14th October 2024

ކުޑަކުދިންނާއި ޒުވާނުންނަށް އެތައް ގެއްލުމެއް ލިބޭ ވޭޕުގެ ބާވަތްތައް މަނާކުރައްވަން ނިންމެވީތީ ރައީސަށް ޝުކުރު ދަންނަވަން

ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަސްތުވާތަކެތި ފެތުރުމަށް މިހާރަކަށް އައިސް ބޭނުންކުރަމުންދާ ވޭޕާއި އެއާ ގުޅުންހުރި އެކި ބައިތަކާއި ބާވަތްތަކުގެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަރިސްކުރުމާއެކު މަރުޙަބާ ދަންނަވަމެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެދިފައިވާ ގިނަ ދިރާސާތަކުން ސާބިތުވާ ގޮތުގައި ވޭޕަކީ ދުންފަތުގެ އެހެނިހެން ބާވަތްތަކަށްވުރެ ނުރައްކާތެރި ގެއްލުން ބޮޑު އެއްޗެހިތަކެކެވެ. އޭގެ ސަބަބުން ޒުވާނުންގެ ފުއްޕާމޭގައި ފެން އުފެދި ލިބޭ ގެއްލުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުންގެ ފުރާނައަށް ނުރައްކާވާކަމީ މިހާރު ރެކޯޑުކުރެވި ސާބިތުވެފައިވާ ޙަޤީޤަތެކެވެ. 

ވޭޕުގެ ޞިއްޙީ ނުރައްކާތަކުގެ އިތުރަށް ވޭޕު ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ފެތުރެމުންދާއިރު ވޭޕުގެ އެކި ބައިތައް ބޭނުންކޮށްގެން މަސްތުވާތަކެތި ކުޑަކުދިންނާއި، ޒުވާނުންގެ މެދުގައި ފަތުރަމުންދާކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވެއެވެ. އެ ޙަޤީޤަތްތަކުގެ އަލީގައި މާހިރުންނާއި މަދަނީ ޖަމްޢިއްޔާތަކާއި ޞިއްޙީ ދާއިރާގެ މާހިރުން ވޭޕު މަނާކުރުމަށް ގޮވައިލައްވަމުންދާތާ އަހަރުތަކެއްވެފައިވާއިރު މިހާތަނަށް މިކަމުގައި ފާއިތުވި ސަރުކާރުތަކަށް އޮތީ ފިޔަވަޅެއް ނޭޅިއެވެ. 

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެތަކެތި ރާއްޖެ އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ޙައްޤުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެކެވެ. އެއީ އަންނާން އޮތް ދިވެހި ޖީލުތައް ޙިމާޔަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި މި ޕާޓީން ޤަބޫލުކުރަމެވެ. އަދި ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރާ ޙާލު ޤައުމުގެ މުސްތަޤުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެހާ އިދާރާތަކާއި ވިޔަފާރިތަކާއި ޢާންމު ފަރުދުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރަމެވެ.

ފައިލް ޑައުންލޯޑްކުރައްވާ

ޑައުނލޯޑު ފައިލް އެއް ނެތް

ޝެއަރ ކުރުމަށް