Article Image

ދެވަނަ ދައުރަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީގެ މެންބަރުން ރައީސް ޑރ.މުޢިއްޒުގެ އަރިހުން ރަސްމީކޮށް އެދިއްޖެ

ޝެއަރ ކުރުމަށް

ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް އެދި، އެ ޕާޓީގެ މެންބަރުންގެ ފަރާތުން ހާއްސަ ގަރާރެއް ހުށަހަޅައިފިއެވެ.

ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވައިދެއްވީ ޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ.

މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ވެރިކަމުގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވަނީ ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ އަގުހުރި މަސައްކަތްޕުޅުތަކެކެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމާއި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ގާއިމުކުރެއްވުމުގެ އިތުރުން، ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ދިވެހި ފަސްގަނޑުގައި ނެތްކަން ކަށަވަރުކޮށްދެއްވާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަހުރުވެރި 'ދިވެހިންގެރާއްޖެ' ބިނާކުރެއްވުމުގެ ތަސައްވުރު ހަގީގަތަކަށް ހައްދަވައިދެއްވުމަށާއި،ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުއްވުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ހަރުދަނާ މާލީ ފިޔަވަޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން އިގްތިސާދު ސިންދަފާތުކޮށް މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމާއި، ގައުމީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކާއި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާ ނައްތާލެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ އިތުރުން، ބައިނަލްއަގްވާމީ މަސްރަހުގައި އިސްލާމްދީނުގެ ހައްގުގައްޔާއި އަހުވަންތަ ފަލަސްޠީނުގެ ދިފާއުގައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ރައީސް ޑރ. މުޢިއްޒު ގައުމަށް ގެންނަވަމުންދާ ހަމަޖެހުމާއި ތަރައްގީގެ ދަތުރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ހައްގުވާ ކަމަށް ޕާޓީގެ މެންބަރުން ދެކޭ ކަމަށް މި ގަރާރުގައިވެއެވެ.

ހުށަހެޅުނު ގަރާރުގައި ބަޔާންކޮށްފައިވަނީ، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ދިވެހި ގައުމާއި އެންމެހާ ރައްޔިތުންގެ ދުރުމުސްތަގުބަލަށާއި ލާބައާއި މަންފާއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކޭ ހިނދު. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ވާދަކުރެއްވުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ފަރާތުން ދެންނެވުމަށްޓަކައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުން މި ގަރާރު އެކަށައަޅައި އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރަސްމީކޮށް ދެންނެވުމުގެ ގޮތުން މި ގަރާރު މި މަޖިލީހުން ފާސްކުރެއްވުމަށް ހުށަހަޅަން" ގަރާރުގައިވެއެވެ.

މި ގަރާރާ ގުޅިގެން މަތީ މަޖިލީހުގައި ބަހުސް ފަށާފައިވާއިރު، މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕާޓީގެ މެންބަރުންގެ ފަރާތުން ރައީސް މުޢިއްޒުގެ އަރިހުން ރަސްމީކޮށް އެދުނު ފަހަރެވެ.