންގެ ނަޒާހަތްތެރިކަން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ޖަވާބުދަރީވުން އިތުރުކުރުމުގެ ގޮތުން އެހެނިހެން ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް އަމަލުކުރަމުންދާ އުޞޫލެއްކަން ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ.
ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކުރި ޙަޤީޤަަތްތަކުގެ އަލީގައި ސަރުކާރުން ހުށަހަޅައި، މި ޕާޓީގެ އަޣުލަބިއްޔަތު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި މި އިޞްލާޙަކީ، ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް، ޤާނޫނު ހަދާ މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމުގެ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަޤީންވާނެއެވެ. މި ބަދަލުގެ ބޭނުމަކީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އައި ނޭދެވޭ ކަންކަމުން އަރައިގަތުމަށް މަގުކޮށުމެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި މި ޕާޓީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ އުނިކަންކަން އިޞްލާޙުކުރައްވައި، ހަމަޖެހުމާއި ތަރައްޤީއަށް މަގުފަހިވާނެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރެއްވުމާއެކު އެންމެހައި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދެއްވުމެވެ. މި ޕާޓީން ކުރިއަށް އޮތް ތަނުގައިވެސް ޢަމަލުކުރަމުންދާނީ ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށްކަން ޔަޤީންކޮށް އަރުވަމެވެ.
ފައިލް ޑައުންލޯޑްކުރައްވާ
ޝެއަރ ކުރުމަށް