Article Image

ޑިޖިޓަލް ޑިވައިޑަކީ ތަރައްގީއާއި ފުރުސަތުތަކާއި އަދުލަށް އޮތް ހުރަހެއް: ރައީސް

ޝެއަރ ކުރުމަށް

ޑިޖިޓަލް ޑިވައިޑް ނުވަތަ ޑިޖިޓަލް ވަސީލަތްތަކަށް އެއް ބަޔަކަށް އެކްސެސްވެވިފައި އަނެއް ބަޔަކަށް އެކްސެސް ނެތުމަކީ ތަރައްޤީއަށާއި ފުރުސަތުތައް ލިބުމަށާއި ޢަދުލުވެރިކަމަށް އެޅިފައި އޮތް ހުރަހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސމިޓް އޮފް ދަ ފިއުޗާގައި ކުރިއަށްގެންދިޔަ ތިންވަނަ ޑައިލޮގް؛ "ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ؛ ސްޓްރެންތަނިން އިންކްލޫސިވް އިނޮވޭޝަން އެންޑް ކޯޕަރޭޝަން ޓު ބްރިޖް ދި ޑިޖިޓަލް ޑިވައިޑް" ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޑިޖިޓަލް ޑިވައިޑް ކުޑަކުރުމަށް ކުރަންޖެހޭ އެއްކަމަކީ ޑިޖިޓަލް އިގުތިސާދުގައި ބައިވެރިވުމަށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށް ބާރުވެރިކުރުވުން ކަމަށެވެ.

އެ އަމާޒު ހާސިލުކުރުމަށް ރާއްޖެއިން ޑިޖިޓަލް ހުނަރުތައް ފޯރުކޮށްދީ ހުނަރު އައުކޮށްދީ ރާއްޖޭގެ އުފެއްދުންތެރިކަމާއި އިގުތިސާދު ސިންދަފާތުކުރުމަށް އިންވެސްޓުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ކުދި ވިޔަފާރިތަކަށާއި އަމިއްލައަށް މަސައްކަތްކުރާ ފަރުދުންނަށް ދުނިޔޭގެ މަސައްކަތު ހަކަތައާއި ބާޒާރުތަކުން ޖާގަ ހޯދައިދިނުމަށް އިންވެސްޓުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ޑިޖިޓަލް ތަރައްޤީއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މުހިއްމު ކަމެވެ.

އެގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއާއި އީޖާދުތަކަކީ 2030 އަށް ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ތަރައްގީގެ އެޖެންޑާ ހާސިލުކުރުމަށް ޒަރޫރީ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ އެ އެޖެންޑާ ހާސިލުކުރެވޭނީ ތަރައްގީވެފައިވާ ޤައުމުތަކާއި ތަރައްގީވަމުން އަންނަ ޤައުމުތަކުން އަމަލުކޮށްފައިވާ ގޮތްތައް ބަލައި ތަންފީޒުކޮށްގެން ކަމަށެވެ.

އެގޮތުން ހަލުއި އިންޓަނެޓު ލިބޭ ނިސްބަތް އިތުރުކޮށް، އަސާސީ ޚިދުމަތްތަކަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އެކްސެސްވޭ މިންވަރު ހަރުދަނާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް އޭއައިއާ ގުޅުވައިލުމަކީ ކުރަންޖެހޭ ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ސައިބާ ސެކިއުރިޓީ ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހުއްދަނެތި ޑިޖިޓަލް ވަސީލަތްތަކަށް ވަނުމާއި، އެކައުންޓުތައް ހެކުކުރުމާއި، ޑަޓާ ޕްރައިވަސީއާ ގުޅުންހުރި ގޮންޖެހުންތަކަކީ ޙަޤީޤީ ގޮންޖެހުންތަކެއް ކަމަށެވެ.

އެކަންކަމަށް ރިއާޔަތްކޮށް ނޭޝަނަލް ސައިބަސެކިއުރިޓީ އެޖެންސީއެއް ޤާއިމުކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެ އެޖެންސީގެ ބޭނުމަކީ ޑިޖިޓަލް ދާއިރާއިން ސަލާމަތާ ގުޅޭ ގޮތުން ފާހަގަވާ ކަންބޮޑުވުންތައް ހައްލުކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހކަފުޅުގައިވަނީ މިއަދުގެ އިންޓެރެކްޓިވް ޑައިލޮގުގެ ބައިވެރިން އެއްވެސް ޤައުމެއް އެއްވެސް މީހެއް ޑިޖިޓަލް ކުރިއެރުމުން ބާކީނުވާނެ ސިޔާސަތުތަކާއި އަމަލުތައް ދެނެގަތުމާމެދު ބަހުސްކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.